Hassa inaamuge mauloomaathu dhinumuge bahdhalvun baavvaifi
image
ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ހާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ ބައްދަލުވުމުގެ ބައިވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވާ އިނާމަށް ކުރިމަތިލުމަށް ހިއްވަރުދެއްވާފައެވެ. ބައިވެރިވިން ވަނީ އިނާމަށް ނަން ހުށައެޅުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއާތްތަކާ ބެހޭގޮތުން ކޮމިޓީގެ މެންބަރުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައެވެ.

މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ އިނާމަށް ނަން ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ މިމަހުގެ އެއް ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ. ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މިއަހަރު ތިން ގިންއަކުން ދޭނެ އެވެ. ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ.

މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިއަހަރު ގެނައި މުހިންމު ބަދަލަކީ، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެ މަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެ މަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް އިނާމު ލިބޭ ގޮތަށް ހަމަޖެއްސެވުމެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފޮނުވަން ޖެހެނީ ހާއްސަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ހާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

މިއަހަރު ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ހިޔާލު