Amazon adhamun dhaathee Raees Solih kanboduvun faalhukuravvaifi
image
އެމެޒަން އަނދަނީ-- ފޮޓޯ: ޓްވިޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމެޒަން ޖަންގަލި އަނދަމުންދާތީ ރައީސް ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި

އެމެޒަން ޖަންގަލީގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަމުން ދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ އަލިފާނުގެ ސަބަބުން އެމެޒަންގެ ބޮޑު އިންސަތައެއް ހަލާކުވަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެމެޒަން ޖަންގަލިންނެވެ.

އެހެންކަމުން އެމެޒަން ޖަންގައްޔަކީ ދުނިޔޭގެ "ފުއްޕާމޭ" ކަމަށާއި އެއީ އެންމެ ބޮޑު އެއް ގުދުރަތީ ކާބަން ޓްރެޕް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ގައުމަކަށްވީ ހިނދު، އެމެޒަން ޖަންގަލި ހިމާޔަށް ކުރުމަށް މުޅި ދުނިޔެ އިތުރަށް މަސައްކަތް ކުރުމަށް ދިވެހިން ގޮވާލާ ކަމަށެވެ.

އެމެޒަންގެ ބޮޑު ބައެއް އަނދަމުންދާތީ މުޅި ދުނިޔޭގެ ސަމާލުކަން ވަނީ އެ ޖަންގައްޔަށް ހުއްޓިފައެވެ. ސެޓަލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ބްރެޒިލްގެ އަލިފާނުގެ ހާދިސާތައް މިއަހަރު ވަނީ 85 އިންސައްތަ އިތުރުވެފަ އެވެ.

އަލިފާންތައް ނިންވުމަށް ބްރެޒިލްގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވުމަށް އެގައުމުގެ ރައީސް ޖެއާ ބޮލްސޮނާރޯ ވަނީ އަންގައިފަ އެވެ. ބްރެޒިލްއިން އެގޮތަށް ނިންމާފައި ވަނީ ބައިނަލްއަގްވާމީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވުމާއި ގުޅިގެންނެވެ.
ހިޔާލު