Supplementary budget Majleehah fonuvaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުވައިފި

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ސަޕްލިމެންޓްރީ ބަޖެޓް ފޮނުވައިފި އެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ، ސަރުކާރުގެ މެނިފެސްޓޯގައި ތަންފީޒު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަންފީޒު ކުރުމަށް ފުރިހަމަ އަށް ފައިސާ ހިމެނުމަށެވެ. އޭގެ އިތުރުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އަދަށްވުރެ އިތުރަށް އެފަދަ ބަދަލުތައް ދޭން ޖެހުމުން އެކަމަށް، ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން ފައިސާ ހަމަޖާނެ ކަމަށް ވެއެވެ.

އެކަމަކު ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭ ތަފްސީލެއް ފިނޭންސް މިނިސްޓްރީން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެ ތަފްސީލުތައް ހާމަވާނީ، ފިނޭންސް މިނިސްޓަރު މަޖިލީހަށް އެ މައުލޫމާތު ދެއްވާއިރު އެވެ.

މި އަހަރުގެ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހުށަހަޅައިގެން ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ނޮމެމްބަރު މަހު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބައެއް ކަންކަން ތަންފީޒު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރުވެސް ވަނީ އާ ސަރުކާރު އައުމުގެ ކުރިން ނިމިދާ ސަރުކާރުން ބަޖެޓް ހުށަހެޅުމަކީ، ކުރިއަށް އޮތް ތަނުގައި ކަންކަން ތަންފީޒު ކުރުމަށް ދަތިތަކާ ކުރިމަތިވާނެ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އަހަރުގެ މެދަކާ ހިސާބުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ވިސްނުން އޭރު ވެސް ގެންގުޅުނެވެ.

މި އަހަރަށް މަޖިލީހުން ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. މި ބަޖެޓަކީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، 2017 ވަނަ އަހަރުގެ ބަޖެޓަށް ހަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރި އެވެ.
ހިޔާލު