Export Import dhashah: Igthisoadhu madu jehemun dhaa kamuge nishaaneh?
image
ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

އެކްސްޕޯޓް އިމްޕޯޓް ދަށަށް: އިގްތިސޯދު މަޑު ޖެހެމުންދާ ކަމުގެ ނިޝާނެއް؟

އެކްސްޕޯޓް، އިމްޕޯޓަކީ ގައުމެއްގެ އިގްތިސޯދުގެ ބޮޑު ބައެކެވެ. އެކްސްޕޯޓް އިތުރުވެ އިމްޕޯޓް ދަށް ވެއްޖެ ނަމަ، އެއީ އުފެއްދުންތެރިކަށް ރަނގަޅު ކަމުގެ ނިޝާނެކެވެ. އަދި އެކްސްޕޯޓް މަދުވެ އިމްޕޯޓް އިތުރުވެއްޖެ ނަމަ، އެއީ އުފެއްދުންތެރިކަން ރަނގަޅު ނޫން ކަމުގެ ނިޝާނެކެވެ. އެކްސްޕޯޓާއި އިމްޕޯޓް ވެސް ދަށް ވެއްޖެ ނަމަ، ނިކުންނާނެ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟
ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލާއި، އިމްޕޯޓް ކުރާ މުދާ ބަލަހައްޓާ، ޗެކްކުރުމުގެ މަސައްކަތް ކުރާ ކަސްޓަމްސް އިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު، މިއަހަރުގެ ޖޫން އަދި ޖުލައި މަހު އެކްސްޕޯޓް އަދި އިމްޕޯޓް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ޖުލައި މަހު އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ނުވައެއް އިންސައްތަ ދަށަށް ގޮސްފަ އެވެ.

ސީއައިއެފަކީ އިމްޕޯޓް ކުރާ މުދަލަށް ދައްކާ އަގު، އިންޝުއަރެންސް އަދި ފްރެއިޓް ކުރުމުގެ ހަރަދެވެ. ސީއައިއެފް ދަށަށް ގޮސްފައި ވަނީ އިމްޕޯޓް ކުރި މުދާ މަދުވުމުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޖުލައި މަހު އިމްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

އޭގެ އިތުރުން ކަސްޓަމަސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ބޭރު ކުރި މުދަލުގެ ނިސްބަތް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޖުލައި މަހު 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައި ވާއިރު މިއަހަރުގެ ޖުލައި މަހު އެކްސްޕޯޓް ކޮށްފައި ވަނީ 165 މިލިއަން ރުފިޔާގެ މުދަލެވެ.

އިގްތިސޯދީ މާހިރަކު ކިޔައިދިން ގޮތުގައި އެކްސްޕޯޓް އަދި އިމްޕޯޓް ދަށަށް ދާ މައިގަނޑު ސަބަބަކީ "ކޮންޒަމްޕްޝަން" ދަށަށް ދިޔުމެވެ. ކޮންޒަމްޕްޝަނަކީ މުދަލާއި ހިދުމަތް ބޭނުން ކުރާ މިންވަރެވެ. އޭގެ ތެރޭގައި އާއްމު މީހުން ގެތަކުގައި ހޭދަ ކުރާ މިންވަރު ދަށަށް ދިޔުމާއި ވިޔަފާރިތަކުން، ވިޔަފާރިއަށް ހޭދަކުރާ މިންވަރު ދަށަށް ދިޔުން ވެސް ހިމެނެ އެވެ.

ތަކެތީގެ އަގު ބޮޑުވުން އާއްމު މީހުން ވިޔަފާރި ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަކީ އޭގެ އެއް ސަބަބު ކަމަށް ވެދާނެ އެވެ. ޗުއްޓީ އަށް ސްރީ ލަންކާ، އިންޑިއާ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށްދާ ދިވެހިން އެނބުރި ގައުމަށް އަންނަނީ އެމީހުން ބޭނުންވާ މުދާ ހެޔޮ އަގުގައި ގަނެގެންނެވެ. އެމްއެމްއޭ އިން އެންމެ ފަހުން ކުރި ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ސާވޭއިން ވެސް ދައްކާ ގޮތުގައި ބޭރުގައި ދިވެހިން ހޭދަ ކުރާ މިންވަރު ވަނީ 20 އިންސައްތަ އިތުރުވެފަ އެވެ.

އިގްތިސޯދީ މާހިރުން ދެކޭ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ފަހު، އެ ސިނާއަތް ކުޑަކޮށް މަޑުޖެހިލާފައި ވުމަކީ ވެސް ކޮންޒަމްޕްޝަން ދަށްވެފައިވާ ސަބަބަކަށް ވެދާނެ އެވެ. މިދިޔަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވުމުން ބޮޑެތި ޕްރޮޖެކްޓުތައް ހިންގި އެވެ. އެހެންވެ އިމާރާތް ކުރުމަށް ބޭނުންވާ ގިނަ ސާމާނުތަކެއް އެތެރެ ކޮށްފައި ވާނެ އެވެ. އެކަމަކު މިއަހަރު މާ ގިނަ އިމާރާތް ކުރުމުގެ ހަރަކާތެއް ނެތުމާއެކު އެ ކުންފުނިތަކުން ހޭދަ ކުރާ މިންވަރު ދަށްވެފައިވުން އެކަށީގެންވެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ދައުލަތަށް އެންމެ ގިނައިން ފައިސާ ވަންނަ ސިނާއަތެވެ. މި ދާއިރާ އިން ރާއްޖެއަށް ލިބޭ އާމްދަނީ ދަށްވެފައި ނުވި ނަމަވެސް ފަތުރުވެރިން ރާއްޖެއިން ބޭރަށް ގެންދާ މުދާ ދަށްވުން ނުވަތަ ޓޫރިޒަމްގެ އަގު ދަށްވުމަކީ އެކްސްޕޯޓް ދަށަށް ދިޔުުމުގެ ސަބަބަކަށް ވެދާނެ ކަމަށް ވެސް މާހިރު ދެކެ އެވެ.

މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު ދިވެހީންނަކީ ކަނޑުމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދާ ބަޔެެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު އެކްސްޕޯޓް ކުރި ތާޒާ ކަނޑުމަހުގެ ނިސްބަތް ވަނީ މަދުވެފައެވެ. ރާއްޖޭގައި މަސްބާނާ މިންވަރު މަދުވުން ނުވަތަ މަހުގެ އަގު އުފުލުމަކީ އެކްސްޕޯޓް ދަށްވުމަށް އައި ބަދަލެއް ކަމަށް ވުން އެކަށީގެންވެއެވެ.

އިގްތިސޯދުގައި "ބެލެންސް އޮފް ޓްރޭޑް" އަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެއީ ގައުމަކުން އެތެރެ ކުރާ މުދަލާއި ބޭރު ކުރާ މުދަލުގެ ދެމެދުގައިވާ އަގުގެ ތަފާތެވެ. ގައުމެއްގެ އިގްތިސޯދު އޮތް ހާލަތު ވަޒަން ކުރަނީ ބެލެންސް އޮފް ޓްރޭޑް ބަލައިގެންނެވެ.

އެކްސްޕޯޓަށް ވުރެ އިމްޕޯޓް ގިނަ ވެއްޖެ ނަމަ ޓްރޭޑް ޑެފިސިޓު ވެއެވެ. ހަމަ އެގޮތަށް އެކްސްޕޯޓަށް ވުރެ އިމްޕޯޓް މަދުވެއްޖެ ނަމަ ޓްރޭޑް ވަނީ ސާޕްލަސް އެވެ. އިގްތިސޯދީ މާހިރުން ދެކޭ ގޮތުގައި އެކްސްޕޯޓާއި އިމްޕޯޓް ދަށް ވުމަކީ، އިގްތިސޯދު މަޑު ޖެހެމުންދާ ކަމުގެ ނިޝާނެކެވެ. އެއީ ތަރައްގީވަމުން އަންނަ ގައުމެއްގެ އިގްތިސޯދީ ކުރިއެރުމަށް އޮތް ހުރަހެކެވެ.

އިގްތިސޯދު މަޑު ޖެހުމަށް އަމާޒު ހިފާފައިވާއިރު، ބޮޑު ހީނަރުކަމެއް އަޔަ ނުދީ ހިފެހެއްޓުމަށް ކަމާ ބެހޭ ފަރާތްތަކުން ސަމާލުވާނެ އެބަ ޖެހެ އެވެ. ތަރައްގީވަމުން އަންނަ އެހެން ގައުމުތައް ފަދައިން ރާއްޖެއިން ވެސް އަމާޒު ހިފަންވީ، އެތެރެކުރާ މުދަލަށް ވުރެ ބޭރު ކުރާ މުދާ އިތުރު ކުރުމަށެވެ.

އިގްތިސޯދާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާ، ދަ ގްރޯތް ސެންޓަރުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި އެކްސްޕޯޓް އިތުރު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ކުދި އަތި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން އިތުރުކުރުމާއި، ގަވާއިދުތައް ލުއި ކުރުމާއި، އެކްސްޕޯޓަށް ހާއްސަ ކުރު ރާސްތާ އަދި ދިގު ރާސްތާ ސިޔާސަތު އެކުލަވާލުމެވެ.

ރާއްޖޭގައި ވެސް ނޫ އިގްތިސޯދުގެ ސިޔާސަތެއްގެ ދަށުން ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ދޫކުރުމުގެ ބޭންކެއް ވަނީ އުފައްދާފަ އެވެ. މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މުދާ އެކްސްޕޯޓާއި އިމްޕޯޓު ލުއި ކުރުމަށް ބައިނަލްއަގްވާމީ ޓްރޭޑް ފެސިލިޓޭޝަން މުއާހަދާ ތަންފީޒު ކުރުމަށެވެ.

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ އެ މުއާހަދާ ތަންފީޒު ކުރުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ އެ މުއާހަދާގެ ސަބަބުން ވިޔަފާރީގެ ހަރަދުތައް ކުޑަވެ، ތަކެތީގެ އަގުހެޔޮވާނެ ކަމަށާއި، އެކްސްޕޯޓު އިތުރުވެ، އުފެއްދުންތެރިކަން މަތިވާނެ ކަމަށެވެ. އެހެންކަމުން އިގްތިސާދީ ދުވެލި މަދު ޖެހެމުންދާ މި ދަނޑިވަޅުގައި ފިޔަވަޅުތައް އަވަސްކޮށް، އަލުން ދުވެލި ބާރު ކުރުމަށް އަމާޒު ހިފުން މުހިއްމެވެ.
ހިޔާލު

އަރަންޏާއިދަރަނި

ވަގުން ގިނަވީމަ ވާނީމިހެން

ލަނިއްޔަތު

ދެން އަތްޖަހަ ކޮނޑުހުޅު ލުހެންދެން..މި ތިބިބަޔަކު ގައުމަށް ލެވިފަ.