Maabandu dhuvasvaru leymadhuvumun rakkaatherivun
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މާބަނޑު ދުވަސްވަރު ލޭމަދުވުމުން ރައްކާތެރިވުން

ލޭ މަދުވުމަކީ ނުވަތަ އެނީމިކް ވުމަކީ ލޭ ޓެސްޓް ކުރާއިރު ލޭގައި ހުންނަންވާ މިންވަރަށް ވުރެ އެޗްބީ (ހީމޯގްލޮބިން) ދަށްކޮށް ހުރުމެވެ.
އަންހެނެއްގެ އެޗްބީ އާއްމު ގޮތެއްގައި ހުންނަން ވާނީ 11.5 އާއި 13.5 ގްރާމް ޕަސެންޓާއި ދެމެދުގައެވެ. މާބަނޑު ދުވަސްވަރު ހީމޯގްލޮބިން ހުންނަންވާނީ 11 އަށްވުރެ ދަށް ނުވާ މިންވަރަކަށެވެ.

ލޭ މަދުވުމަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ދިމާވާ އެންމެ އާއްމު އެއް މައްސަލެވެ.

މާބަނޑުވުމުން ހަށިގަނޑުގައި ލޭގެ މިންވަރު 50 އިންސައްތަ އަށް އިތުރުވެ ހިތަށާއި ލޭ ދައުރު ކުރުމަށް ބަދަލުތަކެއް އައިސް ހަށިގަނޑުގައިވާ ގުނަވަންތަކާއި ބަނޑުގައި އުފެދެމުން އަންނަ ދަރިފުޅަށް ލޭފޯރުކޮށްދޭ މިންވަރު އިތުރުވެގެންދެއެވެ. އެހެންކަމުން ބަލިވެ އިންނަތާ ފުރަތަމަ ދެމަސް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ލޭގެ އެޗްބީ ދަށަށް ދާކަން ފާހަގަ ކުރެވެއެވެ.

ހަށިގަނޑުގައި ލޭ މަދުވާނަމަ ބޯއެނބުރުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވެ ވަރު ދެރަވުމާއި، އަވަސް އަވަހަށް ރުޅި އަންނަ ގޮތްވެ ހާސްވާގޮތްވުން ފަދަ އަލާމަތްތައް ފެންނާނެ އެވެ.

ދަގަނޑުގެ ބައި ގިނައިން އެކުލެވިފައިވާ ކާނާ ކެއުމުން ލޭ މަދުވުމުން ވަރަށް ފަސޭހައިން ރައްކާތެރި ވެވިދާނެއެވެ.

ދަގަނޑުގެ ބައި އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި މުރަނގަ ފަތާއި، ކަނޑުމަހާއި، ކަދުރު، ބީޓްރޫޓް، ކަރާ، ބިސް އަދި ތޮޅީގެ ބާވަތްތައް ފަދަ ކާނާތައް ހިމެނެ އެވެ.

އަދި މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކާ ލޭ މަދުވެފައި ހުރިތޯ ބެލުމަށް ޤަވާއިދުން ޓެސްޓް ކުރަންޖެހޭނެ އެވެ.

ހަމަ އެހެންމެ އަޔަން އަދި ފޯލިކް އެސިޑް އެކުލެވޭ ބޭސް މާބަނޑު އިރުގަޔާއި ގާތުން ކިރުދޭ އިރުގައި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.
ފޭޑި ސިއްހަތު
ހިޔާލު