REPORT: Addu ge nurakkaatheri Link Road aai fen koaru hedhey magu thah!
image
އައްޑޫ ސިޓީގެ ބައެއް މަގުތައް، ލިންކު ރޯޑު--
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

އައްޑޫގެ ނުރައްކާތެރި ލިންކު ރޯޑާއި، ފެންކޯރު ހެދޭ މަގުތައް!

"މިއީ ހަމަ ހައްލު ނުވެ ހުރި ކަމެއް. ވާރޭ ވެހިއްޖެޔާ ވަރަށް ބޮޑަށް ފެންކޯރު ހެދޭ. ބައެއް ފަހަރު ނޭނގޭނެ ކިހާ ފުންމިނެއްގައި ކަމެއް އެ ފެން ކޯރު ހެދިފައި އެ ހުންނަނީ ވެސް،" މިއީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުންގެ ޝަކުވާ އެވެ.
ގާތްގަނޑަކަށް 33821 މީހުންގެ އާބާދީއެއް އޮންނަ އައްޑޫގެ މަގުތަކުގެ ވާހަކައަކީ ދައްކާ ނުނިމޭނެ ވާހަކައެކެވެ. ސައިޒުގެ ގޮތުންނާއި އާބާދީގެ ގޮތުން އައްޑޫ ބޮޑު ނަމަވެސް، އެތަނަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އައްޑޫއަށް ކަމެއް ކޮށް ދީފައި އޮތިއްޔާ އެކަމެއް ކޮށްދިނީ އިނގިރޭސިންނޭ ބުނަނީ އެހެންވެ އެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކުރުމަށް ތާރު އެޅި ބައެއް މަގުތައް ކަނޑާނެގުމަށް ފަހު މިއަދާ ހަމައަށް ވެސް ރަނގަޅުކޮށްފައި ނެތުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެގޮތުން މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ބޮޑު މަގުން ދަތުރުކުރުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް އެމީހުން ބުނެ އެވެ.

މަގުގައި ހެދިފައި ހުރި ބޮޑެތި ވަޅުގަނޑުތަކަށް ވެއްޓި އެކި މީހުންނަށް ތަކުރާރުކޮށް އަނިޔާވަމުން ދެއެވެ. ހިތަދޫގެ މަގު ހެދުމަށް ފަހު ވެސް ފަސްގަނޑު އެއްވަރު ނުކޮށް ނިންމާލާފައި ވާތީ އެކަމަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އެތަނުން ސައިކަލު ދުއްވާ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައި އެބަ ހުއްޓެވެ.

"ވަރަށް ގިނަ މީހުން އެވަޅުގަނޑުތަކަށް ވެއްޓީ އެބަހުރި އަނިޔާވެފަ. ވަރަށް ނުރައްކާތެރި އަސްލު އެހެން ހުރީމަ. ކޮންމެ ކަމެއް ވެސް ހަމަ ވެދާނެ އެގޮތައް މަގުތައް ހުރިއްޔާ،" އައްޑޫގެ އިތުރު ރައްޔިތަކުން ބުންޏެވެ.

އައްޑޫ ސިޓީގެ މަގުތަކާ ގުޅިގެން އާއްމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދި ފަހުން ވަނީ އައްޑޫގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ސީއެންއެމްއަށް ވިދާޅުވީ ބޮޑު މަގު ހެދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"ބައެއް ފަހަރު ތާރު އެޅި މަގުތަކުގަ ލޯވަޅު ހެދުން ފަދަ ކަންތައް ދިމާވޭ. އަޅުގަނޑުމެންގެ މެއިންޓެނަންސް ޓީމުން ދަނީ އެތަން މެދު ނުކެނޑު މަރާމާތު ކުރަމުން. ވެލި މަގުތައް ވާގޮތަކީ ދުއްވާ އެއްޗެހި ވަރަށް ގިނަ އިން ދުއްވާ ތަނެއް މާލެ ފިޔަވާ މިއީ. ދެން ވާރޭ ވެހޭ ދުވަސްތަކެއްގަ މަގެއް ނުއެއް ހެދޭނެ. ވާރޭ ނުވެހި ދެހަފްތާ ވެއްޖެއްޔާ ނޯންނާނެ ނެހެދޭނެ މަގެއް،" ޔަޝްރިފް ވިދާޅުވި އެވެ.

