AIIMS gai alifaanuge haadhisaa eh, Dhivehsakah gehlumeh nuvey
image
އެއިމްސްގައި ރޯވި އަލިފާންގަނޑު ނިންވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އެންޑީޓީވީ
0 ކޮމެންޓް
 

އެއިމްސްގައިގައި އަލިފާނުގެ ހާދިސާއެއް، ދިވެއްސަކަށް ގެއްލުމެއް ނުވޭ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިނަމަވެސް، އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި އެންބަސީން ބުނެފި އެވެ.
އިންޑިއާ ގަޑިން ހަވީރު 17:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެއިމްސްގެ ޓީޗިން ބްލޮކެއްގެ ދެ ފަންގިފިލާ އަނދާ ހުލިވެފައިވާއިރު، އެ ހާދިސާގައި އެ ތަނުގައި ކިޔަވަމުން ދިޔަ އެއްވެސް ދަރިވަރަކަށް ނުވަތަ އެ ތަނުގެ މުވައްޒަފަކަށް ވެސް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އެ ގައުމުގައި ހުންނަ ދިވެހި އެންބަސީން ބުނީ އެ ހާސިދާ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެންބަސީގެ ނަންބަރު 919910032757 + ނުވަތަ ފޮރިން މިނިސްޓްރީގެ ނަންބަރު 9607983400 + އަށް ގުޅައިގެން ހިއްސާ ކުރުމަށް އެދެއެވެ.

އަލިފާން ރޯވި ތަނަކީ ޑޮކްޓަރުކަން ކިޔަވާ ކުދިން ބޭނުންކުރާ ތަނެއް ކަމަށް ވެއެވެ. އަދި އެ ތަނުގައި ބައެއް ދިވެހި ދަރިވަރުންގެ އިތުރުން އެހެން ގައުމުތަކުގެ ދަރިވަރުން ވެސް ކިޔަވަމުން އަންނަ ކަމަށް ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަލިފާންރޯވި ޓީޗިން ބްލޮކަކީ އެއިމްސްގެ އެމެޖެންސީ ވޯޑާއި ކައިރީގައި ހުންނަ ބްލޮކެކެވެ. އަދި އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދި އެއްކޮށް ނިންވާނުލެވޭތީވެ، އެމެޖެންސީ ވޯޑް ވެސް މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައި ކަމަށް ވެއެވެ.

އެ ތަނުގައި އަލިފާން ރޯވީ ކީއްވެގެން ކަން އަދި ސާފު ނުވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ހިޔާލު