Philippines ge POEA in Yacht Tours blacklist kohfi
image
ޔޮޓް ޓުއާސް އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ކުންފުންޏެއް.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ފިލިޕީންސްގެ ޕީއޯއީއޭ އިން ޖާބިރުގެ ޔޮޓް ޓުއާސް ބްލެކްލިސްޓް ކޮށްފި

ފިލިޕީންސްގެ އޯވަސީސް އެމްޕްލޯއިމަންޓް އެޑްމިނިސްޓްރޭޝަން (ޕީއޯއީއޭ) އިން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ބްލެކްލިސްޓް ކޮށްފި އެވެ.
ޕީއޯއީއޭ އިން ޔޮޓް ޓުއާސް ބްލެކްލިސްޓް ކުރީ، އެ ގައުމުގެ ރައްޔިތުން ބޭރު ގައުމުތަކަށް ވަޒީފާ އަށް ފޮނުވުމުގައި އެ މީހުންގެ ހައްގުތައް ހިމާޔަތް ނުކުރެވޭ ފަދަ ކުންފުނިތަކަށް ފޮނުވާ މައްސަ ބޮޑުވުމުން އެކަން ހުއްޓުވުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. އެގޮތުން ޕީއޯއީއޭ އިން ޔޮޓް ޓުއާސްގެ އިތުރުން ވެސް އެކި ގައުމުތަކުގެ 22 ކުންފުންޏެއް ވަނީ ބްލެކްލިސްޓް ކޮށްފަ އެވެ. ނަމަވެސް ޔޮޓް ޓުއާސް ފިޔަވާ ބްލެކްލިސްޓް ކުރި އެހެން ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ކުންފުންޏެއް ހިމެނޭކަން އެނގިފައެއް ނުވެއެވެ.

ފިލިޕީންސް މީހުންގެ ހައްގުތައް ރައްކާތެރި ނުކުރެވޭ ކަމަށް ބުނެ ޔޮޓް ޓުއާސް އާއި އެހެން ގައުމުތަކުގެ 22 ކުންފުންޏެއް ބްލެކްލިސްޓް ކުރުމުގެ އިތުރުން އެ ގައުމުގެ 18 ރެކްރޫޓްމަންޓް އެޖެންސީއެއްގެ ލައިސަންސް ވެސް ޕީއޯއީއޭ އިން ވަނީ ބާތިލް ކޮށްފަ އެވެ.

ބްލެކްލިސްޓްކޮށް، ލައިސަސް ބާތިލް ކުރި ކުންފުނިތަކަކީ އެ ގައުމުގެ މީހުން ވަޒީފާ އަށް ނެގުމަށް ފަހު އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް އަދި އެހެނިހެން ހައްގުތައް ފުރިހަމަ ނުކޮށްދޭ ކުންފުނިތައް ކަމަށް ވެއެވެ. އެކަމަކު ވަކިވަކި ކުންފުނިތައް ބްލެކްލިސްޓް ކުރީ ސީދާ ކޮން ސަބަބަކާއި ގުޅިގެންކަން ހާމަނުކުރާތީވެ، ޔޮޓް ޓުއާސް ބްލެކްލިސްޓް ކުރީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ދަ މެނީލާ ޓައިމްސް އަށް ޕީއޯއީއޭގެ ވެރިޔާ ބާނާޑް އޮލާލިއާ ވިދާޅުވީ، ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓް އާންމުކޮށް އިއުލާނު ކުރީ ގައުމުން ބޭރުން މަސައްކަތް ހޯދާ ފިލިޕީންސް ރައްޔިތުންނަށް އެ ކުންފުނިތަކުގެ މައުލޫމާތުތައް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމަށް ކަމަށެވެ.

ޕީއޯއީއޭ އިން ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތައް އާންމު ކުރި އިރު، އެ ގައުމުން އެހެން ގައުމުތަކަށް މަސައްކަތް ކުރަންދާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން 2017 އާއި އަޅާ ބަލާއިރު މިދިޔަ އަހަރު އެ އަދަދު ވަނީ 67 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން 2017 ގައި 2.04 މިލިޔަން މީހުން އެ ގައުމުން ބޭރުގައި މަސައްކަތް ކުރި އިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 1.4 މިލިޔަނުގަ އެވެ.

ފިލިޕީންސްގެ ޕީއޯއީއޭ އިން ޔޮޓް ޓުއާޒް ބްލެކްލިސްޓް ކުރި އިރު، އެ ކުންފުނިން އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ޓެކްސް ނުދައްކާތީވެ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެ ކުންފުނީގެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ހިޔާލު