REPORT: Insaafuge ummeedheh neiy!?
image
ނޫސްވެރިޔާ ރިލްވާން އަބްދުﷲ އޭނާގެ މަންމައާއެކު--
1 ކޮމެންޓް
 

އިންސާފުގެ އުއްމީދެއް ނެތް!؟

މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމާއެކު ވަރަށް ގިނަ ބަޔަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ކުރެވެން ފެށި އެވެ. އެކަމަކު އެ ކޮމިޝަނުގެ ތަހުގީގެއްގެ ޑްރާފްޓް ރިޕޯޓު އާއްމު ކުރުމާއެކު، އިންސާފު ލިބޭނެ ކަމުގެ އުއްމީދު ކަނޑާލަން އެތައް ބަޔަކަށް ވަނީ ޖެހިފަ އެވެ.
އޭގެ ތެރޭގައި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ އާއިލާ ވެސް ހިމެނެ އެވެ. އުމުރުން 27 އަހަރުގައި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ، ރިލްވާނަށް ވީ ގޮތެއް ނޭނގެ، އެ އާއިލާއިން ފަސް އަހަރު ހޭދަ ކުރަން ޖެހުނެވެ. އެއަށްފަހު ކޮމިޝަނުން އެންމެ ފަހުން މިދިޔަ ހަފްތާގައި ބުނީ ރިލްވާން މަރުވެފައިވާ ކަމަށެވެ.

"ރިލްވާނަށް އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް. ރިލްވާން މަރާލުމުގައި ފުލުހުންނާއި ސަރުކާރު އޮތީ ރަނގަޅަށް ބައިވެރިވެފައި. ފުލުހުންގެ މައްޗަކަށް އެއްވެސް އިތުބާރެއް ނެތް މިހާރަކު. ހަމަ އެ ފުލުހުން މިހާރުވެސް އެތަނުގައި އެ ތިބީ،" ރިލްވާނުގެ ދައްތަ ޝެހެނާޒް އަދުނާން ވިދާޅުވި އެވެ.މީހަކު މަރުވެފައިވާ ކަމަށް ކަނޑައެޅުމާއި ހަމައަށް އާދެވޭނީ ވަރަށް މަސައްކަތްކޮށްގެންކަން ޔަގީނެވެ. އެ މަސައްކަތުގެ ތެރެއިން ކޮމިޝަނަށް ވަނީ ޝައްކު ކުރެވޭ ބަޔަކު ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ފުލުހުންގެ ބައެއް ފަރާތްތަކާއި، ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެ އެވެ.

އެއީ ފުލުހުންގެ އިންޓެލްގައި ހިމެނޭ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. އޭގެ އިތުރުން ވެސް ހަރުކަށި ޖަމާއަތަށް ނިސްބަތްވާ ބައެއް ފަރާތްތަކުގެ ނަމާއި، ރިލްވާނުގެ މައްސަލާގައި ރޭވުންތައް ރާވައި، ފަންޑު ކުރި މީހުން އިނގޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެމީހުން ހައްޔަރު ކުރަން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގާފައިވަނީ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނީ ވެރިކަން ނަގަހައްޓައި ހިމާޔަތް ކުރުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއު ކުރުމަށް ބަންޑާރަނައިބު މަސައްކަތް ކުރަން ވާނެ ކަމަށެވެ.

އެ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ކޯޓް އަމުރެއް ހޯދުމަށެވެ. އޭގެ އިތުރުން ދެ މީހަކު ކަނޑު ފައްތަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލް އަށް ލިބުނު ނަމަވެސް ފިޔަވަޅު އަޅާފައި ނުވަތީ އެ މައްސަލަ ބެލުމަށް ވެސް އޭޖީ ވަނީ އަންގާފަ އެވެ.

އެ އެންގުމާއި އެއް ގޮތަށް ފުލުހުން އަމަލު ނުކޮށް، ތުހުމަތު ކުރެވޭ ދެ ފުލުހުން ވަޒީފާގެ މައްސޫލިއްޔަތުން ދުރުކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ބުނީ، އެ ދެ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތް ކަމަށް މަރުތައް ބަލާ ކޮމިޝަނުން ނުދެކޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

އެކަމަކު އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ލަފާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ކޮމިޝަނުން ލަފާ ދިން އިރު ވެސް ފުލުހުން ދިޔައީ ތުހުމަތު ކުރެވޭ ދެ ފުލުހުންގެ އިދާރީ މައްސަލަ ބަލަމުން ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުން ބުނާ ގޮތުން ނަމަ ބަލަނީ އިދާރީ މައްސަލަ އެވެ. އެކަމަކު އެ ދެ ފުލުހުންގެ މައްޗަށް ކުރެވުނީ ޖިނާއީ ކުށެއްގެ ތުހުމަތެވެ. އެއީ ރިލްވާން ރާއްޖެއިން ފުރާފައިވާ ކަމަށް ދެއްކުމަށް ވަގު ޕާސްޕޯޓް ހަދަން މަސައްކަތް ކުރުމެވެ. އެއީ އިންސާފަށް ހުރަސް އެޅުމާއި، ކުށެއް ފޮރުވަން މަސައްކަތް ކުރުމެވެ.

