REPORT: Hydroponics system aa eku Maalhohuge dhanduverikamah thiyaagi kameh
image
ހައިޑްރޮޕޯނިކްސް ސިސްޓަމް މާޅޮހުގައި އިފްތިތާހު ކުރުމުގެ ތެރެއިން-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހައިޑްރޮޕޯނިކްސް ސިސްޓަމާއެކު މާޅޮހުގެ ދަނޑުވެރިކަމަށް ތިޔާގިކަން

ދަނޑުވެރިކަމަކީ ރާއްޖޭގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ބިނާވެފައި އޮންނަ މަސައްކަތެވެ. އެކަމަކު އެ ސިނާއަތަކީ ތަރައްގީގެ މަސައްކަތްތައް އެންމެ ކުޑަ ސިނާއަތެވެ. ފަތުރުވެރިކަމާއި، އިމާރާތް ކުރުމާއި، މަސްވެރިކަމަށް އައި ފަދ ހަލުވި ބަދަލުތަކެއް ދަނޑުވެރިކަމަށް އައިސްފައެއް ނުވެ އެވެ.
ބ. މާޅޮހަކީ ވެސް ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް ރަށެކެވެ. ރަށުގައި ހައްދާ މޭވާ އާއި ތަރުކާރީ ކައިރި ރިސޯޓުތަކަށް ވިއްކައިގެން އެ ރަށުގެ ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ. އެހެންވެ، ދަނޑުވެރިކަމަށް އެ ރަށުގައި ބަދަލެއް ގެނެވުމުން އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް އުފާވެފަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ދަނީ ރަށްރަށަށް "ހައިޑްރޮޕޯނިކްސް" ނުވަތަ ފެނުގައި ގަސް އިންދުމުގެ ނިޒާމު ތައާރަފް ކުރަމުންނެވެ. އެގޮތުން މަތިން މިދިޔަ މަހު މާޅޮހުގެ 10 ގެޔެއްގައި ވަނީ ހައިޑްރޮޕޯނިކްސް ނިޒާމު ބަހައްޓައި، އޭގެން ދަނޑުވެރިކަން ކުރާނެ ގޮތް ކިޔައިދީފަ އެވެ.



"މި ރަށަކީ އާންމުކޮށް ދަނޑުވެރިކަމުން އާމްދަނީ ހޯދާ ރަށެއް. ހައިޑްރޮޕޯނިކްސް ސިސްޓަމާއެކު ދަނޑުވެރިކަމުން އުފައްދާ ބާވަތްތައް އިތުރުކުރެވޭނެ. އަދި ރަށުގެ އިގްތިސާދަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ޝުޖާއު ސީއެންއެމަށް ވިދާޅުވި އެވެ.

ރަށުގެ 10 ގެއެއްގައި އެ ސިސްޓަމް ބެހެއްޓިގެން ދިޔައިރު، އެ ގެތަކުގެ މީހުންގެ ވިސްނުން ވެސް ހުރީ މިގޮތަށެވެ.

"ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ. ރަށުގައި ދިރިއުޅޭ މީހުންނަށް އަދި ގެސްޓްހައުސްތަކަށް ވެސް މާލެ އިން އެ ވިއްކާ މޭވާ އާއި ތަރުކާރީ އަށް ވުރެ ތާޒާ ބާވަތްތަކެއް ލިބިގެންދާނެ،" ސިސްޓަމް ބެހެއްޓިގެން ދިޔަ ގެޔެއްގެ މީހަކު ވަރަށް އުފަލާއެކު ފާހަގަކޮށްލި އެވެ.

"ރިސޯޓުތަކުން ވެސް އަޅުގަނޑުމެން ހައްދާ އެއްޗެހި މާކެޓް ކުރަން ތައްޔާރަށް ތިބީ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ފައިދާ އެއް ލިބޭނެ ކަމަށް ބެލެވޭ،" ދަނޑުވެރިކަމުން ބޮޑު މަންފާ އެއް ލިބޭނެ ކަމުގެ އުންމީދުގައި ހުރި އެހެން މީހަކު ސީއެންއެމް އަށް ކިޔައިދިނެވެ.



ސީއެންއެމާ ވާހަކަދެއްކި ހުރިހާ އެންމެން ވެސް ތިބީ ހައިޑްރޮޕޯނިކްސް ސިސްޓަމާއެކު މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން މަންފާތަކެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އެމީހުން ދެކެނީ މިއީ އަމިއްލަ ގޭގައި ހުރެގެން ކުޑަ ބިމެއްގައި މަންފާ ހޯދިދާނެ ފަދަ މަސައްކަތެއް ކަމުގައެވެ.

އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން ވެސް ލިބޭ ހުސް ވަގުތުގައި މާ ބުރަ މަސައްކަތަކާއި ނުލައި އެހެން ދާއިރާއަކުން އިތުރަށް ނަފާ ހޯދުމުގެ މަގު އެމީހުންނަށް މަގުފަހިވެފައިވާ ކަމަށް އެމީހުން ގަބޫލު ކުރެ އެވެ.

ހައިޑްރޮޕޯނިކްސް އަކީ ހަމައެކަނި މާލީ ނަފާ ލިއްބައިދޭ ކަމެއް ނޫނެވެ. ބިމުގައި ދަނޑު ހެއްދުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުރާނެ ކަމެކެވެ، އެކަމަކު ހައިޑްރޮޕޯނިކްސް ނިޒާމުގެ ސަބަބުން ފަސްގަނޑަށް ބަރޯސާ ނުވެ، މޭވާ އާއި ތަރުކާރު ހެއްދުމުގެ މަސައްކަތް ކުރެވޭނެ އެވެ.

އޭގެ އިތުރުން ފެނުގައި ގަސް އިންދުމަކީ ގަސްތަކަށް ޖެހޭ ބަލިތަކުން ވެސް ރައްކާތެރިކުރެވޭނެ ފަދަ ކަމެކެވެ. ހައިޑްރޮޕޯނިކްސް ގައި ބޭނުންކުރާ ފެނަކީ ރަނގަޅަށް ބަންދުކޮށްފައި ހާއްސަ ޓޭންކެއްގައި ބެހެއްޓިގެންދާ ފެން ދައުރުވާ ގޮތަށް ހުންނަ ޓޭންކެކެވެ.

މި ޕްރޮގްރާމް މާޅޮހުގައި އިތުރަށް ފުޅާވެގެން ދާއިރު އެ ނިޒާމަކީ އެ ރަށުގެ ދަނޑުވެރިންނަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. ތިމާވެއްޓާ ރައްޓެހި، ފަސޭހަކަމާއެކު މަސައްކަތް ކޮށް ގަސްތައް ހެއްދޭނެ ފަދަ ފުރުސަތެއް އެ ވަނީ މަގުފަހިވެގެން ގޮސްފަ އެވެ.
ހިޔާލު