Maafushi Jail'ga drug rehabilitation program'eh fashaifi
image
ކަރެކްޝަންސްގެ ފަރާތުން މާފުށީ ޖަލުގަ ފެށި ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން / ކަރެކްޝަންސް
މިއުނާ ހަސަން
0 ކޮމެންޓް
 

މާފުށީ ޖަލުގަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި

ކަރެކްޝަންސްގެ ފަރާތުން މާފުށީ ޖަލުގަ ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
ޑްރަގް މައްސަލަތަކުގަ ހުކުމް ތަމްފީޒު ކުރަމުންގެންދާ ގައިދީންނަށް އަމާޒުކޮއްގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މާފުށި ޖަލުގަ "އުއްމީދު ޕްރޮގްރާމް" ގެ ނަމުގަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައެވެ.

ހޯމް މިނިސްޓްރީން ބުނީ ހަ މަސް ދުވަހުގެ މުއްދަތަށް ހިންގޭ މި ޕްރޮގްރާމަކީ ޖަލުގައި ހުކުމް ތަމްފީޒު ކުރަމުންދާ މީހުން އިސްލާހުކޮށް، މަސްތުވާތަކެތީގެ ވަބާއިން އެމީހުން ސަލާމަތްކޮށް، މުޖްތަމައުއަށް އަނބުރާ ގެނައުމަށް، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށްޓަކާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭން ހިންގަންފެށި ޕްރޮގްރާމެއްކަމަށެވެ.

100 ގައިދީންނާއެކު މިއަދު ފެށުނު ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްފާޟިލް އަލީ ޒާހިރުއެވެ.

މި ރަސްމިއްޔާތުގަ ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާ، މިއަދު މި އިފްތިތާހު ކުރެވުނު ޕްރޮގްރާމަކީ ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ޕްރޮގްރާމެއްކަމަށެވެ.

މަސްތުވާ ތަކެތީގެ ވަބާގަ ޖެހިފަވާ މީހަކު އެވަބާއިން ސަލާމަތްވުމަށް ބޭނުންވާނީ އެކަމަށް އަޒުމު ކަޑައެޅުމަށް ކުޑަ ވަގުތުކޮޅެއްކަމަށާއި، އަޒުމް ކަނޑައެޅުމަށްފަހު ކަނޑައަޅާ އަޒުމު ދަމަހައްޓައިފިނަމަ، އިރާދަކުރެއްވިއްޔާ އެ ވަބާއިން ސަލާމަތްވާނެ ކަމަށާއި، އަގީދާ އާޢި އަޒުމް ވަރުގަދަކުރުމަކީ އެއީ އެންމެ މުހިއްމު ކަންތައްތައް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގަ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ އަމާޒަކީ، މިޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ މީހަކީވެސް، އުޅުމާ އަޚްލާޤަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ، މުޖްތަމަޢު ބަލައިގަންނަ، އަބުރުވެރި، ތާހިރު ދިރިއުޅުމެއް އުޅެން ދަސްކޮށްދެވިފައިވާ މީހަކަށް ހަދާދުން ކަމަށެވެ.

މިޕްރޮގްރާމްގެ އެކިއެކި މަރުޙަލާތަކުގަ، ދިރިއުޅުމުގެ ހުނަރާ، ޢާންމު ސިއްޙީ ހޭލުންތެރިކަމާ، މަސްތުވާތަކެތިން ދުރުހެލިކުރުމަށް މަސައްކަތް ކުރުމަށް ދެވޭ ތައުލީމާ، އިސްލާމީ ތައުލީމްއާ، ހަށިގަނޑުގެ ތަރުބިއްޔަތު ހިމަނާފަ ވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު ވިދާޅުވިއެވެ.

އަދި ޖަލުން މިނިވަންވުމާއެކު، އަބުރުވެރި ދިރިއުޅުމެއް ފެށުމަށްޓަކާ ޢާމްދަނީ ހޯދުމަށް ކުރާނެ ޢަމަލީ އެކިއެކި މަސައްކަތްތައްވެސް މި ޕްރޮގްރާމްގަ ދަސްކޮއްދެވޭނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒު ވިދާޅުވީ ހުކުމްގެ މުއްދަތު ހަމަވުމުގެ ކުރިން، ޖަލުން މިނިވަންވުމަށް ޤާނޫނީ އިމުގެ ތެރޭން ލިބެން ހުންނަ ހުރިހާ ފުރުސަތެއް ހޯދާ ދިނުމަށް މިޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ސީ.އެސް.އިން އެހީތެރިވެދޭނެކަމަށެވެ.

ޖަލުގައި ތިބޭ ގައިދީން މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި، އާމްދަނީ ހޯދުމަށް ފުރުސަތުތައް ހޯދުމުގެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ކަރެކްޝަން ސާވިސް
ހިޔާލު