Hong Kong ah sulha genaumah govaalaa Spiderman imaaraathakah araifi
image
ފޮޓޯ: ބީބީސީ
0 ކޮމެންޓް
 

ހޮންކޮން އަށް ސުލްހަ ގެނައުމަށް ގޮވާލާ ސްޕައިޑަމޭން އިމާރާތަކަށް އަރައިފި

ހަމަނުޖެހުން ބޮޑުވެފައިވާ ހޮންކޮން އަށް ސުލްހަ ގެނައުމަށް ގޮވާލާ، ފްރާންސްގެ "ސްޕައިޑަމޭން" ގެ ނަމުން މަޝްހޫރުވެފައިވާ މީހަކު ހޮންކޮންގެ އުސް އިމާރާތަކަށް އަރައިފި އެވެ.
އެލެއިން ރޮބަޓް އަކީ އުސް އިމާރާތްތަކަށް އެރުމަށް ކުޅަދާނަ މީހެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ސްޕައިޑަމޭންގެ ގޮތުގަ އެވެ. އޭނާ ވަނީ ހޮންކޮންގެ އިމާރާތަކަށް އަރާ، ސުލްހަ އަށް ގޮވާލާ ބެނާއެއް ހަރުކޮށްފަ އެވެ.

ސަރުކާރާ ދެކޮޅަށް ހޮންކޮންގައި ކުރަމުންދާ މުޒާހަރާތައް މިހާރު ވަނީ ހަމަނުޖެހުމަށް ބަދަލުވެފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ދަނީ ނުރައްކާތެރި ކުރިމަތިލުންތައް ހިނގަމުންނެވެ.

ޗުންގް ކޮންގް ސެންޓަރަކީ 68 ބުރީގެ އިމާރާތަކަށް ވާއިރު، އެތަނަށް ރޮބަޓް އަރާފައި ވަނީ ވާގަނޑެއް ވެސް ބޭނުން ނުކޮށެވެ. އޭނާ ބުނީ އެއީ ވަގުތުން ސުލްހަ ގާއިމް ކުރުމަށް ގޮވާލާ އޭނާ ކުރި ކަމެއް ކަމަށެވެ.

ރޮބަޓް އާއްމުކޮށް އިމާރާތްތަކަށް އަރަނީ އެއްވެސް އެންގުމަކާ ނުލައި ހުއްދަ ނުހޯދަ އެވެ. މީގެ ކުރިން އޭނާ ވަނީ ޗުންގް ކޮންގް ސެންޓަރަށް ވެސް އަރާފަ އެވެ.

މިދިޔަ އޯގަސްޓް މަހު ހޮންކޮންގެ ކޯޓަކުން ވަނީ 365 ދުވަހަށް އެ ސިޓީގެ އެއްވެސް އިމާރާތަކަށް އޭނާ އެރުން މަނާކޮށްފަ އެވެ. އަދި ފިލިޕީންސްގެ މެނިލާގައި ހުންނަ 47 ބުރީގެ ޓަވަރަކަށް އެރުމުން މިއަހަރުގެ ކުރީކޮޅު އޭނާ ހައްޔަރުވެސް ކުރި އެވެ.

މީގެ ކުރިން އޭނާ ވަނީ ދުނިޔޭގެ އެންމެ އުސް އިމާރާތް، ޑުބާއީގެ ބުރުޖް ހަލީފާ އަށް ވެސް އަރާފަ އެވެ. މެލޭޝިއާގެ ކުއަލަ ލަމްޕޫރުގައި ހުންނަ ޕެޓްރޯނަސް ޓަވަރުތަކާއި، ޓައިވާނުގެ ޓައިޕޭ 101 އިމާރާތާއި ލަންޑަންގެ ހިރޮން އިމާރާތަށް ވެސް އޭނާ އަރާފައި ވެއެވެ.
ހޮންކޮން
ހިޔާލު