Majileehugai kuraa interview thah Live kurumaai medhu Azim dhekolhu
image
އަލީ އާޒިމް--
4 ކޮމެންޓް
 

މަޖިލިހުގައި ކުރާ އިންޓަވިއުތައް ލައިވްކުރުމާއި މެދު އާޒިމް ދެކޮޅު

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވް ކުރުމަކީ އެކަމުގެ ސަބަބުން ވަކި މީހަކަށް ފައިދާތަކެއް ކޮށްފާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް އެފަދައިން ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވް ކުރުމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެފައި ވަނިކޮށެވެ.

ރޮޒެއިނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާ މަޖިލިހުގެ ކޮމިޓީތަކުން ކުރާ އިންޓަވިއުތައް ލައިވްކުރުން މުހިންމު ކަމަށެވެ. އަދި ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މިހާރު ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ އިންޓަވިއު ލައިވް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

އިންޓަވިއުތައް ލައިވް ކުރުމާއި ގުޅޭގޮތުން ސީއެންއެމްއާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އިންޓަވިއުތައް ލައިވް ކުރުމާއި އޭނާ ދެކޮޅު ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ވަކި މީހަކަން ނުވަތަ ވަކި ބަޔަކަށް މަންފާ ކޮށްފާނެ ކަމަށް ފެންނާތީ އެވެ.

"ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވަންތޯ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ މިހާރު އެވަނީ ބައެއް ބޭފުޅުން ކުރިމަތިލައްވާފައި. އެބޭފުޅުންގެ ތެރޭގައި އެބަ ހިމެނިވަޑައިގަންނަވާ ޓީވީއެއްގައި މަސައްކަތްކޮށް މީިޑިއާގެ ދާއިރާގައި އެތައް އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައި ހުންނެވި ބޭފުޅެއް. އެބޭފުޅާއަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ދެއްތޯ މަޖިލީހުގެ ކޮމެޓީން އިންޓަވިއު ކުރައްވާނީ ކިހިނެއްކަން، ސުވާލުތައް އަންނާނީ ކިހިނެއްކަން. އެކަމަކު ދެން ހުންނެވި ބޭފުޅާއަށް އެކަންކަން ނޭނގޭނެ ދެއްތޯ. ވަކި ބޭފުޅަކަށް މަންފާއެއް ދެއްތޯ މި ލިބެނީ،" އާޒިމް ވިދާޅުވި އެވެ.

އިތުރަށް އާޒިމް ވިދާޅުވީ ފަސް މެންބަރުން ހޮއްވަވާ ކޮމިޝަނަކަށް ހަތަރު ބޭފުޅުންނާއި އިންޓަވިއު ކޮށް ނިންމާއިރު ބާކީ ހުންނަވާ ފަސްވަނަ ބޭފުޅާ ނުވަތަ އެ އިންޓަވިއުއަށް ވަޑައިގަންނަވާ އެންމެ ފަހު ބޭފުޅާ ކޮމިޝަނަށް ހޮވިވަޑައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސަބަބަކީ އެބޭފުޅާ ހުންނަވާނީ ޓީވީން އެ އިންޓަވިއުގެ އަޑު އައްސަވައިގެން ސުވާލުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ލައިވްކޮށް އެއްޗެއް ދެއްކުމަކީ ޓްރާންސްޕޭރެންޓު ވުމެއް ނޫން. އެއީ އެހެން މީހަކު ފެއިލް ކޮށްލުން ކަމަށް ވެސް ބުނެވިދާނެ. ލައިވް ކުރުމަކީ ވަރަށް ބޮޑު ޑިސްއެޑްވާންޓޭޖެއް އެކަމުގައި އޮތް ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އަލީ އާޒިމް ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ކުރިމަތިލައްވައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ދެ ބޭފުޅުންގެ ނަމާ އެކު އިތުރު ދެ މީހެއްގެ ނަން ވެސް ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަޔާޒަކީ އެވިޑް ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަ އެވެ. އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ފިޔާޒް ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ.
ހިޔާލު

އިދްރީސް

މީގެ ކުރިން ރައީސް ޔާމީނު ގެ ސަރުކާރަށް ހަޖޫޖަހާ ނުގޮވާކަ އެއްޗެއްނެއް. ކުރި އެއްވެސް ރަނގަޅުކަމެއް އިއިރު ނެއް. މިހާރު މިދަނީ ކޮން މަގަކުންތޯ! ކޮން އުސޫލަކުންތޯ؟ މެޖޯރިޓީލިބި (ފަޅި) ވެފަނޫންތޯ ތިތިއްބެވީ! ރައީސް އިބޫ ފެކްސަން އަކާއި ރައީސް ނަސީދު ފެކްސަން އުފެދިއްޖެނޫންތޯ! ދާއިމީ މޭސްތިރި ފޮރިންމިނިސްޓަރ ހުއްނެވި ގޮތް ސާފުނޫން

ލީމަން ޒާހިރު

އަމިއްލަ މަންފާ އަށް ކަންކަން ކުރަން ބޭނުންވާ ނާޖާއިޒު ފައިދާ ނަގާ މީހުން މީޑިޔާދެކެ ވަރަށް ބިރުގަންނާނެ..

ވަގުން ސިފައިން ދެކެ ބިރުގަންނަ ފަދައިން...

ސސ

ބަލަ ތިމީހުން އައީ ހުރިހާ ކަމެއް މީޑިޔާކޮށް ލައިވުކުރަން ނުންތޯ؟ ތިހާ ފަސްޖެހެނީ ކީއްވެތޯ؟

އަލިމަނިކު

މިޤައުމުގެ ކަންތައްގޮސްފައިވާ ޙާލަތަށްބަލާއިރު ރަޢިއްޔަތުންނަށް އެނގޭގޮތަށް ކަންތައްކޮށްގެންނޫނީ ވެރިންނަށް އިތުބާރުކުރެވޭކަށްނެތެވެ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ކަންތަކަށް އިހުމާލުވެ، ވެރިންގެއިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންނަށް ނޭނގޭގޮތަށް އެއްކަމެއްވެސް ކޮށްގެންނުވާނެއެވެ. މަޖިލީހަކަށްވެސް އަދި ސަރުކާރަކަށްވެސް އިތުބާރުކުރެވޭކަށްނެތެވެ. ކޮށްފައިހުރި ކަންތައްތަކުގެ ބަދަލުދޭންޖެހުމުން ރައްޔިތުންމިތިބީ ދަރާވިކިފައެވެ. މިރިމިރިކޮޅަށް އެކަން ދުއްވޭކަށްނެތެވެ. ޢާޒިމް ތިވިދާޅުވާވާހަކަ ގޯހީކީނޫނެވެ. އެކަމަކު ޙާލަތަށް ބަލާއިރު ރޮޒައިނާއަށް ބޮޑަށް ތާއީދުކުރެވެއެވެ.