އެފަދަ ގޮތަކަށް ފުލުހުންގެ ވާހަކަ ހުރިއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވީ މުޅިން ތަފާތު ވާހަކައެކެވެ. އެއީ ރިލްވާން މައްސަލަ ތަހުގީގު ކުރުމުގެ ގާނޫނީ ބާރުވެރިކަން ލިބެނީ ހަމައެކަނި ރިޔާސީ ކޮމިޝަނަށް ކަމަށާއި، ކޯޓު އަމުރު ހޯދަން އެދެން ޖެހޭނީ އެ ކޮމިޝަނުން ކަމަށެވެ."ހަމަ އެ ގާނޫނުގެ [ރިޔާސީ ކޮމިޝަނުތަކުގެ] ދަށުން، އެކި ފަރާތްތައް ހައްޔަރު ކުރުމުގެ އަމުރަށް ސީދާ އެދުމުގެ (އެ ފަރާތަކީ ހައްޔަރު ކުރަން ޖެހޭ މީހެއް ކަމަށް ފެނިއްޖެ ހާލަތެއްގައި) ބާރު، ކޮމިޝަނަށް ލިބިދޭ،" ހަމީދު ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ސީއެންއެމަށް ވިދާޅުވީ އެމީހުންނާ ދެކޮޅަށް ޖިނާއީ ތަހުގީގު ހިންގޭ ވަރަށް ހެކި އެބަ ހުރި ކަމަށާއި، އެޓާނީ ޖެނެރަލް އެނގުމެއް އެންގުމުން، ފުލުހުންނަށް އެކަމާ ސުވާލެއް ނުކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެ ދެފުލުހުންނަކީ ވެސް ކުށެއް ކުރަން އުޅުނު ދެމީހުންކަން ރިލްވާނާއި ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުން ހާމަވާ ކަމަށެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ 80 ވަނަ ބާބުގައި ބަޔާންކޮށްފައިވާ، ކުށެއް ކުރަން އުޅުނު ކަމުގެ ކުށާއި، 310 ވަނަ ބާބުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލު ކުރުމާއި، މަކަރުވެރި އަމަލު ހިންގުމުގެ ދަށުން އެ ދެ ފުލުހުންގެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ އެޓާނީ ޖެނެރަލް ކަމަކަށް ލަފައެއް ދެއްވާނީ އެކަމެއްގެ ދިރާސާ ވަރަށް ރަނގަޅަށް ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެކަމާމެދު ކޮމިޝަނާ އޮފް ޕޮލިސް ސުވާލު އެފައްދަން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އެހެން ވިދާޅުވުމުން ކުރިން ފުލުހުން ނެރުނު ބަޔާނުގައި އެ ވާހަކަ ބަޔާންކޮށްފައި ނެތުމުން ވެސް ސުވާލު އުފެދެ އެވެ. އަދި އެފަދަ ބާރެއް ކޮމިޝަނަށް ލިބޭއިރު، ކޮމިޝަނުން ހައްޔަރު ކުރުމުގެ އަމުރަކަށް ނޭދެނީ ކީއްވެ ކަމާ މެދު ސުވާލު އުފެދެ އެވެ. އެއް ސަބަބަކީ ތަހުގީގު ފުރިހަމަ ނުވުމެވެ!

ކޮމިޝަނުން ބުނަނީ ހެކި ނެތް ކަމަށެވެ. ޖުމްލަ 14 މީހަކަށް ރާއްޖެއިން ފުރައިގެން ނުދެވޭނެހެން ޕާސްޕޯޓް ހިފަހައްޓާފައި ވާއިރު، އެކަކު ވެސް ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް އަދިއެއް ނުލިބެ އެވެ. އެކަކާ ދެކޮޅަށް ދައުވާއެއް އުފުލާފައެއް ވެސް ނުވެ އެވެ. ދައުވާ ކުރެވޭނެތޯ ޔަގީން ކުރަން އަދިވެސް ޕީޖީ އާއެކު މަޝްވަރާ ކުރަނީ އެވެ.

