Landhoo inn dhaulathah negi 5 kudhin aailaa aa havaalukoffi
image
ލަންދޫގެ އާއިލާ ދިރިއުޅެމުން އައި ގެ-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ލަންދޫ އިން ދައުލަތަށް ނެގި ފަސް ކުދިން އާއިލާއާ ހަވާލުކޮށްފި

މިދިޔަ ޖޫން މަހު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުދިން އަލުން އަނބުރާ އާއިލާއާ ހަވާލުކޮށްފި އެވެ.
އެ އާއިލާގެ ފަސް ކުދިން ދައުލަތަށް ނެގީ ޖޫން 12 ގައެވެ. އެ ކުދިން ދައުލަތަށް ނެގީ ދިރިއުޅޭ ގޭގެ ސާފުތާހިރުކަން ނެތުމުންނެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ސީއެންއެމް އަށް ވިދާޅުވީ އެ އާއިލާގެ އެންމެ ހަގު ކުއްޖާ ހަވާލުކުރީ ޖޫން 23 ގައި ކަމަށެވެ. އަދި ބާކީ ހަތަރު ކުދިން އާއިލާއާ ހަވާލުކުރީ ޖުލައި 5 ގައި ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް މައިންބަފައިންގެ އަތުން ފަސް ކުދިން ނަގައި، ދައުލަތުގެ ބެލުމުގެ ދަށަށް އެކުދިން ގެންދިޔެއީ އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ކަމަށް ބުނެ އެވެ.

އެގޭ ތެރޭގެ ފޮޓޯތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭރު ދައުރުވި ފޮޓޯތަކުން ފެނުނީ ގޭތެރޭގައި އެއްވެސް ތަރުތީބެއް ނެތް ކަމެވެ. އެތަން މިތަނަށް އެއްޗެހި އުކާފައި ހުރިއިރު ލާން ގެންގުޅޭ ހެދުންތައް ވެސް އޮތީ ބިންމައްޗަށް އުކާފަ އެވެ.

އެކަމަކު ދާދި ފަހުން އެގެ ވަރަށް ބޮޑަށް ރީތިކޮށް ސާފުކޮށްފައިވާ ފޮޓޯތަކެއް ވެސް ދައުރުވި އެވެ. އެގޮތުން ކޮޓަރިތަކުގައި އެނދު ބަހައްޓައި ގޭގެ ފާހާނާ ވެސް ރީއްޗަށް ހަދާފައި ހުރި މަންޒަރު ފެނުނެވެ.

އެގެ އެހާ ބޮޑަށް ސާފުކޮށްފައި ވަނީ އެތަނަކީ ކުދިން އުޅެން އެކަށީގެންވާ ތަނަކަށް ހަދައިފިނަމަ ކުދިން އަނބުރާ ލިބޭނެ ކަމަށް ޖެންޑާއިން ބުނެފައި ވާތީ ކަމަށް ވެއެވެ.
ހިޔާލު