Naasthaa program: Kudhin bunanee ei ufaaveri vaguthu kolhekey!
image
ދަރިވަރުން ހެނދުނުގެ ނާސްތާ ނަގަނީ---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ނާސްތާ ޕްރޮގްރާމް: ކުދިން ބުނަނީ އެއީ އުފާވެރި ވަގުތު ކޮޅެކޭ!

ފަތިހު ހޭލީ ތަފާތު ކަމެއް ކޮށްލާނަމޭ ހިތާ އެވެ. އަހަރުތަކަކަށް ފަހު ހެނދުނު ހެނދުނާ ސުކޫލަކަށް ދިއުމަށްޓަކައި އެވެ. ކިޔަވާކަށް ނޫނެވެ. ހިރިޔާ ސުކޫލުގައި ތައުލީމު ހާސިލްކުރާ ކުދިންކޮޅަކާ ބައްދަލުކުރާށެވެ. އޮފީހުން ކެމެރާ ނަގައިގެން ސްކޫލަށް ދެވުނީ ހެނދުނު 06:40 ހާއިރެވެ.
ގަޑިން 06:45 ވާންވާއިރަށް ހުރިހާ ކުދިން ސްކޫލަށް އަތުވެއްޖެ އެވެ. ކުދިންތައް ކުލާސްރޫމުތަކަށް ވަދެ، ހަމަޖެހިލައިފި އެވެ. އެކުދިން ކައިރިއަށް ޖެހިލުމުން އަޅުގަނޑަށް ހިތްހަމަޖެހުން ލިބުނީ އަޅުގަނޑު ކުޑައިރު ދުވަހަކުވެސް ނުފެންނަ މަންޒަރެއް ކްލާސްތަކުގެ ތެރެއިން ފެނުމުންނެވެ.

އެއީ ހެނދުނުގެ ނާސްތާ ނަގަން ތިބި މަންޒަރެވެ. އެކުވެރިންނާއެކު ހެނދުނުގެ ނާސްތާ އެކުދިން ނަގަމުން ދިޔައީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ސްކޫލުގެ އިސްވެރިއެއްގެ އެހީގައި ކުދިން ހެނދުނުގެ ނާސްތާއާ މެދު ދެކޭ ގޮތް އޮޅުންފިލުވާލީމެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިހާރު މިދެވޭ ނާސްތާ އަކީ އަޅުގަނޑުމެން ކުދިންނަށް ވެސް ވަރަށް ފަސޭހަ ވެގެންދާ ކަމެއް. މިހާރު ސުކޫލަށް އައިސް އެކުވެރި ތަނެއްގައި ހުރިހާ ކުދިން އެއްކޮށް، ވަރަށް ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި އެބަ ކެވޭ. އަޅުގަނޑު ނަޒަރުގައި މިކަހަލަ އިތުރު ޕްރޮގުރާމުތައް ވެސް އެބަޖެހޭ މިހާރު ހިންގަން،" ހިރިޔާ ސުކޫލުގެ ދަރިވަރަކު ބުންޏެވެ.



"ބްރެކްފަސްޓު ޕްރޮގުރާމަކީ ކިޔަވާ ކުދިންނަށް ވަރަށް ފައިދާ ކުރާ ޕްރޮގުރާމެއް. އެއީ ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ނެގުމުން ކިޔެވުމަށް ވެސް ފައިދާ ކުރޭ،" އިތުރު ދަރިވަރަކު ބުންޏެވެ.

"މިހާރު އަޅުގަނޑުމެން ކިޔަވާ ކުދިން ހެނދުނު ނާސްތާ ނެގުމުގެ ސަބަބުން އަޅުގަނޑުމެން ކިޔަވާ ކުދިންނަށް ފަސޭހަވެގެންދޭ. ކުރީގައި އެންމެ ފުރަތަމަ ސުކޫލަށް އަންނަ ގޮތަށް މިޖެހެނީ އެސެމްބްލީ ނިންމާފަ ކިޔަވަން ފަށަން. އެކަމަކު މިހާރު އެންމެ ފުރަތަމަ ސުކޫލަށް އަންނަ ގޮތަށް އެކުވެރިންނާއެކު ހެނދުނުގެ ނާސްތާ ނަގައިގެން ދެން ކިޔަވަން ފެށީމަ އަޅުގަނޑުމެންގެ ސިކުނޑިއަށް ވެސް ފަސޭހަވޭ. މުދައްރިސުން ދައްކާ ވާހަކަ ނަގައިގަންނަން ވެސް ފަސޭހަވޭ، ފިލާވަޅު ދަސްކުރަން ވެސް އިތުރަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ،" އެހެން ދަރިވަރަކު ކިޔައިދިނެވެ.



