މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ދުވަސްވަރު، އޭނާ ފުރައިގެން ރާއްޖޭން ބޭރަށް ދިޔަ ކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަ ނައިބު، ފުލުހުންނަށް އަންގާފައިވީނަމަވެސް މިހާތަނަށް އެކަން ނުކޮށް ލަސްވާތީ އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރަން އަންގާފައިވަނީ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އެ ދެ ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ވަނީ އެ ދެ އޮފިސަރުން މަގާމުގެ މައްސޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ހައްޔަރު ނުކޮށް ލަސްވަނީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މީހުން ހައްޔަރު ކުރަން ފުލުހުން މިހާތަނަށް، ކޯޓް އަމުރަކަށް އެދުނު ކަމެއް ވެސް ސާފެއް ނުވެ އެވެ.
އެކަމާއި ގުޅިގެން ފުލުހުންނަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އޭގެ ތެރޭގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ޓްވިޓާގައި ވިދަޅުވީ، ގޭގާ މަޑުކުރަން އެންގުމަކުން ނުފުދޭކަމަށާއި ބަންޑާރަ ނައިބުގެ އެންގުމާއި އެއްގޮތަށް އެ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ކަމަށެވެ.
"އަދި މިދެ ފުލުހުންނާ ހިސާބުން މިކަމެއް ނުނިމޭ، ދެ ފުުލުހުންގެ ސުޕަވައިޒަރާއި، އޭރުގެ އިނޓެލިޖެންސްގެ ވެރިޔާ އާއި، އޭރުގެ ކޮމިޝަނަރާއި، އޭރުގެ ހޯމް މިިނިސްޓަރު ވެސް ޒިންމާ ނަގަންޖެހޭ!" މީކާއިލް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ޓްވިޓާގައި ވިދާޅުވީ، ރިލްވާން ސީރިޔާ އަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުންނަށް އެކަން ކުރުމަށް އެންގީ ކާކުތޯ ބަލަންޖެހޭ ކަމަށެވެ.
"އެ އަމުރުކުރި ބަޔަކު ވަގުތުން ހައްޔަރުކުރަން ވެސް ޖެހޭނެ، ނޫނީ މީހުން މެރުން ދެން ނުހުއްޓުވޭނެ،" ބޮންޑޭ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ އެ ދެ ފުލުހުންނަށް ކޮމާންޑް ދިން އޮފިސަރު ކޮބައިތޯ ސުވާލު އުފައްދާފަ އެވެ. އަދި އެ އޮފިސަރު މިހާރު ހުރީ، ކުރިން ހުރި ވަރަށް ވުރެ ފުލުހުންގެ އިސް މަގާމެއްގައި ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެއެވެ.
ސަރުކާޒުން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސިޔާސަތު ކޮބައިތޯ އާއި، މަރު ކޮމިޝަނުގެ ރިޕޯޓުގައި އެ ދެ ފުލުހުންނަށް އެކަން ކުރަން އެންގި އޮފިސަރުގެ ވާހަކަ ނެތީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފަ އެވެ.
ބަންޑާރަ ނައިބު ފުލުހުންނަށް ފޮނުވި ސިޓީ:
މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައިވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.
ބަންޑާރަ ނައިބަށް އެ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އިއްޔެ ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދުމަށެވެ. އޭގެ އިތުރުން ދެ މީހަކު ކަނޑުފައްތަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވަތީ އެ މައްސަލަ ބެލުމަށް ވެސް އޭޖީ ވަނީ އަންގާފަ އެވެ.
އެ މައްސަލާގައި ފިޔަވަޅެއް ނޭޅީ ކީއްވެގެން ކަން ބެލުމުގެ އިތުރުން، އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބެލުމަށާއި އެ މީހުން ވަޒީފާގެ މަސައްކަތުން އެކަހެރި ކުރުމަށް ވެސް ފުލުހުންނަށް، އެޓާނީ ޖެނަރަލް ވަނީ އަންގާފަ އެވެ.
ނަމަވެސް ބަންޑާރަނައިބުގެ އެންގެވުމާއި އެއްގޮތަށް އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދަން ފުލުހުން ހުށަހެޅި ކަމެއް އަދި ސާފެއް ނުވެ އެވެ.
މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ރިލުވާނު މައްސަލާގައި އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުންގެ އިސްވެރިން ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުން ނިކުމެ، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ ބަންޑާރަނައިބުގެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ރަފްސީލެއް ނުދެއްވަ އެވެ.