Hdh. atolhuge rayyithunge kanboduvunthah Naib raees aa hihsaa kurahvaifi
image
ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ހދ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބް ރައީސްއާ ހިއްސާކުރައްވައިފި

ހދ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން އެ އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ސަރުކާރުން ހިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހދ. އަތޮޅުގެ ތަރައްގީއާ ގުޅޭ ގޮތުން މެމްބަރުންނާއި ކަމާ ބެހޭ އިދާރާތަކާއެކު އެ ބައްދަލުވުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ތަރައްގީގެ ކަންކަން ރައްޔިތުންނާ ގާތުން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

ހދ އަތޮޅުގެ ހަ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ހދ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އެކިއެކި މަޝްރޫއުތަކާއި ބެހޭ ފަހުގެ މައުލޫމާތުތައް ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ވަނީ އެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވަނީ ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމާއި ތައުލީމީ ދާއިރާ އާއި ބޯހިޔާވަހިކަން ފަދަ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ރޭވިފައިހުރި މަޝްރޫއުތަކާއި އަދި އެ ދާއިރާތަކުން ހުރި ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ބުނީ ދަތުރުފަތުރުގެ ނިޒާމާއި އަތޮޅުގައި މިހާރު ހިދުމަތް ދެމުންދާ ދެ އެއާޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އެ ތަންތަނުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަން ހުރި ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ޒުވާނުންނާ ގުޅުންހުރި އިޖްތިމާއީ ކުރިއެރުންތަކާއި މަޝްރޫއުތަކާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ހިޔާލު