FAM unbah jehumun Mahloof shukuru adhaa koffi
image
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް-- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

އެފްއޭއެމް އުނބަށް ޖެހުމުން މަހުލޫފު ޝުކުރު އަދާކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގަށް ދޮޅު އަހަރެއްހާ ދުވަހަށް ގައުމީ ޓީމުން ފުރުސަތު ނުދީ ބެހެއްޓުމަށް ފަހު، އެންމެ ފަހުން ގޮތް ހުސްވެގެން އަޝްފާގު ގައުމީ ޓީމަށް ނެގުމުން، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު އެކަމަށް ޝުކުރު އަދާކޮށްފި އެވެ.
ކުޅިވަރު އާއިލާގެ ތެރޭގައި އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ މަހްލޫފު، ކުރެއްވި ޓްވީޓެއްގައި ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލަށާއި އެފްއޭއެމަށް ޝުކުރު އަދާކޮށްފަ އެވެ.

"ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭނެ" މަހްލޫފުގެ ޓްވީޓުގައި ބުނެފައި ވެއެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ނުދޭ މައްސަލައިގާ، އެފްއޭއެމް ހޫނު ފެނަށް ވެއްޓިފައި ވަނިކޮށް މަހްލޫފު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބައްސާމްއާ ބައްދަލުކުރައްވާފަ އެވެ.

ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވޭނެ ކަމަށް އިއްޔެ ވިދާޅުވެ، ދަގަނޑޭ ގައުމީ ޓީމަށް ނެގުމުގެ ކްރެޑިޓް މަހްލޫފު ނަންގަވަން މަސައްކަތް ކުރެއްވި އިރު، ދަގަނޑޭ ގައުމީ ޓީމަށް ނުނަގައިގެން އެ ހޫނު ގަނޑު އެންމެ ގަދަވެފައިވާ ދަނޑިވަޅުގައި ބައްސާމްއާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓުގައި ކުޑަ މިނުން ދަގަނޑޭގެ ވާހަކަ ދެއްކެވިކަން ވެސް މަހްލޫފު ހާމަކުރައްވާފައެއް ނުވެއެވެ.

އެ ބައްދަލުވުމުގެ ފޮޓޯއަކާއި އެކު 19 އޮގަސްޓްގައި މަހްލޫފު ކުރެއްވި ޓްވީޓްގައި ބުނެފައި ވަނީ ފުޓްބޯޅަ ޕްރޮމޯޓް ކުރުމާއި އަދި ހޯމް އެންޑް އަވޭ ލީގެއް މުޅި ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާތައް ބައްސާމްއާ އެކު ކުރި ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް، އެފްއޭއެމުން ވަނީ ދަގަނޑޭ ކަންތަކުގައި އުނބައް ޖަހާފަ އެވެ. ދަގަނޑޭ ޓީމުގައި ހިމަނާފައި ވަނީ ކޯޗު ބޭނުންވެގެން ކަމެއް، އެފްއޭއެމުން އަންގައިގެން ކަމެއް ނޭނގެއެވެ.

އެކަމަކު ޔަގީނުން ވެސް އެނގޭ އެއްޗަކީ، ދަގަނޑޭގެ އުމުރު ހަގު ނުވާ ކަމެވެ. އަދި ގަތަރުގައި އޮންނަ ވޯލްޑް ކަޕު މުބާރާތް އަވަހެއް ވެސް ނުކުރެ އެވެ.

އެހެންކަމުން، ކޯޗު މިހާތަނަށް ދަގަނޑޭއާ ގުޅޭ ގޮތުން ކީހާ ޅެން، ފަރިއްސައްވީ އެވެ. ގައިމުވެސް މިދިޔަ ހަފުތާގައި ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅުނު ފަހުން، މިއަދާ ހަމައަށް ދަގަނޑޭގެ ފެންވަރު އާދަޔާ ހިލާފަށް މޮޅުވެފައެއް ނުވެ އެވެ.
ހިޔާލު