Faahaana thahtah vure 400 guna ithurah key board ga jaraaseemu!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފާހާނަ ތައްޓަށް ވުރެ 400 ގުނަ އިތުރަށް ކީބޯޑުގައި ޖަރާސީމު!

ފާހާނާ ނުވަތަ ބަދިގެ ސާފުކުރުމަކީ ދުވާލަކު އެއް ފަހަރު ނަމަވެސް ކުރާ ކަމަކެވެ. އެތަންތަން ސާފުތާހިރުކޮށް ބަހައްޓަން ބޮޑު ސަމާލުކަމެއް ދޭއިރު ތިމާ މަސައްކަތް ކުރާ އޮފީހުގައި ނުވަތަ ދުވާލުދާ ހަތަރުދަމު އިންނަ ކޮމްޕިއުޓަރު ސާފުކުރަން ވިސްނާލީ ކިތައް ފަހަރު ހެއްޔެވެ؟
ކޮމްޕިއުޓަރު ކީބޯޑަކީ އޭގައި އެތައް ގުނައަކަށް ޖަރާސީމް ހުންނަ އެއްޗެކެވެ. ސައިންސްގެ ދިރާސާއަކުން ދައްކާ ގޮތުން ފާހާނާ ތަށީގައި ހުންނަ ވަރަށް ވުރެވެސް ގިނައިން ކީބޯޑުގައި ޖަރާސީމް ހިމެނެ އެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުން ކީބޯޑުގައި ގިނަ އަދަދަކަށް ޖަރާސީމް ހުންނަ ކަމަށާއި އަދި އެކަކު ބޭނުންކުރާ ކީބޯޑަކަށް ވުރެ ބޮޑަށް ގިނަ މީހުން ބޭނުންކުރާ ކީބޯޑުގައި އެއަށް ވުރެ އިތުރަށް ޖަރާސީމް ހުންނަ ކަމަށެވެ.

ހަމަ އެހެންމެ އެމެރިކާގެ ޔުނިވާސިޓީ އޮފް އަރިޒޯނާ އިން ހެދި ދިރާސާއިން ދައްކާ ގޮތުން ފާހަނަ ތަށްޓަށް ވުރެ 400 ގުނަ އިތުރަށް ޖަރާސިމް ކީބޯޑުގައި ހުރެއެވެ. އަދި ފިރިހެނުންނަށްވުރެ އަންހެނުން ބޭނުންކުރާ ކީބޯޑުގައި ހުންނަ ޖަރާސީމުގެ މިންވަރު ގިނަ ކަމަށް ވެސް އެ ދިރާސާއިން ދެއްކި އެވެ.

ކީބޯޑުގައި އެ ހުންނަ ޖަރާސީމްތައް އަންނަނީ އަހަރުމެންގެ ހަށިގަނޑުންނެވެ. އަތުން، އަނގައިން، ނޭވާލާ ނިޒާމުން ނުވަތަ އެހެން ޒަރިއްޔާއަކުންނެވެ.

ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ނޫނީ އެ ޖަރާސީމް ތަކުން ގެއްލުމެއް ނުލިބުނަސް އަތުން ނުވަތަ އިނގިލީގެ ތަންކޮޅެއް ކަނޑައިގެން ގޮސްފައި ހުއްޓައި ކީބޯޑު ބޭނުންކޮށް ޖަރާސީމް ހަށިގަނޑަށް ވަދެ އޭގެ ސަބަބުން މީހާ އަށް ނޭދެވޭ އަސަރުތައް ކުރުން ބޮޑެވެ.

އެހެންކަމުން ހަފްތާއަކު އެއް ފަހަރު ނަމަވެސް ކީބޯޑު ސާފުކޮށް ކޮންމެ ފަހަރަކު ކީބޯޑު ބޭނުންކޮށް ނިމުމުން އަތް ދޮންނަން ކޮންމެ މީހަކު އާދަ ކުރާށެވެ.
ސިއްހަތު
ހިޔާލު