5 Meehunge maraai eku Nolhivaranfaru karunain foavefai
image
މިއަދު ހަނިމަދޫ ރައްޔިތުން އެ ރަށު ސިއްހީ މަރުކަޒު ކަރިއަށް ޖަމާވެފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

ފަސް މީހުންގެ މަރާއި އެކު ނޮޅިވަރަންފަރު ކަރުނައިން ފޯވެފައި

އިރު އަރައިގެން ދިޔައިރު މިއަދަކީ ވެސް އެހެން ދުވަސްތަކާއި މާ ބޮޑު ތަފާތެއް އޮތް ދުވަހެއް ނޫނެވެ. ކުޑަވެސް ތަފާތަކީ މޫސުން ގޯސްވުމެވެ. އެކަމަކު އެއްވެސް ގޮތަކަށް މިއަދު ދިމާވި ވަރުގެ ހިތާމަވެރި ހާދިސާއެއް ތަސްވީރަށް ވެސް ނުގެނެވެ އެވެ. ނަމަވެސް ކަންވީ މިއާ ދިމާ އިދިކޮޅަށެވެ.
މެންދުރު ފަހަށް އަޅާލި އިރު މުޅި ގައުމަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ؛ ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުންޖަހާލައި ފަސް މީހަކު މަރުވި ހަބަރެވެ. ނޮޅިވަރަން ފަރަށް ލިބުނު ސިހުމާއި ހިތާމަ އަދި މާ ބޮޑެވެ؛ މުޅި ރަށް ކަރުނައިން ފޯވެއްޖެ އެވެ.

ޖުމްލަ ދިހަ މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަލާހި ހަދިސާގައި އެއް އާއިލާ އެއްކޮށް ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ؛ ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. އެ މީހުންގެ މައުލޫމާތު ތިރީގައި އެ ވަނީ އެވެ.

ޑިންގީ ބަންޑުންޖަހާލައިގެން މަރުވި މީހުން:

- ހުސައިން އަބްދުﷲ (ބޮޑު ޓީޗަރު)
- މަރިޔަމް މަނިކެ (ބޮޑު ޓީޗަރުގެ އަންހެނުން)
- ގުރައިޝާ އަބްދުﷲ (އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު)
- އީރާ ހަސަން ޝިފާޒް (ގުރައިޝާގެ ހުރި ހަމައެކަނި ދަރިފުޅު)
- އައިޝަތު އަލީ

މޫސުން ގޯސްވާނެ ކަމަށާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް، މުސުމާއި ބެހޭ ގައުމީ އިދާރާ އިން އެލާޓް ވެސް ނެރެފައި ވަނިކޮށް އެ މީހުން ހަނިމާދޫ އަށް ދާން ފުރީ މިޑް ޓާމް ސްކޫލް ބަންދާ ދިމާކޮށް މާލެ އައުމަށެވެ. އެކަމަކު ފަހުން މޯލްޑިވިއަން އިން ވަނީ އެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދޫ ދަތުރުތައް ވެސް ފަސްކޮށްފަ އެވެ.

މިއަދުގެ ހިތާމަވެރި ހާދިސާގައި މަރުވި ބޮޑު ޓީޗަރަކީ ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ގިނަދުވަސްވީ ޓީޗަރެވެ. "ސީއެންއެމް" އަށް ވާހަކަދެއްކި އެ ރަށުގެ މީހުން ބުނީ އޭނާ އަކީ އެ ރަށުގެ ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ނަމޫނާ ޓީޗަރެއް ކަމަށެވެ.

- ނޮޅިވަރަންފަރުގެ ލޯބި ހޯދާފައިވާ ބޮޑު ޓީޗަރު.

"އަޅުގަނޑަށް އަދިވެސް މި ހުރީ ގަބޫލުކުރަން ދަތިވެފައި،" މިއީ މިއަދު އެ ރަށުގެ ގިނަ ބަޔަކު ވެސް ބުނި ވާހަކަ އެވެ.

މިއަދަކީ މުޅި ގައުމަށް އަދި ހާއްސަކޮށް ނޮޅިވަރަންފަރަށް ކަޅު ދުވަހެކެވެ. އެ ރަށުން ވާހަކަދެއްކި މީހުން ބުނީ "މުޅި ރަށް އޮތީ ކަރުނައިން ފޯވެފައި" ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ގުޅިގެން މިއަދުގެ ހާސިދާގައި މަރުވި މީހުންގެ އާއިލާތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެ އެވެ.

