Trade Facilitation Agreement: Thaketheege agu heyove, ufehdhun therikan mathi vaane
image
މާލެ ވިޔަފާރި ބަނދަރު--
0 ކޮމެންޓް
 

ޓްރޭޑް ފެސިލިޓޭޝަން މުއާހަދާ: ތަކެތީގެ އަގުހެޔޮވެ، އުފެއްދުންތެރިކަން މަތިވާނެ ކަމަށް ލަފާކުރެވޭ

ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން - ޑަބްލިއުޓީއޯ) ގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ ހަރަދުތައް ކުޑަވެ، ތަކެތީގެ އަގުހެޔޮވާނެ ކަމަށާއި، އެކްސްޕޯޓު އިތުރުވެ، އުފެއްދުންތެރިކަން މަތިވާނެ ކަމަށް ލަފާކޮށްފި އެވެ.
ޑަބްލިއުޓީއޯގެ ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާމެދު ދެކޭ ގޮތެއް ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް މިއަދު ވަނީ ފޮނުވާފަ އެވެ.

މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެކަން ތަޅުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު އަމީންއާއްމު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު އިއްވަވާފަ އެވެ.

އެ ސިޓީފުޅުގައި ވަނީ ޑަބްލިއުޓީއޯގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އެއްބަސްވުން ތަންފީޒު ކުރުމަކީ ލާޒިމް ކަމެއް ކަމަށާއި އެކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައި ވަނީ ޖޫން 12 ގައި ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގައިވާ ގޮތުން ތަންފީޒު ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ބޭރުގެ މުއާހަދާތަކުގައި ބައިވެރިވި ނަމަވެސް، އެއަށް އަމަލު ކުރެވޭނީ މަޖިލީހަށް ހުށަހަޅައިގެން، މަޖިލީހުން ފާސްކޮށް، ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އެހެންކަމުން އެ މުއާހަދާއަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ފޮނުއްވެވީ އިއްޔެ އެވެ.

ރައީސްގެ ސިޓީފުޅާއެކު ވަނީ މުއާހަދާއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓާއި މުއާހަދާގެ ކޮޕީ މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވާފަ އެވެ. އޭގައިވާ ގޮތުން އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މެމްބަރު ގައުމުތަކުގެ މެދުގައި ހުރި ވިޔަފާރީގެ ހުރަސްތައް ނައްތާލުމެވެ.

ޓްރޭޑް ފެސިލިޓޭޝަން އެއްބަސްވުން

ޑަބްލިއުޓީއޯގެ މެމްބަރު ގައުމުތަކުން ބައިވެރިވުން ލާޒިމް ކުރާ އެއްބަސްވުމަށް މެމްބަރު ގައުމުތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގައުމުގެ ތާއީދު ލިބުނީ 2017 ގައެވެ. އެއާއެކު އެއްބަސްވުމަށް ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި އަމަލު ކުރަން ފަށާފަ އެވެ.

އެއްބަސްވުމުގެ މުހިއްމު ކަންކަން ގުޅެނީ ކަސްޓަމްސްގެ މަސައްކަތާ އެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ޑަބްލިއުޓީއޯގެ މެމްބަރު 164 ގައުމުގެ ތެރެއިން 143 ގައުމުން ވަނީ އެއަށް އަމަލު ކުރަން ފަށާފަ އެވެ. އެއްބަސްވުމުގެ ދަށުން ވިޔަފާރި އަށް ފަހި މާހައުލެއް ގާއިމްވެގެން ދާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން އޭގެ ދަށުން މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް މަދުކޮށް، އެތަކެތި ސިމްޕްލިފައިކޮށް، އިޖުރާއަތުތައް ފަސޭހަކޮށް، މުދާ ކްލިއާ ކުރުމާއި، ރިލީޒް ކުރުމާއި ޓްރާންސިޓް ކުރަން ލުއި ފަސޭހަ ގޮތްތައް ކަނޑައަޅާ، މުދާ އުފުލުމާއި ޓްރާންސިޓް ކުރުމުގައި ދިމާވާ ދަތިތައް ނައްތާލުން އޭގެ ދަށުން ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓް

އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށްފައި ވާއިރު، އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފާ ވަނީ ތިން ފަހަރެއްގެ މަތިން ހޯދާފަ އެވެ. އަންދާޒާކޮށްފައިވާ ގޮތުގައި އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ވިޔަފާރީގެ ހަރަދު 14.3 އިންސައްތަ އަށް ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ވިޔަފާރީގެ ވެއްޓަށް ހެޔޮ ބަދަލު ގެނެވި، ޓްރާންސްޕޭރެންސީ ބޮޑުވުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދު ކުރުމަށް ފިޔަވަޅު އެޅޭނެ ކަމަށާއި، ވިޔަފާރީގެ ހަރަދު ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން އަގުހެޔޮކޮށް މުދާ ގަންނަން ލިބޭނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ވިޔަފާރީގެ އުސޫލުތައް ލުއިވުމުން އެކްސްޕޯޓް ކުރަން ފަސޭހަވެ، އެކްސްޕޯޓު އިތުރުވުމުން، ގައުމުގެ އުފެއްދުންތެރިކަ މަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެއްބަސްވުމަށް އަމަލު ކުރުމަށް ކޮންމެ ގައުމަކުން ވެސް ނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަން ކޮމިޓީއެއް އުފައްދަން ޖެހެ އެވެ.

އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެއްބަސްވުމުގައިވާ ބައެއް ކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހުން އެކަށީގެންވެ އެވެ. އަދި ބައެއް ގާނޫނުތަކާއި އުސޫލުތަކަށް ބަދަލު ގެންނަން ޖެހެ އެވެ. އަދި ރައްޔިތުން އަމަލު ކުރަން ޖެހޭ ކަންކަމަށް ވަކި ގާނޫނެއް މަޖިލީހުން ފާސްކުރަން ޖެހޭނެ އެވެ.
ހިޔާލު