Hafthaa eh therey hatharu missile uthuru Korea in test koffi
image
އުތުރު ކޮރެއާއިން ޓެސްޓް ކުރި މިސައިލެއް-- ފޮޓޯ: އޭއެފްޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހަފްތާއެއް ތެރޭ ހަތަރު މިސައިލް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން ސިލްސިލާ ގޮތެއްގައި މިސައިލް ޓެސްޓުތަކެއް ހަދަމުންދާ ދަނޑިވަޅެއްގައި، މި ހަފްތާ ތެރޭގައި ހަތަރު މިސައިލް ޓެސްޓުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އުތުރު ކޮރެއާއިން ދެ މިސައިލް ޓެސްޓު ކޮށްފައި ވާއިރު މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް އެގައުމުން ވަނީ ދެ މިސައިލް ޓެސްޓްކޮށްފަ އެވެ. މިއީ ދެ ހަފްތާއެއްހާ ދުވަސް ތެރޭ އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރި ފަސް ވަނަ ފަހަރެވެ.

ބުދަ ދުވަހު ދެ މިސައިލެއް ޓެސްޓްކޮށްފައި ވަނީ ދެކުނު ހުވާންޔޭ ޕްރޮވިންސުން އިރުމަތީ ކަނޑާ ދިމާލަށެވެ. ބުދަ ދުވަހުގެ މިސައިލްތައް ވަނީ 37 ކިލޯމީޓަރުގެ އެލްޓިޓިއުޑެއްގައި 450 ކިލޯމީޓަރަށް ދަތުރުކޮށްފަ އެވެ.

މިއަދު ހެނދުނު ދެ މިސައިލް ލޯންޗްކޮށްފައި ވަނީ ދެކުނު ހެމްޔޮން ޕްރޮވިންސްގެ ހަމްހަން ސިޓީ ކައިރިންނެވެ. މި ދެ މިސައިލް ވަނީ 48 ކިލޯމީޓަރުގެ އެލްޓިޓިއުޑެއްގައި 400 ކިލޯމީޓަރެއްހާ ދުރަށް ދަތުރުކޮށްފަ އެވެ.

ދެކުނު ކޮރެއާގެ މިލިޓަރީން ބުނި ގޮތުގައި މި ހަތަރު މިސައިލަކީ ވެސް ޝޯޓް ރޭންޖް ބަލިސްޓިކް މިސައިލްތަކެކެވެ.

އުތުރު ކޮރެއާއިން މިސައިލްތަކެއް ޓެސްޓްކޮށްފައި ވަނީ އެމެރިކާއާ ދެކުނު ކޮރެއާއިން ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެކެވެ. އެ ދެގައުމުގެ އަސްކަރީ ތަމްރީންތަކާމެދު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އުތުރު ކޮރެއާއަށް ވެފައިވާ އެއްބަސްވުންތަކާއި ހިލާފު ކަމެއްކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.
ހިޔާލު