Vaahaka: Tikaanaa
image
ވާހަކަ: ޓިކާނާ
ފަތުހުﷲ އަހުމަދު
2 ކޮމެންޓް
 

ވާހަކަ: ޓިކާނާ

މުޅި ތަންވަނީ ހިމޭންވެފައެވެ. އަމާންވެފައެވެ. ޖައްވުގައި ވަނީ ފިނިކަމެވެ. ތެތްކަމެވެ. ތަރިތަކުގެ އަލި ނޫން އަލިކަމެއް ޖައްވުން ފެންނާކަށް ނެތެވެ. އިވެމުންދަނީ ދިޔަރެސްމަތީގައި ފިރުމަމުންދާ ރާޅުތަކުގެ މިޔުޒިކީ އަޑުތަކެވެ. ވައިރޯޅިއެއްގެ ހިލަންވަނީ ވެސް ހާހަކުން ފަހަރަކުއެވެ. ފާލަމުގެ މޫދާވީ ކޮޅުގައި ނިވިދިއްލެމުންދާ ހޮޅިބުރީގެ ހަރަކާތްތަކުން މާހައުލުގެ ޝައުޤުވެރިކަން އިތުރުކޮށްދެއެވެ. ބައެއް ފަހަރު މުޅި މާހައުލު ކަޅުވެއެވެ. އަނެއްބައި ފަހަރު ދިއްލެއެވެ. މުޅި މަންޒަރުގެ ތެރެއިން ފާހަގަވާ ތަނަކީ ފާލަމެވެ. އެވެސް ހޮޅިބުރި ދިއްލޭ ސިކުންތުކޮޅުގައެވެ. އެއީ ހިމަ ދިގު ފާލަމެކެވެ. ލަކުޑިން ގަތާލެވިފައިވާ ވިއްސަކަށް ފޫޓުގެ ދިގުފާލަމެކެވެ. އެނޫން ހުރިހާ ތަނެއްގައި ރަސްކަން ކުރަމުންދަނީ ކަނު އަނދިރިކަމެވެ. ފާލަމުގެ ކޮޅުން ވިއްސަކަށް ފޫޓު ދުރުން، ކަނޑިންމައިގައި ދިއްލެމުންދާ ރަތްކުލައިގެ ނެރުބައްތި އިރުއިރުކޮޅާ ދިއްލިލައެވެ. މުޅި މާހައުލުގައިވާ ކަންކަމަށް ވިސްނައިލުމުން އެތައް މާނައެއް ދޭހަކުރެވެމުން ދިޔައެވެ.
ހަނީފު އޮތީ ގޮނޑުދޮށް ކައިރީ، މޫދަށް ބޯދިއްކޮށްގެން އޮތް ކާނިގަހެއްގައި އެޅުވާފައިވާ ޖޯއްޔެއްގައެވެ. ޖޯލީތަކުގެ މައިޒާނެއްގައި ހުރި ޖޯއްޔެއްގައެވެ. އޭނާގެ ޚިޔާލުތައް ވަނީ ވިއްސިވިހާލިވެފައެވެ. ބައެއް ފަހަރު އޭނާގެ ކަޅި އަމާޒުވަނީ ދިޔަރެސް މައްޗަށެވެ. އަނެއް ބައިފަހަރު ފާލަމުގެ ކޮޅުން ނިވިދިއްލޭ ހޮޅިބުރިއަށެވެ. އެއާއެކު ކަޅި އަމާޒުވަނީ ނެރުބައްތީގައި ދިއްލެމުންދާ ރަތް ބޮތްކަށެވެ. ހަނީފުގެ ޚިޔާލުތައް ކަފިކަފިވަމުން ދިޔައެވެ. ކޮންމެ ޚިޔާލެއްގެ ތެރެއިން އެތައް ޚިޔާލެއް ވިހަމުން ދިޔައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ މުޅީން ތަފާތު މަންޒަރު ތަކެކެވެ. އުފާވެރި ހަނދާންތަކެކެވެ. ނެރުބައްތީގެ ރަތް އަލި ފެންނަ ކޮންމެ ފަހަރަކު އެ ޚިޔާލުތައް ކަފިކަފިވެގެން ދެއެވެ. ކޮންމެ ޚިޔާލަކުން އެތައް ތަސްވީރެއް އުފެދެމުން ދެއެވެ.

