Quran mubaaraaiy thah nubaavvaa kamah vidhaaluve Shaheem dhehkevi vaahaka thah dhogu koffi
image
ގުރުއާނާ ބެހޭ މަރުކަޒު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގުރުއާން މުބާރާތްތައް ނުބާއްވާ ކަމަށް ވިދާޅުވެ ޝަހީމު ދެއްކެވި ވާހަކަތައް ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ދޮގުކޮށްފި

ސަރުކާރުން އިންތިޒާމްކޮށްގެން މިއުޒިކް ޝޯތައް ބާއްވަމުން އަންނައިރު ކުރިންގުރުއާން މުބާރާތްތައް ނުބާއްވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ތުހުމަތު ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ދޮގުކޮށްފި އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު އިބްރާހީމް އަބްދުލް ކަރީމް ސީއެންއެމް އަށް މިއަދު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއް ގޮތަށް މިއަހަރުވެސް ގުރުއާން މުބާރާތްތައް އޮންނާނެ ކަމަށާއި ހާފިޒުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތާއި ސްކޫލު ކުދިންގެ ގުރުއާން މުބާރާތް މިއަހަރު އޮންނާނީ އެއްކޮށްލައިގެން ކަމަށާއި، އެ މުބާރާތް ސެޕްޓެމްބަރު ކުރީކޮޅުގައި ފަށާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ވެބްސައިޓުގައި ބުނެފައި ވަނީ އެ މުބާރާތް އޮންނާނީ ސެޕްޓެމްބަރު 1 އިން 7 އަށް ކަމަށެވެ.

މިއަހަރުގެ ބޮޑު ބަޔެއް ނިމުނުއިރު ގައުމީ ގުރުއާން މުބާރާތާއި ސްކޫލު ކުދިންގެ ގުރުއާން މުބާރާތް ބާއްވާފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ޝަހީމް ވަނީ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުން މިދިޔަ އަހަރު ބޭއްވި ބައިނަލްއަގްވާމީ ގުރުއާން މުބާރާތް މިއަހަރު ބާއްވާނެކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން ދީފައި ނުވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިބްރާހިމް ވިދާޅުވީ މިއަހަރުގެ މިހާތަނަށް އެފަދަ ގުރުއާން މުބާރާތެއް ބޭއްވުމަށް ޕްލޭން ކުރެވިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ރޯދަ މަހުގެ ތެރޭގައި ޕީއެސްއެމުން ގެނެސްދޭ "އެންމެ އަލިގަދަ ތަރި" މުބާރާތް މިއަހަރު ބާއްވާފައި ނުވާތީ އެކަމަށް ވެސް ޝަހީމް ފާޑުވިދާޅުވި އެވެ. އެކަމަކު މިއަހަރު ވެސް އެމުބާރާތް ބޭއްވުމަށް އިޝްތިހާރުކޮށް އޮޑިޝަންތައް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މިއަހަރު އެމުބާރާތް ބާއްވާފައެއް ނުވެ އެވެ.

ގުރުއާން މުބާރާތްތަކުގެ އިތުރުން، 10 އަހަރު ދުވަހަށް އަމާޒުކޮށްގެން ކީރީތި ގުރުއާނާއި ބެހޭ މަރުކަޒުން 2013 ގައި ހާފިޒުން އުފެއްދުމަށް ފެށި މަޝްރޫއު ވެސް ހުއްޓިފައިވާ ކަމަށް ޝަހީމް ފޭސްބުކްގައި ވިދާޅުވި އެވެ. އެކަމަކު އިބްރާހިމް ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށާއި ހާފިޒުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ވެރިއެއް ނުހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ. އެކަމަކު އިބްރާހީމް ވިދާޅުވީ ރަސްމީކޮށް ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން އެތަން ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށާއި އެގޮތުން އެކަމުގައި އިސްކޮށް ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހިޔާލު