Jiah Khan ge marah Documentary Series eh hadhanee
image
ޖިއާ ހާން--
0 ކޮމެންޓް
 

ޖިއާ ހާނުގެ މަރަށް ޑޮކިއުމަންޓްރީއެއް ހަދަނީ

"ގަޖިނީ" އާއި "ހައުސްފުލް" ފަދަ ފިލްމުތަކުން ފެނިގެންދިޔަ ބޮލީވުޑުގެ ބަތަލާ ޖިއާ، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ 2013 ވަނަ އަހަރުގެ ޖޫން ތިން ވަނަ ދުވަހުގެ ރޭގަނޑެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބްރިޓިޝްގެ ޓީވީއަކުން ދަނީ ޖިއާގެ މަރަށް ތިން ބަޔަކަށް ހިމެނޭ ޑޮކިއުމަންޓްރީ ސީރީޒެއް އުފެއްދުމަށް ތައްޔާރުވަމުންނެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލު ހާމަކުރަން އަދި މާއަވަސްކަމަށް އެ ޓީވީން ބައެއް މީޑިއާތަކަށް ބުނެ އެވެ.

އުމުރުން 25 އަހަރުގައި ޖިއާ މަރުވިއިރު އޭނާގެ މަރުގެ މައްސަލާގައި ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ އެކްޓާ ސޫރަޖް ޕަންޗޯލީގެ މައްޗަށް ވަނީ ސީރިއަސް ތުހުމަތެއްކޮށް ދައުވާ ކުރަން ނިންމާފަ އެވެ.

ޖިއާގެ މަރުގެ މައްސަލަގައި އޭނާގެ މަންމަ ޝަރީއަތުގައި ބުނެފައި ވަނީ ޖިއާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި އޭނާ މަރާލީ ކަމަށެވެ. އަދި އެކަން ކުރީ ސޫރަޖް ކަމަށް އޭނާގެ މަންމަ ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު ޝަރީއަތުގައި އެތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ތަފާތު އެކި ގޮތްތަކަށް ނޫސްތަކުގައި ސޫރަޖާ ގުޅިގެން ވާހަކަތައް ފެތުރިފައިވާއިރު ގިނަ އަހަރުތަކެއް ވަންދެން އެކަމާ ބަހެއް ނުބުނެ ހުރެެ އެކަމާ ގުޅިގެން އޭނާ ވާހަކަ ދެއްކީ މިދިޔަ އަހަރު އޭނާއަށް 28 އަހަރު ފުރުނު ދުވަހެވެ.

އެގޮތުން އެމައްސަލަ ކޯޓުގައި ކުރިއަށްދާތާ މިހާރު ހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެކަމާއި އޭނާ ކުރިމަތިލާފައިވަނީ ކެތްތެރިކަމާއި އިހުތިރާމާއެކުކަމަށް ސޫރަޖު ބުންޏެވެ. ކޯޓުގައި މައްސަލަ ކުރިއަށްދާއިރު ވެސް އޭނާއަށް "ކުށްވެރިއެއް" ނުވަތަ "މީހަކު މެރި މީހެއް" ގެ ގޮތުގައި ސިފަކޮށް ގިނަ އެއްޗެހިތަކެއް ކީނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއް ދީފައިނުވާނެކަމަށް ސޫރަޖު ބުނެއެވެ.

"ނުބައި" މީހެއް ގޮތުގައި ނޫސްތަކުގެ ސުރުހީތަކުގައި އޭނާ ސިފަކުރިނަމަވެސް އޭނާއަކީ އެފަދަ މީހެއް ނޫންކަމަށް ވެސް ސޫރަޖް ބުންޏެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ޝަރިއަތަށް ހުށަހެޅި ހެކިތަކުގައި ބުނީ ޖިއާ މަރުވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގައި އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. ސޫރަޖްގެ މައްޗަށް ކޮށްފައި ދައުވާގައި ބުނެފައި ވަނީ މީހަކު އަމިއްލައަށް މަރުވުމަށް ހިތްވަރުދިން ކަމަށެވެ.

ނިއުޔޯކަށް އުފަން ޖިއާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ އޭނާގެ އާއިލާއާއެކު މުމްބާއީގެ ޖޫހޫ ގައި ދިރިއުޅެމުން އަންނަ ފްލެޓްގެ ތެރެއިންނެވެ. ދަންޖެހުނީ ސޫރަޖުގެ ސަބަބުން ކަމަށް ބުނާ ލިޔުމެއް ވެސް އެތަނުން ފެނިފައިވެއެވެ.

ސޫރަޖު ބޮލީވުޑަށް ނުކުމެފައިވަނީ ސަލްމާން ހާން ފިލްމްސް އިން ޕްރޮޑިއުސްކޮށް ނެރުނު ފިލްމު "ހީރޯ" އިން 2015 ވަނަ އަހަރެވެ. އޭނާ މިހާރު އަންނަނީ ބޫޝަން ކުމާރު ޕްރޮޑިއުސްކޮށް ނެރޭ ފިލްމު "ޓައިމް ޓު ޑާންސް" ގައި މަސައްކަތްކުރަމުންނެވެ. އެފިލްމުން ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާ ބޮލީވުޑަށް ތައާރަފުވާނެއެވެ.
ހިޔާލު