Addu: Kohtehgai bandhu kohfaivaa dhoonyeh
image
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

އައްޑޫ: ކޮށްޓެއްގައި ބަންދުކޮށްފައިވާ ދޫންޏެއް!

ދިރުން ހުރި ކޮންމެ އެއްޗަކީ ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލައްވާފައި އެއްޗެކެވެ. ނަމަވެސް ބައެއް ފަހަރު އެފަދަ ދިރުންތަކުގެ ނާޖާއީޒް ފައިދާ ނަގާ އެފަދަ ދިރުންތައް ނިކަމެތިކޮށްލެވެއެވެ. އެކަމުގެ ސަބަބުން ދިރުންތަކުގެ ނިއުމަތްތައް އެންމެ އެދެވޭގޮތުގައި ލިބުމަށް ބޮޑެތި ހުރަސްތަކެއް އެޅެއެވެ. އެކަމުގެ ސަބަބުން އެދިރުމެއްގެ އަމިއްލަ ޒާތަށް ވެސް ބޮޑެތި ގެއްލުންތަކެއްވެއެވެ. މިފަދައިން މާގިނައިން ފޮނި ކޮޅު ބޯލުމަށް ފަހު އެއްލާލަންވެއްޖި ކަމުގައިވާނަމަ ވަކި ހިސާބަކުން ބޯނެ ފޮންޏެއް ނުހުންނާނެއެވެ. ބަދަލުގައި ލާނީ ހިތިރަހައެވެ. ނިއުމަތުގެ މުހިންމުކަން ވެސް އާންމުކޮށް އިހްސާސްވަނީ އެހާ ހިސާބުންނެވެ. ނަމަވެސް މިއީ އެންމެ އެދެވޭ ގޮތެއް ނޫންކަން ހަމަޔަގީނެވެ. ހިތާމައަކީ މިގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރާތީއެވެ. ދައްކަން މިއުޅެނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ސަރަހައްދުގެ ވާހަކައެވެ. ގުދުރަތީ ގޮތުންނެވެ. ތާރީހީ ގޮތުންނެވެ. އަދި އެނޫންވެސް އެކި ގޮތްގޮތުންނެވެ. ހަމަގައިމުވެސް އައްޑޫ އޭ ބުނީމާ އެއީ ކޮންތަނެއްކަން ނޭނގޭ ދިވެހި ރައްޔިތެއް ނުހުންނާނެއެވެ. ރާއްޖޭގެ އެންމެ ދެކުނަށް އޮތީ އައްޑޫއެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭ ފިޔަވާ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައެވެ. އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އައްޑޫގެ އާބާދީ މިހާރު 33،821 ށް އަރައެވެ. ނަމަވެސް އައްޑޫގެ ފާހަގަކޮށްލެވޭކަންކަމުން ރާއްޖޭގެ ގިނަ ދައުލަތްތަކުން ނާޖާއީޒް ފައިދާ ނެގުންމީ އެސަރަހައްދުގެ ރައްޔިތުން ހިތާމަކުރާކަމެކެވެ.
އިސްވެ ދެންނެވިހެން ރަނގަޅަށް ނުބަލަހައްޓާނަމަ ފޮނިކޮޅު ހުސްވެދާނެއެވެ. ކޮންމެ ސިޔާސީ ބައެއްވެސް އިންތިހާބްތައް ބޯމަތިވުމާއެކު ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫގެ މުހިންމުކަން އިހްސާސްކުރެވެއެވެ. އެޖަޒްބާތުގައި އެސަރަހައްދުގެ ރައްޔިތުންނަށް އެކި ބޭފުޅުން ތަފާތުކުލަތަކުގެ ހުވަފެން ދައްކައިފިއެވެ. ހުވަފެންތައް ހަގީގަތަށް ވާނޭކަމަށް ހިތާ އެބޭފުޅުން ހުށަހަޅާ ކަންކަމަށް އައްޑޫ ރައްޔިތުން ކިތައްމެ ފަހަރަކު އާނ ބަސް ވެސް ބުނެފިއެވެ. ނަމަވެސް ކާމިޔާބީގެ ފޮނި ރަހަ ދުލުގައި ޖެހުމާއެކު އައްޑޫ ރައްޔިތުންގެ ހިތި ދިރިއުޅުން ހަނދާން ނެތޭފަދައެވެ. މިކަމަށް ހެކިދޭ އެއްކަމަކީ ދައުލަތްތައް ބަދަލުވަމުންދާ އިރުވެސް އައްޑޫގެ ރައްޔިތުންގެ އެދުންތަކަށް ބަދަލު ނާންކަމެވެ. މިއަދުވެސް އެދެމުންދަނީ މީގެ 10 އަހަރު ކުރިން ވެސް އެދުނު ކަންތަކަށެވެ. އާއެކެވެ. އެކަމާ ދެކޮޅު ހެދި ބައެއް ތިބި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދެވުނެވެ. ނަމަވެސް އައްޑޫ ތަރައްގީކުރެވޭނެ ފަދަ މާގިނަ ބާރުތަކެއް ސިޓީ ކައުންސިލަށް ދީފައެއްނުވެއެވެ. ސިޓީއެއްގެ ގޮތުގައި އޮތަސް ޖެހެނީ ހަމަ "މަތީ ފަރާތަށް" ސިޓީ ލިޔާށެވެ. ކައުންސިލަށް އާމްދަނީ ލިބޭނެ މަގުތައް ސަރުކާރުން ފަހި ކޮށްދީފައެއްނުވެއެވެ. ކުރުކޮށް ބުނަންޔާ އައްޑޫ ސިޓީއަކަށް ވީ ހަމަ ނަމެއްގައެވެ.

