Supreme Court ge fandiyaarukamah kurimathilevvi beyfulhuna interview kuran ninmaivi
image
ސީއެންއެމް
0 ކޮމެންޓް
 

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރަން ނިންމައިފި

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއުކުރަން ޖުޑީޝަލް ސާރވިސްކޮމިޝަން، ޖޭއެސްސީން ނިންމައިފި އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ސްޕްރީމް ކޯޓްގެ ބެންޗަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާއިއެކު އެ ދެ ނަންފުޅު ބަލައިގަނެ ފަނޑިޔާރުކަމަށް ކުރިމަތި ލުމަށް ޖޭއެސްސީން ހުކުރު ދުވަހު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އެ މުއްދަތު މިއަދަށް ހަމަވިއިރު ހައިކޯޓްގެ ހަތަރު ފަނޑިޔާރަކުވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައެވެ. ޖޭއެސްސީން ބުނީ އެބޭފުޅުންނާއި އިންޓަވިއު ކުރުމުގެ ކަންކަން މިރޭ 9:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ފަނޑިޔާރެއްގެ ނަމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ޖޭއެސްސީން ވަނީ އެ ދެ ނަން ބަލައިގެންފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

އަޒްމިރަލްދާ އާއި ޝުޖޫންގެ ނަން ފޮނުވުމާއެކު އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން ގެނައުމާ މެދު ވަނީ ހޫނު ބަހުސެއް އުފެދިފަ އެވެ. އެކަމާ ދެކޮޅަށް ފަތުވާ މަޖިލީހުން ފަތުވާ ނެރިފައި ވާއިރު، ބައެއް ދީނީ އިލްމުވެރިން ވެސް އަންނަނީ ފާޑުކިޔަމުންނެވެ. ހަމަ އެގޮތަށް ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން އަންނަނީ އެކަމާ އެއް ކޮޅަށް ވެސް ވާހަކަދައްކަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ. މިހާތަނަށް އެންމެ ގިނައިން ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރުންނެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހައިކޯޓްގެ ހަތަރު ފަނޑިޔާރުންކަމަށްވާ، އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ސްޕްރީމް ކޯޓަށް ފަނޑިޔާރުން އަންޔަން ކުރުމަށް ޖޭއެސްސީން ދޭން ޖެހޭ ލަފާގެ ކަންކަން މާދަމާގެ ނިޔަލަށް ނިންމާނެކަމަށް ކުރި ޖޭއެސްސީންވަނީ ބުނެފައެވެ.
ހިޔާލު