Dhashu court thakun JSC ah membareh hovumah baavvaa inthihaab kuriyah dhanee
image
ބާ ކައުންސިލުގެ އިންތިހާބުގެ ތެރެއިން-- ފޮޓޯ: ސަން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރެއް ހޮވުމަށް ބާއްވާ އިންތިހާބް ކުރިއަށް ދަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުން މެމްބަރެއް އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން އެބަ ކުރިއަށްދެއެވެ.
ޖޭއެސްސީއަށް ދަށުކޯޓުން މެމްބަރެއް އައްޔަންކުރުމަށް އިންތިހާބު ފަށާފައިވަނީ މިއަދު ހެނދުނު ނުވައެއް ޖެހިއިރުއެވެ. އަދި ހަވީރު ފަހެއް ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މި އިންތިހާބުގައި މުޅި ރާއްޖޭގައި ވަނީ ޖުމްލަ 21 ވޯޓު ފޮށި ބަހައްޓައިފައެވެ. އެއީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ އިތުރުން ކޮންމެ ޖުޑީޝަލް ދާއިރާއަކުން އެއް ރަށެއްގައެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގަ އެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް ވާދަކުރައްވަނީ ތިން ބޭފުޅެކެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ލ. ފޮނަދޫ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި މިހާރު ހުންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހުގެ 27 ވަނަ ދުވަހު ހަމަވާނެއެވެ.

ހަވީރު ފަހެއް ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށްދާ އިރު ޖަޖަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ހުރިހާ ފަނޑިޔާރުން ވެސް އިންތިހާބުގައި ބައިވެރިވެ ވޯޓުލުމަށް އެދިފައެވެ.

ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމުން، އެ މަގާމަށް ވެސް އާ މެމްބަރަކު ދާދި ފަހުން ވަނީ އިންތިހުބުކޮށްފަ އެވެ. އެ މަގާމަށް އިންތިހާބުކުރީ ވަކީލް އަބްދުލްމާނިއު ހުސައިންނެވެ.

މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މި އަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ޖޭއެސްސީ އީސީ
ހިޔާލު