REPORT: Dhanduveri kamuga hamaeh nethi chemical beynun kurun - Bodu nurakkaleh!
image
ރަށެއްގައި ކަރާ ދަނޑެއް ހައްދާފައި-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ދަނޑުވެރިކަމުގައި ހަމައެއް ލަމައެއް ނެތި ކެމިކަލް ބޭނުންކުރުން: މިއީ ނުރައްކާތެރި ކަމެއް!

ދަނޑުވެރިކަން ކުރުމުގައި ތަފާތު އެކި ބާވަތްތަކުގެ ކެމިކަލްތައް ބޭނުންކުރުން ރާއްޖޭގައި މިވަނީ ވަރަަށް ބޮޑަށް އާންމުވެފައެވެ. އެކަމުގެ ސަބަބުން ވެއްޓާއި ސިއްހަތަށް ލިބޭ ގެއްލުން ވެސް އިތުރުވެފައިވާއިރު ގެއްލުން ލިބިފައިވާ ސީދާ އަދަދު ބުނެދޭން ނޭނގެނީ އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނުވާތީ އެވެ. އެކަމަކު ދަނޑުވެރިންނާއި ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގިގެން ދަނީ އެއީ ނުރައްކާތެރި ކަމެއް ކަމެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ރިހާކުރު ބޭހާއި ޕެސްޓިސައިޑްސް ފަދަ ކެމިކަލްތަކަކީ ނުރައްކާތެރި ކެމިކަލެވެ. ހާއްސަ ގޮތެއްގައި "ހިތުހުރި ގޮތަކަށް" ބޭނުން ކުރާނަމަ އޭގެ ނުރައްކާ ބޮޑެވެ. އެފަދަ ބޭސްތަކަކީ ބޭނުންކުރަން އަންގާފައި އޮންނަ ގޮތަށް ނޫން ގޮތަކަށް ބޭނުން ކުރަން ހެޔޮނުވާވަރުގެ ގެއްލުން ބޮޑު ބޭސްތަކެކެވެ.

އަތޮޅު ތެރޭގެ ގިނަ ރަށްތަކަކީ ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށެވެ. ހާއްސަކޮށް ބިމުގެ ގޮތުން ބޮޑުތި ރަށްތަކަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށެވެ. އެފަދަ އެއް ރަށަކީ، ލ. ގަމެވެ. އެރަށުގައި ތަރުކާރީއާއި މޭވާ ހައްދަމުން އަންނަ ދަނޑުވެރިއެއް ކަމަށްވާ، އަބްދުލް ވައްހާބު އަބްދުﷲ ސީއެންއެމްއަށް ބުނި ގޮތުގައި ގަހަށް ޖަހާ ކޮންމެ ކެމިކަލަކީ ވެސް ސިއްހީ ގޮތުން ނުރައްކާތެރި ކެމިކަލެވެ.

އެގޮތުން ދަނޑުވެރިކަން ކުރުމުގައި އެފަދަ ކެމިކަލްތައް އޭނާ ވެސް ބޭނުން ކުރާކަން ފާހަގަކޮށް ވައްހާބު ބުނީ ބޭސް ބޭނުން ކުރުމުގެ ކުރިން މޫނާއި ލޯ އަދި އަތުގެ ހަން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އެގޮތަށް އެކަން އޮތް ނަމަވެސް ގިނަ ދަނޑުވެރިން އެގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ވައްހާބު ބުނީ، ކޮންމެ ކެމިކަލެއް ވެސް ބޭނުންކުރާއިރު ދެ ހަފުތާގެ މުއްދަތަކަށް ހާވެސްޓު ނުކޮށް މަޑުކުރަން ޖެހޭ ކަމަށެވެ. އެކަމަކު އެގޮތަށް ދަނޑުވެރިން އަމަލު ނުކުރާކަން ފާހަގަކޮށް އޭނާ ބުނީ، މިއަދު ކެމިކަލް ބޭނުންކޮށްފަ މާދަމާ ވެސް ކެމިކަލް ބޭނުން ކުރާ ކަމަށެވެ. އަދި ދެ ހަފުތާ ވަންދެން މަޑުނުކޮށް ބައެއް ދަނޑުވެރިން ހާވެސްޓް ކުރާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

