Bar council ah hiley masahkaiy kohdheyne vakeelun hoadhanee
image
ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބާ ކައުންސިލަށް ހިލޭ މަސައްކަތް ކޮށްދޭނެ ވަކީލުން ހޯދަނީ

ގާނޫނީ ފަންނުގެ ބިލާއެކު އުފެދުނު ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތަކޮށްދޭނެ ގާނޫނީ ވަކީލުން ހޯދުމަށް އެ ކައުންސިލުން އިއުލާންކޮށްފި އެވެ.
ކައުންސިލްގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވާކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި އެ ވާކިން ގްރޫޕަށް ހިލޭސާބަހަށް މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ގާނޫނީ ވަކީލުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ވާކިން ގްރޫޕްގައި މަސައްކަތްކުރުމަށް އެދޭފޯމް ހުށަހެޅުމަށް ބާ ކައުންސިލުން އެދެއެވެ. ފޯމާއެކު އައިޑީ ކާޑުގެ ކޮޕީއަކާއި ވަނަވަރު ވެސް ހުށަހެޅަންވާނެ އެވެ.

ވަކީލުންގެ ހުށަހެޅުންތައް ފޮނުވަން ޖެހެނީ ބާ ޖަމާލުއްދީނުގައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަގުތީ އޮފީހަށް ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ [email protected] އީމެއިލަށެވެ.

ވާކިން ގްރޫޕްގެ މަސައްކަތްތަކުގެ ތެރޭގައި ދާއިމީ ސަބް ކޮމިޓީތަކުގެ މެންޑޭޓާއި، އިޖްރާއަތްތަކާއި، ސަބް ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމުގެ އުސޫލު އެކުލަވާލުން ހިމެނެއެވެ. އޭގެ އިތުރުން އެކޮމިޓީތަކުން މެންބަރުން ވަކިކުރުމުގައި އަމަލުކުރާނެ ގޮތާއި، ސަބް ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަދެވޭނެ އުސޫލެއް ވެސް ވާކިން ގްރޫޕުން އެކުލަވާލަން ޖެހޭނެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާ ކައުންސިލުން ދާއިމީ ފަސް ކޮމިޓީއެއް އެކުލަވާލަން ވާނެއެވެ. އެއީ ލައިސެންސިން ކޮމިޓީ، އެތިކްސް ކޮމިޓީ، އިސްތިއުނާފް ކޮމިޓީ، ގާނޫނީ ތައުލީމު ކޮމިޓީ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއެވެ.
ހިޔާލު