Gaanoonu aumuge kurin huhdha libunu vakeelun ithuru huhdha eh beynumeh nuvaane
image
ބާ ކައުންސިލްގެ މެންބަރުން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ގާނޫނު އައުމުގެ ކުރިން ހުއްދަ ލިބިފައިވާ ވަކީލުން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެ: ބާ ކައުންސިލް

ދާދިފަހުން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ހުރިހާ ވަކީލުންނަށް އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފި އެވެ.
މީގެ ކުރިން ވަކީލުންނަށް ހުއްދަ ދެމުން ދިޔައީ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން އެކުލަވާލާފައިވާ އޮންނަ ގޮތުގައި ވަކީލު ކަމުގެ ހުއްދަ ލިބުނަސް، ޖުޑީޝަލް އެކަޑަމީން ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރަންދެން އެ ވަކީލުން ތިބެން ޖެހޭނީ ޓްރޭނީ ވަކީލުންގެ ގޮތުގައެވެ. އެހެންކަމުން ޓްރޭނީ ވަކީލުންނަކަށް ކޯޓުތަކުގައި ވެސް އަދި ޓްރައިބިއުނަލްތަކުގައި ވެސް ވަކާލާތު ކުރުމުގެ ހުއްދައެއް ނުލިބެއެވެ.

ނަމަވެސް ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ ބެލެނެވެރި ފަރާތަކަށް ވަނީ މި ގާނޫނުގެ ދަށުން ދާދި ފަހުން އިންތިހާބުކޮށް އެކުލަވާލާފައިވާ ބާ ކައުންސިލެވެ. އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާރު ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ހުރިހާ ވަކީލުންނަށް ވެސް، އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށެވެ. އަދި އެ ވަކީލުންނަށް ތަހުގީގީ އިދާރާތަކާއި އެހެން މުއައްސަސާތަކަށް ވެސް ހާޒިރުވުމުގެ ހުއްދަ އޮންނާނެ ކަމަށް ވެސް ވެއެވެ. ނަމަވެސް މިއީ ހަމައެކަނި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމަށް އެކަނި ދެވޭ ހުއްދައެކެވެ.

ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ މިވަގުތު އޮންނާނީ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވެސް، އެކަމުގެ ހުއްދަ އޮތް ވަކީލުންނަށް އެކަންޏެވެ. ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް އެ ކައުންސިލުން އެކުލަވާލާ ގަވާއިދުގެ ދަށުން ހުއްދަ ދެވޭނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ ވަކީލު ކަމުގައި ވަކި މުއްދަތަކަށް ތަޖުރިބާ ލިބުމުންނެވެ. ނުވަތަ ކަނޑައެޅޭ ވަކި އަދަދަކަށް ދަށު ކޯޓުތަކުގައި ވަކާލާތު ކޮށްގެންނެވެ.
ހިޔާލު