India ge kureege finance minister maruvejje
image
އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖޭޓްލީ-- ފޮޓޯ: ޓައިމްސްއޮފްއިންޑީއާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖޭޓްލީ މަރުވެއްޖެ

ކުރިން އިންޑިއާގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަރުން ޖޭޓްލީ އެތައް ދުވަހެއް ވަންދެން އާލާސްކަމާއުޅުއްވުމަށް ފަހު އަވަހާރަވެއްޖެ އެވެ.
ނޭވާލުމުގައި ދަތިކަމެއް ކުރިމަތިވުމާއި ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހު ޖޭޓްލީ ވަނީ އިންޑިއާގެ އޭއައިއައިއެމްއެސްގައި އެޑްމިޓްކޮށްފައެވެ. އުމުރުން 66 އަހަރުގައި ޖޭޓްލީ އަވަހާރަވި އިރު އޭނާއަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯޑީގެ ގާތް ބޭފުޅެއްގެ އިތުރުން ވެރިކަން ކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ އިސް ބޭފުޅެކެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖޭޓްލީ ހުންނެވިއިރުވަނީ އިންޑިއާގެ ޓެކްސްގެ ގާނޫނަށް އާ އިންގިލާބެއްކަމަށްވާ ލޭންޑްމާކް ގުޑްސް އެންޑް ސާވިސް ޓެކްސް ބިލް ވުޖޫދަށް ގެނެސްފައެވެ.

ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ޖޭޓްލީ ވަނީ ބީޖޭޕީގެ ދެވަނަ ދައުރަށް އެކުލަވާލި ކެބިނެޓުން ދުރަން ޖެހިވަޑައިގެންފައެވެ. އަދި 2018 އަހަރު އޭނާ ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހަދައިފައެވެ.

އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް 2016 ވަނަ އަހަރު ހުއްޓުވީ ވެސް ޖޭޓްލީގެ ފިންނޭންސް މިނިސްޓަރުކަމުގައެވެ. ބޮޑު ވަޒީރު މޯޑީ އޭރު އެކަންކުރެއްވީ ގަވާއިދާ ހިލާފަށް ގެންގުޅޭ "ކަޅު ފައިސާ" ހުއްޓުވުމަށެވެ. ނަމަވެސް އެކަމުގައި އިންޑިއާގެ އިގްތިސޯދަށް ވަނީ ނޭދެވޭ އަސަރުތަކެއްކޮށްފައެވެ.

ޖޭޓްލީއަކީ ގާނޫނީ ވަކީލެއްވެސްމެއެވެ. އެގޮތުން 1970ގެ އަހަރުތަކުގައި ޑެއްޅީ ޔުނިވާސިޓީގައި ތައުލީމު ހާސިލްކުރަމުން ޖޭޓްލީ ވަނީ ސްޓޫޑެންޓް ޔުނިއަންގެ ރައީސްކަންކުރައްވައިފައެވެ.

އިންދިރާ ގާންދީގެ ވެރިކަމުގައި 1975 ން 1977 ށް އިންޑިއާގައި ކުއްލި ހާލަތު އިއުލާންކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައިވެސް ޖޭޓްލީ ހިމެނެއެވެ.

އިންޑީއާގެ އެޑިޝަނަލް ސޮލިސިޓާ ޖެނެރަލްގެ މަގާމަށް 1989ގައި އައުމަށް ފަހު ހިންދޫ ނޭޝަނަލިސްޓް ޕާޓީ ބީޖޭޕީއާ ޖޭޓްލީ ގުޅިވަޑައިގަތީ 1991 ވަނަ އަހަރުއެވެ. އަދި 2002 ވަނަ އަހަރު އޭނާ ވަނީ އެޕާޓީގެ ސެކެޓްރީ ޖެނެރަލްގެ އިތުރުން މައި އެއް ތަރިޖަމާނުގެ ގޮތުގައި ވެސް ހަމަޖައްސާފައެވެ.
އިންޑިއާ
ހިޔާލު