Kudhi adhi medhu fantheege viyafaarithakah 350 million rufiya kanda alhaifi
image
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ސަން
0 ކޮމެންޓް
 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 350 މިލިއަން ރުފިޔާ ކަނޑައަޅައިފި

ސަރުކާރުގެ ބަޖެޓަށް އިތުރުކުރި 1.7 ބިލިއަން ރުފިޔާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކެޕިޓަލްގެ ގޮތުގައި 350 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގައި މިނިސްޓަރު އަމީރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ އެ ވިޔަފާރިތަށް ކުރިއެރުވުމަށް ކަމަށެވެ.

އެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 189.4 މިލިއަން ރުފިޔާ ކަނޑައަޅާވާކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ އޭގެ ތެރެއިން 130 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީ އަށް ކަމަށެވެ. އެ ނިންމުމަކީ ކުރީ ސަރުކާރުން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބަޖެޓުގައި އައިލެންޑް އޭވިއޭޝަނުގެ ހިދުމަތުގެ އަގުތައް 25 އިންސައްތަ ހެޔޮ ކުރުމަށް 35 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ވެސް ވަނީ 24.4 މިލިއަން ރުފިޔާ ހިމަނާފައެވެ.

ކޮމެޓީގައި އަމީރު ވިދާޅުވީ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދަނީ ބޭރުގެ ގައުމުތަކުން ދިނުމަށް އެއްބަސްވެފައިވާ ހިލޭ އެހީގެ ދަށުން ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްުޔާއިން ދޭން އެއްބަސްވެފައިވާ 716.8 މިލިއަން ރުފިޔާ އިންޑިއާއިން ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 700 މިލިއަން ރުފިޔާއާއެކު ހަރަދުތައް ބެލެހެއްޓޭނެ އެވެ.

މިއަހަރަށް ފާސްކުރި ދައުލަތުގެ ޖުމްލަ ބަޖެޓުގައި ހިމެނެނީ 30.3 ބިލިއަން ރުފިޔާ އެވެ. އިތުރު 1.7 މިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓާއެކު ޖުމްލަ އަދަދު 31.9 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

އެއާއެކު ބަޖެޓުގެ ޑެފިސިޓު ވެސް އިތުރުވާނެ އެވެ. އެގޮތުން ހަތަރު ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ޑެފިސިޓު އިތުރުވާނެ އެވެ. މިދިޔަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ 4.5 ބިލިއަން ރުފިޔާގަ އެވެ.
ހިޔާލު