މާލެއަށްފަހު އެންމެ ބޮޑަށް ތަރައްގީވެފައިވަނީ އައްޑު އަތޮޅުކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، އައްޑޫގެ ތަރައްގީ އާއި އިގުތިސާދު އޮތީ ކުރިއެރުވޭނެ މިންވަރާ އަޅާބަލާއިރު ވަރަށް ފަހަތުގައެވެ. އާމްދަނީ ހޯދުމަށް ކުރެވޭނެ މަސައްކަތްތައް އައްޑޫގައި މަދުވެފައި، އިގުތިސާދީ ހަރަކާތްތައް ވެސް މަދެވެ. ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްކަމަށްވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓިފައިވީ އިރު އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އަައްޑީ ސިޓީ ކައުންސިލަކަށް ނޭނގެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ ސްޕީޑު އުޅެނީ ފިނިހަކަ ދުވެލީގަ އެވެ. އައްޑޫގައި ވަޒީފާއެއް ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ތަރައްގީގެ ގޮތުން ބަލާ އިރު އެތައް ތަނެއް ފަހަތުގައި އޮތްއިރު، އަސާސީ ހިދުމަތްތަކެއް ވެސް އެންމެ އެދެވޭގޮތުގައި ފޯރުކޮށްނުދެވެއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކިޔާތާވީ ޒަމާނެއް ނޭނގެއެވެ. ކަރަންޓުގެ ހިދުމަތް ދިނުމަށް 15 އަށް ވުރެ ގިނަ ޖަނެރޭޓަރު ބޭނުންކުރާއިރު، ކަރަންޓުގެ މައްސަލަ އަށް ދުވަހަކު ވެސް ހައްލެއް އައި ކަމަކަށް ނުވިއެވެ. ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައެއް ނެތެވެ. ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފެށިތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވީ ވީއިރުވެސް އެކަން ނިމޭގޮތެއް ނުވެއެވެ.