ހަނީފަށް ބަލައިލެވުނީ ދިޔަރެސް މައްޗަށެވެ. ކަޅު ކުލައިގެ ހިޔަންޏެއް ފެނުނު ހެން ހީވެގެންނެވެ. ކަޅި ޖަހައި ނުލައި އޭނާ ބަލަހައްޓައިގެން އޮތެވެ. އެއްވެސް އެއްޗެއް ނުފެނުނެވެ. އޭނާއަށް އެސްފިޔަ ޖަހައިލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ހަނީފަށް ސިހުން ލިބުނެވެ. އޭނާއަށް ފެނުނު މަންޒަރުންނެވެ. ލޯހުޅުވާލެވުނު އިރު ދިޔަރެސް މަތިން ފެނުނު މަންޒަރުންނެވެ.

އެއީ ފަން އިސްތަށިގަނޑެއްގެ ވެރިއެކެވެ. ދިގު އެ އިސްތަށިގަނޑުވަނީ އުނަގަނޑާ ހަަމައަށް މިނިވަންކޮށްލެވިފައެވެ. އެ އަންހެން ކުއްޖާގެ ދެ އަތްވަނީ ވައިގެ ތެރެއަށް ހުޅުވާލެވިފައެވެ. ހަނީފަށް ފެނުނީ އޭނާގެ ފުރަގަހުންނެވެ. އޭރު ދެ އަތް ހުޅުވައިގެން ހުރެ އޭނާ އެނބުރި ލަނީއެވެ. އެއްގަމާ ދިމާއަށެވެ. ހަނީފާ ދިމާއަށެވެ. އޭނާގެ އަތްދަނޑީގައި އޮޅައިލެވިފައިވަނީ ހުދުކުލައިގެ ދޯޕައްޓާއެކެވެ. އެ ދޯޕައްޓާ ވެސް ވައިގެ ތެރޭގައި އުދުހެމުން ދިޔައެވެ. އޭނާގެ ހަރަކާތްތަކުގެ ވަޒަނަށެވެ. މުޅި މަންޒަރު ހަނީފަށް ފެންނަމުން ދިޔައީ ރޯލް ލަސްވެފައިވާ މަންޒަރެއްގެ ގޮތުގައެވެ.

އެއީ އަންނާރު ބައްޓަމަށް ސިފަވާ މޫނެކެވެ. ރީތި ހިމަ ދެ ތުންފަތެވެ. ހީލައިފައިވާ ގޮތުން ދަތްތައް ހާމަވަމުން ދިޔައެވެ. ދެ ކޮލުގައިވާ އުފުލިފައިވާ މަސްތަކުން އެ މޫނަށް ފުރިހަމަކަން ލިބެމުން ދެއެވެ. ފުން ދެ ލޮލެވެ. ހިމަ ދިގު ބުމައެވެ. އޮމާން ރަސްރަނި މޫނެކެވެ. އެއީ ފަތިހަށި ގަނޑެއްގެ ވެރިއެކެވެ. ހީވަނީ މާވަޑިއެއްގެ ފުރިހަމަ ކިއްސަރެއް ހެންނެވެ. އެ ފުރިހަމަ ކިއްސަރަށް އިތުރު ފުރިހަމަކަމެއް ލިބެމުންދަނީ ވިލު ކުލައިގެ ސާދާ ޕާކިސްތާނު ހެދުމުންނެވެ.
"ސާރާ." ހަނީފު ދެ ލޯ ބޮޑުކޮށްލެވުނެވެ.

