Hatharu dhamu masakkaiy kuran vidhaalhu vumun Jabir ge faadu kiyun!
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
5 ކޮމެންޓް
 

ހަތަރު ދަމު މަސައްކަތްކޮށް ސަޕްލިމެންޓަރީ ބަޖެޓު ނިންމަން ނަޝީދު ވިދާޅުވުމުން ޖާބިރުގެ ފާޑުކިޔުން!

ހުރިހާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރަން ޖެހިގެން އުޅެނީ ދައުލަތް އެމެޖެންސީ ވެގެން ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ފެށި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދާއި މާދަމާ މަސައްކަތް ކޮށްގެން ސަޕްލިމެންޓަރީ ބަޖެޓު މާދަމާ ރޭ ފާސް ކުރަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އެ ކޮމިޓީގެ ކިބައިން އެދެނީ މިއަދުގެ ހަތަރުދަމު އެކަންކަން ކުރައްވާ މާދަމައަށް މި މަޖިލީހަށް އެ ރިޕޯޓު ގެނެސްދެއްވުމަށް،" މާލިއްޔަތު ކޮމިޓީ އާއި އިގްތިސޯދީ ކޮމިޓީ އެކުވެގެން އުފައްދާ ކޮމިޓީއަށް މައްސަލަ ފޮނުއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެއާއެކު ޖާބިރު ވަނީ ހިތްހަމަޖެހިވަޑައިނުގެން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަން ފައްޓަވާފަ އެވެ. ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު ޖާބިރު ވިދާޅުވީ މަޖިލިހަށް ހޮވުނީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، މަޖިލިސް މެމްބަރު ރެއާއި ދުވާލު މަސައްކަތް ކުރަން ނުޖެހޭނެ ކަމަށެވެ.

"ގައުމު އެމެޖެންސީއަށް ދިޔައީތޯ ރައީސް؟ އަޅުގަނޑު ހިތަށް އަރަނީ ރެއާއި ދުވާލު އަހަރުމެން މަސައްކަތް ކުރާކަށް ނުޖެހޭނެއޭ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން ހޮވުނީވެސް ވަކި އުސޫލެއްގެ މަތިން. މި އޮޕަރޭޓް ކުރަނީ ދައުލަތް ފެއިލް ވީމަ ދައުލަތް ޑިފެންޑު ކުރަން މަނިކުފާނު،" ކާށިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"ސައުވީސް ގަޑިއިރު މިތަން ޖައްސައިގެން އުޅޭ މައްސަލައިގައި، އެއީ ނިޒާމީ މައްސަލައެއް ކަމުގައި މި ބަލަނީ. ރާއްޖޭގައި މަސައްކަތް ކުރުމަށް ހުންނަ ގާނޫނުތަކާއި ގަވާއިދުތަކާއި، އިންސާނީ ހައްގުތަކަށް ވެސް ކަރާމާތް ކުރަން ޖެހޭނެ،" ޖާބިރު ފާހަގަކުރެއްވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ދައުލަތް ފެއިލްވުމަކީ މަޖިލިސް މެމްބަރުންނާ ބެހޭ ކަމެއް ނޫން ކަމަށާއި، ބަޖެޓެއް ހުށަހަޅައިގެން، އެމެޖެންސީގައި އެ މަސައްކަތް ކުރަނީ ކީއްވެގެންކަން ސާފުކުރަން ބޭނުންވާ ކަމަށެވެ.

ރައްދުގައި ނަޝީދު ވިދާޅުވީ އެމެޖެންސީއަށް އައިސްގެން ނޫޅޭ ކަމަށާއި މަސައްކަތް ކުރަމުން ދަނީ މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމެވުމަށް ކަމަށެވެ.

"އަޅުގަނޑމެންގެ ކުރިމަތީގައި ހުރި މަސައްކަތްކޮޅު ނިންމާލެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އެއްވެސް ހާލެއްގައި އެމެޖެންސީ ވީއެއްވެސް ނޫން. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި އާދައިގެ އިންސާނަކު އާދައިގެ މިންވަރަކަށް މަސައްކަތް ކުރާ އިރުގައި ކުރާނީ އަޅުގަނޑު މި ކުރާ މިންވަރަށް. އަޅުގަނޑަކީ އިތުރު މަސައްކަތް ކޮށް އުޅޭ މީހެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް ބުރަވެގެން މީގެ ކުރިން ވެސް ބައެއް މެމްބަރުން ވަނީ ޝަކުވާ ކުރައްވާފަ އެވެ. އެގޮތުން އީދު ބަންދަށް ދިޔުމުގެ ކުރިން އިތުރު ވަގުތުގައި މަސައްކަތް ކުރަން ޖެހިވަޑައިގެންނެވުމުން، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރައްޔިތުންނާ ބައްދަލުކުރަން ވަގުތު ދެއްވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަޖިސްގެ ރިޔާސަތުން އަޅުގަނޑު އެދެން އަޅުގަނޑުމެންނަށް އެވަގުތު ދެއްވަން. އަޅުގަނޑުމެން ގާތްގަނޑަކަށް މިހާރު 24 ގަޑިއިރުހެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތުގައި. އަޅުގަނޑުމެން ސާޖަރީއަށް ވެސް ކޮންމެވެސް ވަރަކަށް ވަގުތު ހައްދަވަން ޖެހޭނެ." އީވާ ވިދާޅުވި އެވެ.
ހިޔާލު

ޢަޖައިބު

ތިހާ އަވަސް އަރުވާލާފަ ބަޖެޓެއް ފާސް ކުރަނީ ކީއްކުރަން ހޭ. ބަޖެޓްގަ އަދި 50% ެެެެެ. އެބައިނޯ. ދެންކީއްވެ. ރިޝްވަތެއް ދޭން ލާރިކޮޅެއް ހޯދަނީތޯ. ބޮއިހަލާކު

ާއަހްމަދު

ފުލް ޓައިމް މަސައްކަތު ނުކުރެވޭކަމުގައި ވަނީނަމަ އިސްތިއުފާ ދެއްވާ، ނޫންނަމަ މުސާރަ ކުޑަކުރޭ!

ދޯރި

ބުރަކޮށް މަސައްކަތްކުރަން ތިޔަތަނަށް ހޮވާފަ ތިތިބީ! ގޭގައި ތިބޭކަށް ނޫން. އަމިއްލަ ކުންފުނި ހިންގާކަށްވެސް ނޫން! މަސައްކަތް ބުރައިއްޔާ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަނޭ. ބުރަކޮށް މަސައްކަތްކުރަން ކެރޭ މީހުން އެބަތިބި.

ބަރަބޯ

ތިވަޒީފާގެ މުސާރައަށްބަލާއިރު 24 ގަޑިއިރު މަސައްކަތްކުރުވަންޖެހޭ ތިމީހުންލައްވާ.

ކަރަންފޫ

އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ! ތިއި ފުލްޓައިމް ޖޮބެއް އިގޭތޯ!