India aai Pakistan ah ves moosun goas, 110 meehun maruvejje!
image
އިންޑިއާގައި ފެންބޮޑުވެފައި--
0 ކޮމެންޓް
 

އިންޑިއާ އާއި ޕާކިސްތާނަށް ވެސް މޫސުން ގޯސް، 110 މީހުން މަރުވެއްޖެ!

މޫސުން ގޯސްވެ، އިންޑިއާ އާއި ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި 110 މީހުން މަރުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ބުނީ އިންޑިއާގައި އެންމެ މޫސުން ގޯސްވެފައި ވަނީ ކެރަލާ އަށް ކަމަށެވެ. އެތަނުން އެކަނިވެސް 57 މީހުން ވަނީ މަރުވެފަ އެވެ.

ކެރަލާގެ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި 165،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފަ އެވެ.

ކަރްނަޓަކާ ގައި ވެސް 31 މީހުން ވަނީ މަރުވެފަ އެވެ. އަދި ޓަމިލް ނާޑޫ ގައި ފަސް މީހުން މަރުވެފައިވާ ކަމަށް ވެއެވެ. މޫސުން ގޯސްވުމުގެ އަސަރު ޕާކިސްތާނަށް ވެސް ދަނީ ކުރަމުންނެވެ.

އެގޮތުން ޕާކިސްތާނުގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ނުވަތަ ފެނުގެ އަސަރު ކުރުމުން ކަރަންޓުގައި ޖެހި ހަތް މީހުން މަރުވިއިރު ތިން މީހަކު މަރުވީ ގޭގެ ފުރާޅު ވެއްޓިގެންނެވެ.

ޕާކިސްތާނުގެ ކަރާޗީ އަދި ޕަންޖާބުގައި ވެސް ދަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެކި ހާދިސާތައް ހިނގަމުންނެވެ. ކޮންމެ އަހަރަކު ވެސް ޖުލައި އިން ސެޕްޓެމްބަރަށް ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސުން ގޯސްވެ އެވެ.

ރާއްޖެ އަށް ވެސް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ވަނީ ގެއްލުވެފަ އެވެ. އަދި ކަނޑުމަތީގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ އެވެ. އަދި އިންޑިއާ އާއި ޕާކިސްތާނަށް ވެސް ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އިންޑިއާ ޕާކިސްތާން
ހިޔާލު