ހަނީފަށް މަޑުމަޑުން ދެ ފަހަރަކު ސާރާގެ ނަން ކިޔައިލެވުނެވެ. އޭނާއަށް އުނދޯލީގެ ވާފަށުގައި ހިފައިލެވުނެވެ. ބާރުބާރަށެވެ. ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ސާރާއާ ދިމާއަށް ކަޅި ޖަހައިނުލާ ބަލަން ހުރެވުނެވެ. ނޭނގޭ ބާރަކުން ދަމާ ގެންދާ ފަދައިން އޭނާ ސާރާއާ ދިމާއަށް އޭނާ ދަމާ ގެންދިޔަ ކަހަލައެވެ. އޭރު ސާރާ ހުރީ ހަނީފާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސާރާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ތުންފަތުން ބަބުޅަމުން ދަނީ އުފާވެރިކަމެވެ. ހަނީފު މަޑުމަޑުން ކަނާއަތް ހިއްލައިލިއެވެ. ސާރާގެ މޫނުގައި އިނގިލި ޖައްސައިލުމަށެވެ. ސާރާ ފަހަތަށް ޖެހިލިއެވެ. ދެ ފަރާތަށް ބޯ ހޫރައިލަމުންނެވެ. އަނެއްކާ ވެސް ހަނީފު ކުރިއަށް ޖެހިލިއެވެ. އަތް ހިއްލައިލަމުންނެވެ. މި ފަހަރު ސާރާ މަޑުކޮށްލިއެވެ. ހަނީފުގެ ކަނާއަތު ޝަހާދަތް އިނގިލި ނަގައި ސާރާގެ ތިރީ ތުންފަތުގައި ޖައްސައިލަން އުޅުނެވެ.

ހަނީފަށް ސިހުން ލިބިގެން ދިޔައެވެ. ހަނީފުގެ އިނގިލި ޖައްސައިލުމާއެކު ސާރާގެ ތުންފަތުގެ ދެ ފަރާތުން ފަޅިވެގެން ދިޔައެވެ. އެއާއެކު، ސާރާގެ ސޫރަ ކުދިކުދިވެ ވައިގެތެރެއަށް ފެވުނެވެ. ރަންކުލައިގެ ހިމުން ވެލިތަކެއް ފަދައިންނެވެ. ހަނީފު ވަށައިގެން ހޯދައިލިއެވެ. ސާރާގެ ހިލަމެއްވޭތޯއެވެ. އޭނާއަށް ސާރާއެއް ނުފެނުނެވެ. ހަނީފުގެ ކަނާއަތުން އޭނާގެ ފުށްކިބައިން ފެށިގެން ގޮސް ފުށްކަނދުރާއަށް ދެ ފަހަރަކު ކަހައިލިއެވެ. އޭނާ ގާތަށް ހިނި ވެސް އައެވެ. އަވަސް އަވަހަށް ބަލައިލީ މީހަކަށް އެ މަންޒަރު ފެނުނުތޯއެވެ. އޭނާއަށް އެއްވެސް މީހެއްގެ ލިސާނެއް ފާހަގައެއް ނުކުރެވުނެވެ.

"އެހެންނޭ ވާނީ މާ ފިލްމީ ވެގެން އުޅެންޏާ." ހަނީފަށް މަޑުމަޑުން ބުނެލެވުނެވެ.

އެއަށްފަހު ހަނީފު ހިނގައިގަތެވެ. އެއްގަމާ ދިމާއަށެވެ. އޭނާގެ ރަސްމީ މައިދާނަށެވެ. ކުރިން ވެސް އޮތް ޖޯއްޔާ ދިމާއަށެވެ. ހަނީފު ގޮސް ޖޯލީގައި ހަމަޖެހިލިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ސާރާގެ ހަނދާންތަކެވެ. ސާރާއެކު އުޅެވުނު އުފާވެރި ދުވަސްތަކެވެ. ހަނީފަށް ލޯ މަރައިލެވުނެވެ. އެއާއެކު އޭނާގެ ހަނދާނުގެ ދުރުމި ގޮސް ހުއްޓުނީ މާޒީގެ ހަނދާންތަކަށެވެ.

(ނުނިމޭ)
ހިޔާލު

އަލިފު

ބޮހޮތު ހޫބުސޫރަތު!😍😍.... އާގޭ ޖާއޮ! ތޭރާ ހުނަރު ރޯޝަން ކަރް!!

ސަޅިބެ

ތި ފޮންޓު ހާދަ ނަލައޭ