Raajje tharahgee kureveynee council thakah maalee baaruverikan libigen: Raees Solih
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ތަރައްގީ ކުރެވޭނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެން: ރައީސް ސޯލިހު

ދިވެހިރާއްޖެ ތަރައްގީ ކުރެވޭނީ ކައުންސިލުތަކަށް މާލީ ބާރުވެރިކަން ލިބިގެން ކަމަށާއި ސަރުކާރުން ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒުކޮށް އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވި ވަޒީފާތައް އުފެދި ރަށްތަކުގެ ފުދުންތެރިކަން އިތުރުވެގެން ކަމަށެވެ.

އެ ހުރިހާ ކަމެއް ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް. ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް. ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައީ. އެކަން އެންމެ ރަނގަޅަށް ކުރެވޭނީ. ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ބިލް ހުށައެޅިގެން ދާނީ މިއަދު ފަށާ ކޮންފަރެންސްގައި ބައިވެރިން ހުށަހަޅާ ހިޔާލުތަކާއި މަޝްވަރާތައް ވެސް ހިމަނައިގެން ކަން ރައީސް ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނަން ޖެހޭ މަގްސަދެއްގެ ގޮތުގައި ރައީސް ވިދާޅުވީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމާއި ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުމަށެވެ.

"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ހާއްސަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށް ކަން ފާހަގަކުރައްވާ ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ކައުންސިލްތަކަށް ފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއް ބައެވެ. ލާމަރުކަޒީ ގާނޫނަށް ގެންނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަން ނިންމާފައި ވަނީ އެ ވިސްނުމުގައި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ހިޔާލު