"ކޮންމެ ކެމިކަލެއް ވެސް ބޭނުން ކުރާއިރު އެބަ ޖެހޭ ދެ ހަފުތާ ވަންދެން ހާވެސްޓު ނުކޮށް މަޑުކުރަން. އޭގެ ފަހުން ބޭނުން ކުރެވިދާނެ. އޭރުން ހުންނާނީ ވިހައިގެ އަސަރު ގޮސްފަ. އެކަމަކު ރާއްޖޭގެ ދަނޑުވެރިންނޭ މިކިޔަސް ގިނަ މީހުންނަކީ ބޭރުގެ ބައެއް. އޭގެ ތެރެއިން ގިނަ މީހުން އެކަމަށް ސަމާލުކަން ނުދީ މިއަދު ކެމިކަލް ބޭނުންކޮށްފަ މާދަމާ ކެމިކަލް ބޭނުންކޮށްފަ އެބަ ހާވެސްޓް ކުރޭ. އެހެންވެއްޖެއްޔާމުން އޭގެ އަސަރު ހުންނާނެ ހަމަ،" ދަނޑުވެރިޔާ ބުންޏެވެ.

"ކެމިކަލެއް ވެއްޖެއްޔާމުން ލިބޭ ގެއްލުންތަކަކީ ދުވަހުން ދުވަހުން ފެންނާނެ އެއްޗެއް ނޫން. މިސާލަކަށް ދުވަސް ހަމަ ނުކުރާ ތަރުކާރީ އެއް ކާލާއިރު އެ ވަގުތު އަސަރު ނުކޮށްފާނެ. ޒަމާންތަކެއް ފަހުން އެމީހަށް މައްސަލަ ދިމާވާނީ،" އޭނާ ބުންޏެވެ.

ކޮންމެއަކަސް މިހާ ނުރައްކާތެރި ކެމިކަލް ހިތުހުރި ގޮތަކަށް ބޭނުންކުރުމުގެ ހިތި ގިނަ ބައެއްގެ އަރުގައި ލައެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ކެމިކަލްތަކުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަކަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. އެގޮތުން ހަމާއި ކިޑްނީ އަދި ޕުއްޕާމެއާއި ދަރިމައިވުމުގެ ސިއްހަތަށް ޖެހޭ ބަލިތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ތެރޭގައި ބޭނުންކުރާ ޕެސްޓިސައިޑް ކެމިކަލް ބިމުގެ ތެރެއިން ފެނުގެ ފަށަލައަށް އެޅި ފެން ތަގައްޔަރުވޭ، އަދި ފެނުގެ ޒަރިއްޔާއިން ފަޅު ތެރެއަށާއި ފަރަށް ފޯރުމުގެ ފުރުސަތު އޮވޭ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕެސްޓިސައިޑް ބޭނުންކުރަން އަންގާފައި އޮންނަ ގޮތަށް ދަނޑުވެރިން ބޭނުން ނުކުރާއިރު އެކަމުގެ ނުރައްކަލަކީ ދަނޑުވެރިންނަށް ނޭނގޭ ކަމަކަށް ވެސް ވެދާނެ އެވެ. އެކަމަކު މިނިސްޓްރީން ބުނީ ޕެސްޓިސައިޑް ބޭނުން ކުރަންޖެހޭ ގޮތާއި އޭގެ ނުރައްކާ އަދި އެތަކެތި ބޭނުން ކުރާއިރު ވިސްނަންވީ ކަންތައްތަކާ އަދި ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓްރެއިނިން ޕްރޮގްރާމުތައް ވެސް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

"ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް އަދި ރާއްޖެ އެތެރެކުރެވޭ ކެމިކަލްތައް ވަކި އުސޫލަކަށް ފައްތާ މިނިސްޓްރީން ހުއްދަ ދޭ ބާވަތްތައް ނޫން އެހެން ޕެސްޓިސައިޑް އެތެރެނުކުރެވޭ ގޮތަށް ހެދުމާ އެތަކެތީގެ ވިޔަފާރި ކުރާއިރު ދިވެހި ލޭބަލް އެތަކެތީގައި ހުރުން ޝަރުތު ކުރެވިފަވޭ، މޯލްޑިވްސް ގުޑް އެގްރިކަލްޗާ ޕްރެކްޓިސް ސެޓްފިކޭޝަން ވަނީ ތައާރަފު ކުރެވިފައި،" ކެމިކަލް ބޭނުން ކުރުން މަދު ކުރުމަށް ބާރު އެޅުމަށް މަސައްކަތް ކުރެވޭތޯ ސުވާލުކުރުމުން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެފަދަ ކެމިކަލްތައް އެތެރެކުރެވޭނީ މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ކަމަށާއި އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން އެތެރެކުރެވިފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

"ގާނޫނީ ގޮތުން ފުރިހަމަ ބާރުތަކެއް ލިބިގެން ނޫނީ ބަލައިފާސްކުރުމާ ނުގަވައިދުން އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅޭ. ޕެސްޓިސައިޑް ގާނޫނުގެ ޒަރިއްޔާއިން އެކަމަށް ބާރާއި ހައްލު ލިބޭނެ،" މިނިސްޓްރީން ބުންޏެވެ.

ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވަން ރައްޔިތުންގެ މަޖިލީހަށް ޕެސްޓިސައިޑްސް ބިލު ހުށަހަޅާފައިވާއިރު އެ ބިލުގެ ބަހުސްގައި ދަނޑުވެރިކަމާއި ކެންސަރާ ހުރި ގުޅުމާ ބެހޭ ގޮތުން މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބިލު ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ ޕެސްޓިސައިޑް ބޭނުން ކުރާ ގޮތް މޮނިޓާކޮށް ރެގިއުލޭޓް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް އެކަމަށް ތާއީދުކުރެއްވި އެވެ.

"މާރުކޭޓުގެ ދޮންކޭލަކަށް ބޭސް ޖަހާތާ 24 ގަޑިއިރު ނުވަނީސް އެބަ ދޮންވޭ. މިއީ ނުރައްކާތެރި ކަންކަން ސިއްހީ ގޮތުން ބަލާއިރު،" ޝިޔާން ފާހަގަކުރެއްވި އެވެ.

ޕެސްޓިސައިޑްސް ބިލެއް މަޖިލީހަށް ހުށަހެޅީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުން ކުރުމާއި، ޕެސްޓިސައިޑް އުފެއްދުމާއި، ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި، ވިއްކުމާއި ބޭނުންކުރުމާއި، ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށެވެ.

"އަޅުގަނޑުމެންގެ ކެމްޕޮއިނުގައި އުޅުއްވި، އަޅުގަނޑުގެ ވަރަށް ގާތުގައި އުޅުއްވި ބޭފުޅެއް، މެނޭޖަރު މަރުވީ ކެންސަރު ޖެހިގެން. އިއްޒަތްތެރި ރައީސް، ލ. އަތޮޅުގައި ހޮބީ އަށް ދަނޑު ހައްދަން ދިޔައީ. އިންޑިއާ އަށް މި ބުނާ ހަޑިގަނޑަށް ކެންސަރުގެ ބަލި ޖެހިގެން ދިޔައިމަ ބުނީ ދުނިޔޭގައި ނުވެސް އުޅޭ ބާވަތެއްގެ ކެންސަރެއް ޖެހިފައި ހުރީ. އުމުރުން 27 އަހަރު. ބްލަޑް ކެންސަރު ޖެހިގެން މަރުވީ، ކީއްވެގެންތޯ؟ ޑޮކްޓަރު ބުނީ ރިހާކުރު ބޭހޭ. ފާޑެއްގެ ބޭހެއް. އެއީ ލ. އަތޮޅުގައި ބޭނުން ކުރާ. ދިވެހިން ކިޔާ އުޅޭނީ ރިހާކުރު ބޭސް. ޕެސްޓިސައިޑާ ގުޅޭ ބޭހެއް މިއީ. މި ބޭސް ބޭނުންކޮށްގެން އޭނާއަށް ކެންސަރު ޖެހިފައި ހުރި ކަމަށް ބުނަނީ،" މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުމުން ދިމާވާ ސިއްހީ މައްސަލަތަކާ ގުޅިގެން ގިނަ މެމްބަރުންތަކެއް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ މައްސަލަތައް އެފަދަ ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވެފައިވާކަން މެމްބަރުންގެ ވާހަކަތަކުން ވެސް އެނގިގެންދިޔައެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އޯގަނިކް ދަނޑުވެރިކަމަކީ ނުރައްކާތެރި ކެމިކަލްތަކުން ލިބޭ ގެއްލުމަށް އޮތް ހައްލެކެވެ. ތަފާތު ކެމިކަލްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި އަމިއްލައަށް ގަސްކާނާ ތައްޔާރުކޮށްގެން ދަނޑުވެރިކަން ކުރުމުން ތަފާތެވެ. ކެމިކަލް ބޭނުންކޮށްގެން ދަނޑުގައި ހައްދާ ބާވަތްތައް ހަލާކުވުން އަވަސްކަން ދަނޑުވެރިން ފާހަގަކުރާއިރު ކެމިކަލާ ނުލައި ހައްދާ ބާވަތްތައް ތާޒާކަމާއެކު ގިނަ ދުވަހު ހުރެއެވެ. އަދި ރަހަވެސް ތަފާތެވެ.
ހިޔާލު