ހެނދުނުގެ ނާސްތާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހިރިޔާ ސްކޫލުގެ ޓީޗަރަކު ބުނީ ނާސްތާ ޕްރޮގުރާމަކީ ވަރަށް ބޭނުންތެރި ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން ހެނދުނު ނާސްތާ ނެގުމުގެ ސަބަބުން ދަރިވަރުން "އެނާޖެޓިކްވެ" އަދި މުޅި ދުވަހު ވަރަށް ހަރަކާތްތެރިވެ އުޅޭ ކަމަށް ޓީޗަރު ފާހަގަކުރި އެވެ.

ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ވައުދުފުޅެކެވެ. އެ ޕްރޮގުރާމަކީ އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ މިހާތަނަށް ފެށި އެންމެ ބޮޑު މަސައްކަތް ނަމަވެސް، އެ ޕްރޮގްރާމާ ގުޅިގެން ވެސް ބައެއް ޝަކުވާތައް އެބަ ހުއްޓެވެ.

އެގޮތުން ބައެއް ޝަކުވާތަކުގެ ތެރޭގައި ހަރަދު ބޮޑުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމާއި، ކުދިންނަށް ކާންދޭ ތަކެތީގެ ކޮލިޓީ އާއި ރާއްކާތެރިކަމާ މެދު ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަވެ އެވެ.



އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިކަމަކީ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު މިކަމަށް ހާއްސަ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި ކުދިންނަށް ކުރާ އިންވެސްޓްމަންޓަކީ ބޭކާރުވެގެންދާ ފައިސާ ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ޕްރޮގްރާމަށްދާ ހަރަދު ކުޑަ ކުރުމަށް ކަރުދާސް ތަށި ބޭނުން ކުރުން ހުއްޓާލާފައިވާ ކަމަށާއި، ކާތަކެތި ފޯރުކޮށްދޭނީ ކުދިން ގެއިން ގެންނަ ކޮންޓެއިނާގައި ކަމަށެވެ. އޭގެ އިތުރުން ސްކޫލުތަކުގައި ކާތަކެތި އުފެއްދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.



ކާތަކެތީގެ ކޮލިޓީ އާއި ރާއްކާތެރިކަމާ ގުޅޭ ގޮތުން މިނިސްޓަރު އައިޝަތު ވިދާޅުވީ ކޮލިޓީ ޔަގީން ކުރުމަށް ވަކި އުސޫލުތަކެއް އޮންނަ ކަމަށާއި، ރައްކާތެރިކަން ޔަގީން ކުރުމަށް ކޮންމެ ސްކޫލެއްގައި ވެސް މުވައްޒަފަކު ކާތަކެތި ޓެސްޓުކޮށްފައި ނޫނީ ދަރިވަރުންނަށް ކާން ނުދޭނެ ކަމަށެވެ.



ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފެށި އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި ކިޔަވަމުން އަންނަ 70000 އެއްހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ މިހާރު ދަނީ ލިބެމުންނެވެ.



ފާޑުކިޔުންތަކެއް ހުރި ނަމަވެސް، މިއަދު ސްކޫލަށް ގޮސް ކުދިން ނާސްތާ ނެގުމުގެ ކަންކަން ކުރާ ގޮތް ކައިރިން ފެނުމުން މި ޕްރޮގްރާމާ މެދު އަޅުގަނޑުގެ އުއްމީދު އާވެއްޖެ އެވެ. ހިރިޔާ ސްކޫލުގައި ހޭދަކުރި ކުޑަ ވަގުތުކޮޅުން ވެސް ފެނުނީ ކުދިންގެ ބަދަހި ގުޅުމާއި އެކުވެރިކަމެވެ. ރާއްޖޭގެ މުސްތަގުބަލުގެ އެ ކުދި މޫނުތަކުން ފެނުނީ އުފާވެރިކަމާއި އުޖާލާ ކަމެވެ.
ހިޔާލު

ފޮނަދޫ

ލ.ފޮނަދޫ ސުކޫލުގައި ނާސްތާއޭ ކިޔާފާ މިދެނޫ ހިތަށް އެރީ އެއްޗެއް ވަކި މެނޫއެއްވެސްނޯވޭ އަބަދުވެސް ލިބެނޫ ޕާން މިނިސްޓްރީއުން މިކަންކަން މޮނީޓަ ކޮށް ހާދާބާ؟