އައްޑޫގައި މީގެ 16 ވަރަކަށް އަހަރު ކުރިން ގަމުން ފެށިގެން ހިތަދުއާ ހަމައަށް ތާރު އަޅައިގެން ލިންކް ރޯޑެއް ހެދި އެވެ. މީގެ ނުވަ ވަރަކަށް އަހަރު ކުރިން ފޭދު އާއި މަރަދޫގެ ބޮޑު މަގުގައި ގާ އެތުރި އެވެ. ނަމަވެސް އައްޑޫ ސިޓީގެ ރަށްރަށުގެ އެތެރޭގެ މުހިންމު މަގުތަކުގެ ހާލަތު އޮތީ އިންތިހާ އަށް ދަށުގަ އެވެ. މިހާ ދުވަސް ވީއިރު ވެސް ހައްލެއް ހޯދައެއް ނުދެވުނެވެ. އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރާތާވެސް ލައްކަ ޒަމާންވެއްޖެއެވެ. ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަމުންދަނީ ހިތަދޫގެ ބައެއް ހިސާބުތަކުގެ އިތުރުން ފޭދޫގައެވެ. ކައުންސިލުން ހަރަދުކޮށްގެން ބައެއް ހިސާބުތަކުގައި ޖަންކްޝަންތަކެއް ބަހައްޓާފައިވީ ނަމަވެސް ވާރޭ ވެހެލުމާއެކު ކަކުލުން ތިރި ހަރަކާތްކުރަނީ ފެނުއަޑީގައެވެ. ފެން ބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެ އާންމުންގެ މުދަލަށް ގެއްލުންވީމަދުފަހަރަކު ނޫނެވެ. އެކަމުވެސް މިއީ ހަމަ އެބުނާ އައްޑޫ "ސިޓީ"އެވެ.

ކޮންމެއަކަސް އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއް އުފައްދައި، އެތަނަށް ސިޓީގެ ނަން ދިނުމުގައި ސަރުކާރުގެ ކޮންމެ މަގުސަދެއް އޮތް ނަމަވެސް، އައްޑޫ ރައްޔިތުން އެތަނުގައި ސިޓީ ކައުންސިލެއް އުފައްދަން ބޭނުންވި ސަބަބު ވަރަށް ސާފެވެ. އައްޑޫއަށް ގެންނަންޖެހޭ، އަދި ގެނެވޭނެ ކަމަށް އެ އަތޮޅުގެ ރައްޔިތުން ޒަމާނުއްސުރެ ގަބޫލުކުރި ފުރިހަމަ ތަރައްގީ ގެނައުމެވެ. އައްޑޫ ރައްޔިތުން މިހާރު ތިބި ހާލަތުން އަރައިގަތުމެވެ. އެކަންކުރުމުގެ ބޭނުމުގައި ކަމަށް ބުނެ "ވިޝަން އައްޑޫ" އާއި "ނަލަފެހި އައްޑޫ" ފަދަ ތަސައްވަރުތަކެއްވެސް ދައްކާފިއެވެ. ނަމަވެސް ހުވަފެނެއް ފަދައިން ތަސައްވަރުތައް ވެސް މާގިނަ ދުވަހުނުވެ ސިކުނޑިތަކުން ފުހެވިގެން ހިނގައްޖެއެވެ. މިކަން މިހެން އޮއްވާ އައްޑޫގެ ތަސައްވަރުތަކަށް އާ ބޮޅެއް އިތުރުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަަރެވެ. މަޖިލިހުގެ އިންތިހާބުގައި އައްޑޫގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު މަރަދޫގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެކަމަށް ވިދާޅުވެފައެވެ. އެހިސާބުން އުފަންވީ މިސަރުކާރުގެ އައްޑޫ ޑިވަލަޕްމަންޓް ޕްލޭން ނުވަތަ އޭޑީޕީ ތަސައްވަރެވެ.

އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ތަސައްވަރުގައި ވެސް އައްޑޫ ރައްޔިތުން ހުއްޓުމެއް ނެތި ކުރަމުން އައި ޝަކުވާތަކަށް ހައްލު ހޯދައިދެވޭނެ ޕްލޭންތަކެއް ވަނީ ހަދައިފައެވެ. އޭޑީޕީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ހަތް ކަމެކެވެ. އިގްތިސޯދު ފުޅާކުރުމެވެ. އެކި ދާއިރާތަކުން އައްޑޫ ރައްޔިތުންނަށް 5000 ވަޒީފާހަމަޖައްސާދިނުމެވެ. ބޯހިޔާވަހިކަމެވެ. ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމެވެ. އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. މޫސުމަށް އަންނަ ބަދަލުތަކާބެހޭ އިދާރާއެއް ގާއިމުކުރުމެވެ. އަދި މިގައުމަށް ވެސް އެންމެ މުހިންމުކަމެއްކަމުގައި މިއަދު ބެލެވޭ ލާމަރުކަޒު ކުރުމެވެ. އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ އައްޑޫގެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން މި އަހަރަށް ވެސް އައްޑޫ ސިޓީ އަށް 470 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް މިފަހަރަކު ސަރުކާރަކަށް ދެއްކޭނެ މާގިނަ ބަހަނާއެއް ނެތެވެ. އައްޑޫ ސިޓީގެ ކައުންސިލްގައި ތިބީ ހުސް އެމްޑީޕީގެ މެންބަރުންކަމަށްވާ އިރު މަޖިލީހުގައި ތަމްސީލްކުރާ އައްޑޫގެ ހަތް ދާއިރާގައިވެސް ތިބީ އެޕާޓީގެ މެންބަރުންނެވެ.

ޝައްކެއްވެސް ނެތެވެ. އައްޑޫ ސިޓީއަކީ ވިލާތަކާއި އެއްހަމައެއްގައި އުދުހުމުގެ ކުޅަދާނަކަން ލިބެންޖެހޭނެ ސިޓީއެކެވެ. ހުޅުދޫ، ފޭދޫ، މަރަދޫ، ހިތާދޫ އަދި އައްޑޫ މީދޫ ހިމެނޭ ގޮތަށް، މިއިން ބައެއް ރަށްރަށުގެ 50 އިންސައްތައަށް ވުރެ ބޮޑު އާބާދީއެއް އަމިއްލަ ވަޒަން ދޫކޮށް ވެރިކަންކުރާ ރަށް މާލެ ސިޓީ ނުވަތަ އެހެން ސަރަހައްދަކަށް ވެސް ބަދަލުވާންޖެހުމަކީ ދިވެހި ހުރިހާ ދައުލަތަކުން ވެސް ލަދުގަންނަންޖެހޭ ކަމެކެެވެ. އައްޑޫއަށް ވަނީ އިހުމާލުވެފައެވެ. އައްޑޫ ސިޓީ ކައުންސިލަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުުން އެންމެ ފާހަގަކޮށްލޮެވޭ އެއް ކައުންސިލްކަމުގައި ވީ ނަމަވެސް، އެކައުންސިލްގެ ތަސައްވަރުތަކަށް ވާސިލްވުމަށް ދިވެހި ސަރުކާރުން މަގުތަށް ކޮށާދީފައިނުވާނަމަ މަރުކަޒީގެ ކުރިއަށް "ލާ" އެއް އެބަ އާދޭހެއްޔެވެ؟ ބަންދުވެފައިވާ ކޮށިން ސަލާމަތްވުމަށްޓަކައި އައްޑޫގެ ރައްޔިތުން އުމުރު ދުވަހު ކުރަންވީ އާދޭސްހެއްޔެވެ؟
ހިޔާލު

ކޮލެޖު ބޯއި

ހުންގާނު ހިފަން ނޭގުނު ލިޔުންތެރިއެއް

އަލީސް

ފުރަތަމަ ޕެރެގްރާފް މިހާ ދިގުވީމާ ކިޔަން ވަރަށް ފޫހި.

ބޯހަލާކު

މީސްމީހުންގެ ބޮލުރޮދި ކެޑޭގޮތަށް މިލިއުން ވަނީ ބޮލުރޮދިކެޑޭ ގޮތް ވެފައި