Jaluga huri nukulhedhey meehaage massala HRCM inn balanee
image
މާފުށީ ޖަލު--
0 ކޮމެންޓް
 

ޖަލުގައި ހުރި ނުކުޅެދޭ މީހާގެ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އަދި ރަނގަޅަށް ވާހަކަ ނުދެއްކޭ މީހަކު ޖަލަށްލީ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
ޖަލަށް ލާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާއެކު ހުރި މައްސަލައަކާ ގުޅިގެންނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިނގި އެ މައްސަލައާ ގުޅިގެން އޭނާ ޖަލުގައި ހުންނަތާ މިހާރު އެގާރަ މަސް ވެފައިވާއިރު އޭނާ ޖަލަށްލާފައި ވަނީ ތިން އަހަރަށެވެ.

އެ މައްސަލަ އަމިއްލައަށް އިސްވެގެން ބަލަމުންދޭތޯ ސުވާލުކުރުމުން އެޗްއާރުސީއެމުން ވަނީ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. ކުރިން އެޗްއާރްސީއެމުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނުކުޅެދުންތެރިކަމެއް ހުރި އެމީހާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި ޝަރީއަތް ހިންގުނު ގޮތަކާ މެދު އޭނާގެ އާއިލާއިން ސުވާލު އުފައްދަ އެވެ.

"އޭނާއަކީ ކުޑައިރުއްސުރެ މޮޔަ ކުއްޖެއް. ސްކޫލު ތެރޭގައި ބުލީ ކުރާތީ ގްރޭޑު ހަތަރަކާ ހަމައަށް އޭނާ ސްކޫލަށް ދިޔައީ ވެސް. ފަހުން ނުދިޔަ ސްކޫލަކަށް ވެސް. މާލޭގެ މަގުތަކުގައި އުޅޭނެ އޭނާ އަބަދުވެސް ވިހި ރުފިޔާ ދޭށޭ ކިޔާނީ. ހަމައެއް ނުވާނެ،" އޭނާގެ ހާލަތު ކިޔައިދެމުން އޭނާގެ ބައްޕަ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޖަލުގައި އޭނާގެ ދަރިފުޅަށް އަނިޔާ ކުރާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް ގޮޅީގެ ތެރޭގައި ބަޔަކު އަނިޔާ ކުރުމުން އޭނާގެ ނިތްކުރި މަތި ދުޅަވެފައިވާ ކަމަށެވެ.

އެކަމަކު ކަރެކްޝަނުން ވަނީ އާއިލާގެ ތުހުމަތު ދޮގުކޮށްފަ އެވެ. އެތަނުގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވީ އެއީ ނުކުޅެދޭ މީހެއް ނޫން ކަމަށާއި އޭނާއަށް އަނިޔާވެސް ކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން އެ ގައިދީއަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކަރެކްޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހެއް ނޫން. މިކޮޅުގައި އުޅޭ ނަފްސާނީ ބަލިތަކަށް ބޭސްކުރާ މީހުން ވެސް،" އޮފިޝަލް ވިދާޅުވި އެވެ. އެ ގައިދީއަކީ ވާހަކަ ދެއްކޭ މީހެއްތޯ އާއި ނަފްސާނީ ބައްޔެއް ހުންނަ މީހެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެކަހަލަ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.

ޖަލުގައި ހުރި މީހާގެ މަންމައަކީ ވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުން އެ އަންހެން މީހާ މިހާރު ހުރީ ގުރައިދޫ މަރުކަޒުގައެވެ.
ހިޔާލު