ބޮޑު ޓީޗަރުގެ އިތުރުން ވެސް މި ހާދިސާގައި ދުނިޔެ ދޫކޮށް ދިޔަ އެންމެންނަކީ ވެސް އެ ރަށުގެ މީހުން ބުނާ ގޮތުން އަހުލާގު ރަނގަޅު، މީހުންނާ ގުޅިގެން އުޅޭ ބައެކެވެ. އަދި އެ މީހުންގެ މަތިން ރަށު މީހުން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުނެ އެވެ.

- މިއަދުގެ ހާދިސާގައި މަރުވި ކުޑަ ކުއްޖާ

މިއަދުގެ ހާދިސާ ހިނގި އިރު އައިޝަތު އަލީގެ ފިރިމީހާ ވެސް އެ ޑިންގީން ހަނިމާދޫ އަށް ދަތުރު ކުރި އެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތް ވެފަ އެވެ. އޭގެ އިތުރުން އެ ޑިންގީ ދުއްވަން އިން މީހާ އަކީ މަރުވި މީހުންނާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

ނޮޅިވަރަންފަރު ރައްޔިތުން ވަނީ އެ މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫ އަށް ދާން ތައްޔާރުވެފަ އެވެ. އެކަމަކު މޫސުން ގޯސް ކަމުން އެކަމަށް ވަނީ ހުރަސް އެޅިފަ އެވެ. ނަމަވެސް މިހާރު ވެސް އެ ރަށުގެ ގިނަ ބަޔަކު ވަނީ ޖަނާޒާގައި ބައިވެރިވުމަށް ހަނިމާދޫ އަށް ގޮސްފަ އެވެ.

ހަނިމާދޫ އިން ވާހަކަ ދެއްކި ގިނަ މީހުން ވެސް ބުނީ މިއަދަކީ އެ ރަށަށް ވެސް ހިތާމަވެރި ދުވަހެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ރައްޔިތުންނަށް ވެސް މިކަމުގެ ސަބަބުން ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް އެ މީހުން ބުނެ އެވެ.

- މިއަދުގެ ހާދިސާގައި މަރުވި ގުރައިޝާ

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހަނިމާދޫ ރައްޔިތުން ގުޅިގެން އެ މީހުންނަށް އެހީތެރިވާން ނިކުތް މަންޒަރު. އަޅުގަނޑުމެންގެ އިތުރުން ފުލުހުންނާއި އެއާޕޯޓް މީހުން އަދި އާންމުން ވެސް ވަގުތުން އެތަނަށް އެޓެންޑް ކޮށް، މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެގަތް،" އެ ހާދިސާ އާ ގުޅިގެން ސިފައިންގެ އޮފިސަރަކު ވިދާޅުވި އެވެ.

އެގޮތުން ލޯންޗް ބަންޑުންޖަހާއިގެ އުޅޭކަން އެނގުމާއި އެކު ފުލުހުންނާއި ސިފައިންގެ އިތުރުން އާންމު އުޅަނދުތައް ވެސް އެ މީހުން ހޯދަން ވަގުތުން އެ ސަރަހަށްދަށް ދިޔަ އެވެ. އެމްއެންޑީއެފުން ބުނީ އެގޮތުން ކޯސްޓް ގާޑަށް އޭގެ ތެރެއިން ހަތް މީހުން ނެގި އިރު އެކަކު ނެގީ އާންމުންގެ ލޯންޗަކަށް ކަމަށެވެ.

- ބަންޑުން ޖަހާލި ޑިންގީ

އެމްއެންޑީއެފުން ބުނީ އެ މީހުން ކޯސްޓްގާޑަށް ނެގުމާއި އެކު އަވަސް ފަރުވާ ދިން ކަމަށެވެ. އެ މީހުން މަރުވިކަން އިއުލާނު ކުރީ ސިއްހީ މަރުކަޒަށް ގެންދިއުމުން އެ ތަނުންނެވެ. މި ހިތާމަވެރި ހާދިސާގައި މަރުވި އެންމެންނަށް ވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް އަދި އެ މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި އެންމެން ވެސް ދުއާ ކޮށްދެއްވާށެވެ.
ހިޔާލު

ަލައިޔާމު

ލައިފުޖެކެޓު އަޅަން ހަދާންކުރާތި......