އުފެދޭ ސުވާލަކީ އެ ދުވަހު ކޮމިޝަނުން އާއްމު ކުރި މައުލޫމާތުގެ ތެރޭގައި އާ މައުލޫމާތެއް ހުރި ހެއްޔެވެ؟ ނޫނެކެވެ. އެއީ މުޅިން ވެސް އިނގޭ އެކަމަކު ދައްކަން ނުކެރިފައި ހުރި ވާހަކަ އެވެ. ރިލްވާނަށް ހެދި ގޮތުގެ ވާހަކަ ހަމަ އެގޮތަށް ތުންތުން މަތިން ދިޔައީ ދެކެވެމުންނެވެ. އެ ވާހަތަކަތައް މުޅި ރާއްޖެ އާއި ދުނިޔެއަށް ހާމަކުރުމަކީ ކޮމިޝަނަށް ސާބަސް ދޭން ޖެހޭ ކަމެކެވެ.

ނަމަވެސް، ހަތެއް ނުވަތަ އަށެއްކެ މަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ނުލިބުމާއި، ދައުވާ އުފުލޭނެކަން ޔަގީން ނުވުމާއި، ހައްޔަރު ކުރެވޭނެ އަމުރެއް ހޯދޭނެ ފަދަ ހެއްކެއް ނެތުމަކީ ތަހުގީގުން ލިބުނު ކުރިއެރުމާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

ރިލްވާން މަރުވެގެން ހިނގައްޖެ އެވެ. ރިލްވާން މަރާލި މީހުން ވެސް މަރުވެފައިވުން އެކަށީގެންވެ އެވެ. އެކަމަކު ރިލްވާން މަރާލުމުގެ ފަހަތުގައިވާ ބޮޑު ރޭވުންގަނޑު ރޭވި ބަޔަކު އަދިވެސް އުޅޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގައި އިހުމާލުވި ވެރިން އުޅެމުން އެދަނީ އެންމެންގެ ލޯކުރި މަތީގަ އެވެ.

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދު ވިދާޅުވެފައި ވަނީ 2007 ވަނަ އަހަރު ރާއްޖެއިން ސޮއިކުރި ގެއްލުވާލާފައިވާ މީހުންގެ ބައިނަލްއަގްވާމީ މުއާހަދާގެ ދަށުން އެ މުއާހަދާއާ ހިލާފު އަމަލެއް ނުހިންގޭނެ ކަމަށެވެ.

އޭގައި ބުނަނީ މީހަކު ގެއްލުވާލުމުގެ އަމަލު ހިންގާ، އެކަމަށް އަމުރު ކުރާ، ނުވަތަ އެކަމުގައި އެއްބާރުލުން ދިން ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ މަތީ މަގާމެއްގައި ހުރެ، އެފަދަ މައުލޫމާތެއް ލިބުމުން އަޅާނުލުމާއި، އިހުމާލުވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.ކަންމިހެން އޮތް އިރު، އިންސާފު ކޮބައި ހެއްޔެވެ؟ އިންސާފު ލިބޭނެ ހެއްޔެވެ؟ މިއީ ބޮޑު ސުވާލެވެ. ފުލުހުންނާއި ދައުލަތުގެ ބޮޑު ބައިވެރިވުމެއް ރިލްވާން މައްސަލާގައިވާކަން ޔަގީނެވެ. ކުނި ނުއުކާ ކަމަށް ވަންޏާ، ސާފެއް ނުވާނެ އެވެ. ކުނި އުކާފައި ރަނގަޅަށް ނުދޮންނަ ނަމަ، ނުބައި ވަސް ދުވާނެ އެވެ.

ރިލްވާން މައްސަލާގައި މިވަނީ އެހެން ނޫން ބާވައެވެ؟ ކުނި ގިނަވެފައި އޮތް މުއައްސަސާތަކާއެކު ސާފު ތާހިރެއް ނުވާނެ އެވެ. ސާފު ކުރަންޏާ ޖެހޭނީ ކުންޏާއި އެ ކުނީގައި ޖެހިފައި ތިބި އެއްޗެހި ނައްތާލާށެވެ. އުއްމީދު ގެއްލިފައިވާ ރިލްވާންގެ އާއިލާ އުއްމީދު ހޯދައި ދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާ އެކެވެ.
ހިޔާލު

ޢަލިކޮ

ޑްރާމާކުޅޭ ގޮތަށް ތަހުޤީގުކޮށް ރިޕޯޓް އަންމުކޮށް ޤާނޫނާ ހިލާފަށް މީހުން ހައްޔަރު ކުރަން އުޅުނީމަ އިންސާފެއް ނުލިބޭނެ އެންނު