Raees Yameen aai dhekolhah maadhama adheeb ge hekibas
image
ރައީސް ޔާމީންގެ ވެރިކަމުގައި ޔާމީނާއި އަދީބް
ސީއެންއެމް
0 ކޮމެންޓް
 

ރައީސް ޔާމީނާ ދެކޮޅަށް މާދަމާ އަދީބްގެ ހެކިބަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ނިންމާފައިވާއިރު މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީނާއި ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ހެކިބަސް ދެއްވާނެކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:30ގައެވެ. މާދަމާގެ އަޑުއެހުންވެސް ޓީވީތަކުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެދުވަހު ނެގުނީ އެންމެ ފަރާތެއްގެ ހެކި ބަހެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދެން އަންނަ އަޑު އެހުމެއްގައި ގިނަ ހެކިންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މާދަމާގެ އަޑުއެހުމުގައިވެސް މުއައްވިޒްގެ ހެކިބަސް ނެގުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މުއައްވިޒްގެ ހެކިބަހަށް ފަހު ދެން އޮންނާނީ ކުރީގެ ނައިބު ރައީސް އަދި އެއްދުވަސްވަރެއްގައި ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ އަހުމަދު އަދީބްގެ ހެކިބަސް ނެގުމެވެ.

މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިތައް ވެސް ހުށަހެޅިއެވެ. ކުރީގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ. ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އަލްޖަޒީރާގެ ސްޓީލިން ފެރެޑައިސް ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތައް ދޮގުކޮށް އެމްއެމްއޭއިން ނެރެފައިވާ ނޫސްބަޔާނެކެވެ.

ރައީސް ޔާމީނާއި ދެކޮޅަށް އަދީބްގެ އިތުރުން ކުރީގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑްގައި ތިއްބަވާ މުހައްމަދު ޝަރީފާއި މުހައްމަދު ލުވައިޒުގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލްގެ ނަންވެސް ދައުލަތުންވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ. ނަމަވެސް އަދީބް ފިޔަވާ ދެން ތިއްބެވި ބޭފުޅުންގެ ހެކިބަސް މާދަމާ ނަގާނެކަމެއް އަދި ސާފެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ހަސަން ލުތުފީ ހުންނެވީވެސް ރާއްޖެއިން ބޭރުގައެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ނުދެއްވާނެކަމަށް ވިދާޅުވެ މިއަދު ފޭސްބުކް ޕޯސްޓެއްވެސް ލުތުފީ ކުރެއްވިއެވެ. ނަމަވެސް ފަހުން އެ ޕޯސްޓްވަނީ ޑިލީޓް ކުރައްވާފައެވެ.

ރައީސް ޔާމީނާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ހެކިބަސް ދެއްވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ވައްކަމާ ހިޔާނާތާއި ޖަރީމާތަކުގެ އިނގިލި އެންމެ ބޮޑަށް އަމާޒުކުރެވޭ އެއް ބޭފުޅަކީވެސް އަހުމަދު އަދީބެވެ. އެހެންކަމުން އަދީބް ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާނެ އިރަކަށް އެތައް ބަޔަކުދަނީ އިންތިޒާރު ކުރަމުންނެވެ.
ހިޔާލު