World Tourism Conference ah Ali Waheed Malaysia ah vadaigenfi
image
މިނިސްޓަރު އަލީ ވަހީދު މެލޭޝިއާއަށް ވަޑައިގަތުން-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
މިއުނާ ހަސަން
0 ކޮމެންޓް
 

ވޯލްޑް ޓޫރިޒަމް ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާއަށް ވަޑައިގެންފި

ވޯލްޑް ޓޫރިޒަމް ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު މެލޭޝިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
އެ ދަތުރަކީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ ދައުވަތަކަށް ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ފަސްވަނަ ކޮންފެރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރެކެވެ.

އޯގަސްޓް މަހު މެލޭޝިއާގައި ކުރިއަށް ގެންދާ ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝްން" އެވެ.

އެ ކޮންފެރެންސް ރަސްމީކޮށް ފައްޓަވައި ދެއްވާނީ މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ. ކޮންފެރެންސްގެ ފުރަތަމަ ސެޝަނުގައި އަލީ ވަހީދު ތަގުރީރު ކުރައްވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު ތަގުރީރު ކުރައްވާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި އެކަން ހާސިލުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމަށެވެ.

އެގޮތުން އަލީ ވަހީދު ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ސުރުހީ އަކީ "ފިއުޗާ އޮފް ޓޫރިޒަމް - ނިއު ސޯސް އޮފް ގްރޯތު" އެވެ.

އެ ކޮންފެރެންސް ގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަގްސަދުގައި އަލީ ވަހީދު މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރު މުހައްމައްދީން ކެޓާޕީ އާ މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން ލިމްކޮކްވިންގް ޔުނިވާސިޓީގެ ދައުވަތަކަށް، އެ ޔުނިވާސިޓީގެ ރައީސް އާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ރޭވިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ލިމްކޮކްވިންގް ޔުނިވާސިޓީއިން ފުރުސަތު ފަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ ގައުމުތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ.

އެ މުއްދަތުގައި 11،256 މެލޭޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. އަދި ފާއިތުވެ ދިޔަ އަހަރު މުޅި ޖުމުލަ 22،202 ފަތުރުވެރިން މެލޭޝިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ހިޔާލު