"އަސްލު މީހުންގެ އެކްސްޕެކްޓޭޝަން އުޅެނީ މަގުތައް މިހާރު ހުންނަން ޖެހޭނީ ތާރު އެޅިފަޔޭ. އެއީ ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ އެއް ހިދުމަތް. ދުއްވޭނެ މަގުތައް ހުރުމާއި ނަރުދަމާ އާއި ފެނާއި މިކަހަލަ ކަންތައް، ސިއްހީ ހިދުމަތް ލައިގެން. ރައްޔިތުންގެ އެކްސްޕެކްޓޭޝަން ހުރޭ ތާރު އަޅާ ރަނގަޅަށް ހެދުނީމަ ނޯންނާނެތާ ފެންގަނޑެއް، އޭރުން ހުރިހާ ފެންގަނޑެއް އޮންނާނީ ބޭރުގަ، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އޮވޭ. އަޅުގަނޑުމެން މި އުންމީދު މިކުރަނީ މިއަންނަ އަހަރު ނިމުމުގެ ކުރިން އައްޑޫގެ އާ މަގުތަކެއްގަ ތާރު އެޅި، މި މައްސަލަ ހައްލު ކުރެވޭނެ ކަމަށް،" ޔަޝްރިފް ވިދާޅުވި އެވެ.

ޔަޝްރަފު އޭގެ އިތުރަށް ވިދާޅުވީ މިއަހަރު ތެރޭގައި ވެސް ގާތްގަނޑަކަށް ހަތް ކިލޯ މީޓަރުގެ މަގުގައި ތާރު އެޅޭނެ ކަމަަށް ބެލެވޭ ކަމަށެވެ. އަދި ފޭދޫ މަރަދޫ ބޮޑުމަގުގެ މެދު ހަލާކުވެފައި ވާއިރު އެމަގު އަލުން ސާވިސް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށް ހަބަރު ލިބިފައިވާ ކަމަށް ވެސް ޔަޝްރިފު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުގައި ޗެކްޕޯސްޓު ނެތް، ސްޕީޑް ބްރެކަރެއް ނެތް:

ރާއްޖޭގައި އެކްސިޑެންޓުތައް އެންމެ ގިނައީ އައްޑޫ ސިޓީ ލިންކު ރޯޑުގައި އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގިނަ ބައެއްގެ ފުރާނަ ވެސް ބައެއް އެކްސިޑެންޓު ތަކުގައި ގޮސްފައި ވާއިރު މިކަމަށް ޒިންމާ ވާނީ ކޮންބައެއް ހެއްޔެވެ؟

އައްޑޫގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި އެމަގުގައި ޗެކް ޕޯސްޓުތައް ވަރަށް މަދެވެ. އަދި ހާއްސަކޮށް ލިންކު ރޯޑުގެ މެދުގައި އެއްވެސް ވަރަކަށް ޗެކް ޕޯސްޓުތައް ނުހުންނަކަން އެމީހުން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން ލިންކު ރޯޑުގައި ސްޕީޑް ބްރެކާ ވެސް ނުހުރެ އެވެ. މިއީ ވެސް އެކްސިޑެންޓުތައް ދިމާވާ އެއް ސަބަބެވެ.

