Beyrah hingun ithuru vejje, saafu thaahiru kamah samaalu vamaa!
image
އައިޖީއެމްއެޗް-- ފޮޓޯ: ފެށުން
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ބޭރަށް ހިންގުން އިތުރުވެއްޖެ، ސާފުތާހިރު ކަމަށް ސަމާލުވަމާ!

މިދިޔަ މަހުން ފެށިގެން ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮނޑުލުން އަނެއްކާވެސް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ބުނެފަ އެވެ. އެޗްޕީއޭ އިން ބުނެފައި ވަނީ މިއީ އެހެން އަހަރުތަކުައި ވެސް ޖުލައި މަހު ދިމާވާ ކަމެއް ކަމަށެވެ.
"މިހާރު ގިނައިން ފެތުރެމުން މިދަނީ ވައިރަލް ޑަޔަރިއާ. އެއީ ބަލީގެ އަސަރުކޮށްފައިވާ މީހުން ރަނގަޅަށް އަތް ނުދޮވެ، ކާބޯތަކެއްޗާއި، އެހެން ތަންތަނުގައި އަތްލުމުން އެހެން މީހންނަށް ވާސިލްވާ ފަދަ ބޭރަށް ހިންގުން،" އެޗްޕީއޭ އިން ބުނެފައި ވެއެވެ.

މިއަހަރުގެ ތެރޭގައި ބޭރަށް ހިންގުން އެންމެ ގިނަވެފައި ވަނީ ޖެނުއަރީ މަހުގަ އެވެ. އެ މަހު 5500 މީހުން ބޭރަށް ހިންގައިގެން ރިޕޯޓު ކުރި އެވެ. ދެވަނަ އަށް އެންމެ ގިނައީ ޖުލައި މަހު އެވެ. އެއީ 3808 މީހުންނެވެ. މިއަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަހު ބޭރަށް ހިންގުން ވަނީ ފާއިތުވި ތިން އަހަރާ އަޅާ ބަލާއިރު އިތުރުވެފަ އެވެ.

އެއަށްފަހު ބޭރަށް ހިންގުން މަދުވުމަށް ފަހު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން 2016 ވަނަ އަހަރު ރިޕޯޓު ކުރި މިންވަރަށް ވުރެ މިއަހަރުގެ ޖުލައި މަހު ރިޕޯޓު ކުރި މިންވަރު އިތުރެވެ. އެކަމަކު 2017 އަދި 2018 އަށް ވުރެ މަދެވެ. ތަފާށްހިސާބަށް ބަލާއިރު، ފާއިތުވި ދެ އަހަރު ބޭރަށް ހިންގުން އެންމެ ގިނަވަނީ އޯގަސްޓް ގައެވެ.ބޭރަށް ހިންގުމުން ރައްކާތެރިވާނެ ގޮތް

ވައިރަލް ޑަޔަރިއާ ނުވަތަ ގައިން ގަޔަށް އަރާ ބޭރަށް ހިންގުމުގެ ބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ ސައިބޯންޏާއި ފެނާއެކު ރަނގަޅަށް އަތް ދޮވުމެވެ. ފާހާނާ ކުރުމަށް ފަހު އާއި ނެޕީ ބަދަލު ކުރުމަށް ފަހު، އަދި ކާތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިންނާއި ކާން ދިނުމުގެ ކައިރިން ރަނގަޅަށް އަތް ދޮވުން މުހިއްމެވެ.ބޭރަށް ހިންގުމަކީ އާއްމު ގޮތެއްގައި މީހުންނަށް ދިމާވާ ސިއްހީ މައްސަލަ އެކެވެ. އެއީ ވަރަށް އާދައިގެ ބޭރަށް ހިންގުމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ބައެއް ފަހަރު އެ މައްސަލަ ސީރިއަސްވާ ހާލަތް މެދުވެރިވެ އެވެ. ބޭރަށް ހިންގުން ދިމާވާ މީހަކު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ގިނައިން ދިޔާ އެއްޗެހި ބުއިމަށެވެ.

އާއްމު ގޮތެއްގައި ކުޑަކުދިންނަށް ބޭރަށް ހިންގުން ދިމާވުމުން ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވާނެ އެވެ. ބޮޑެތި މީހުންނަށް ޖެހިއްޖެ ނަމަ ދެ ދުވަހާއި ހަތަރު ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅު ވާނެ އެވެ.
ހިޔާލު

ސީޕޯ

ބޭރަށް ހިނގުން ތަ ހިންގުންތަ ކިހިނެއްތަ އަސްލުވީ؟؟

އަޙްމަދް

ބަލަ ތިކަމަށްވެސް ވެކްސިން ޖަހަން ފަށަން ވީނުންތޯ؟