"ލިންކް ރޯޑުގެ ފަށާ ހިސާބުގަ ހުރޭ ސްޕީޑް ބްރެކާސް، އެކަމަކު މެދުތެރޭގަ ނުހުރޭ އެއްވެސް ވަރަކަށް ސްޕީޑް ބުރެކާސް އެއް. ހިތަދޫ އާ މަރަދޫ އާ ދޭތެރޭ އޮންނަ ފަޅުރަށްތަކާ ހިސާބުގަ ވެސް ނުހުރޭ ސްޕީޑް ބްރެކާސް އެއް، މިއީ އެކްސިޑެންޓުތައް ދިމާވާ ތަން އާންމުކޮށް،" އައްޑޫގެ މަގުތަކާ ބެހޭ ގޮތުން މީހަކު ބުންޏެވެ.

އޭގެ އިތުރުން ލިންކު ރޯޑުގައި ރޭގަނޑު ވަރަށް އަލި މަޑުކަމަށް ވެސް ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ވިދާޅުވީ ލިންކް ރޯޑަކީ ޗެކް ޕޯސްޓުތައް ހުންނަން ޖެހޭ ތަނެއް ނޫން ކަމަށެވެ.

"ޕޮލިހުގެ ޗެކްޕޯސްޓުތައް އެމީހުން ދޭތެރެ ދޭތެރެއިން ހަދާ، ދެން ޗެކް ޕޯސްޓު ދަނޑި ވައްޓައިގެން އެކަން ކުރާކަށް ނުއެއް ޖެހޭ، އެކަމަކު ހައި ސްޕީޑުގަ ދުއްވާ މީހުން ކޮންޓުރޯލު ކުރުމަށް ކުރަން ޖެހޭ ކަންކަން އެބަކުރޭ،" ޔަޝްރިފު ވިދާޅުވި އެވެ.

ފުލުހުން ސްޕީޑް ކެމެރާ ގެންގުޅޭކަން ފާހަގަ ކުރަމުން ޔަޝްރިފު ވިދާޅުވީ ބާރު ސުފީޑުގައި ދާ މީހުން ހިފެހެއްޓުމާއި މީހުންނަށް ނަސޭހަތް ދިނުމާއި އެމީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އަބަދުވެސް ކުރާ ކަމަށެވެ.

އޭގެ އިތުރުން ލިންކު ރޯޑުގައި ސްޕީޑް ބްރޭކާސް ބަހައްޓަން ނުޖެހޭ ކަމަށާއި އެއީ އެމަގަކީ އެމްބިއުލާންސް ދުއްވާ މަގަކަށް ވެފައި 60 ކިލޯމީޓަރު ދުއްވަން ހުއްދަ އޮންނަ ތަނެއް ކަމުން އިރު އިރު ކޮޅުން ސްޕީޑު ބްރޭކާސް ހުރުމުގެ ސަބަބުން އުނދަގޫ ވާނެ ކަމަށް ޔަޝްރިފު ވިދާޅުވި އެވެ.

ނަމަވެސް، ރަށުތެރޭގައި ސްޕީޑް ބްރޭކާސް ހުންނާނެ ކަމަށާއި ބައެއް ސްޕީޑް ބްރޭކަރުތައް މަރާމަތަށް ބޭނުންވެފައި ހުންނާނެ ކަމަށާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔަޝްރިފު ވިދާޅުވި އެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު އެއް ސަރަހައްދަށް ވާއިރު އެސިޓީގެ މަގުތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި އާންމުންގެ ރޯލު ވެސް ބޮޑެވެ. ދުއްވަން ކަނޑައަޅާފައިވާ ސްޕީޑުގައި ދުއްވުމާއި ގަވައިދަށް އުޅަނދުތައް ދުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އައްޑޫ ސިޓީ
ހިޔާލު

ރައިން

ޙަމައެކަނި މިރާއްޖޭގައި އުޅެނީއައްޑު މީހުންއެކަނި އައްޑޫކިތަންމެ ތަރައްގީ ކުރިޔަސް އައްޑޫގެ ރައްވެހިން ނުދާނެ