Taliban aa eku oiy sirru bahdhaluvumeh Trump cancel koffi
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ތޯލިބާނާއެކު އޮތް ސިއްރު ބައްދަލުވުމެއް ޓްރަމްޕް ކެންސަލްކޮށްފި

ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތޯލިބާނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ސިއްރު ބައްދަލުވުމެއް ކެންސަލް ކުރެއްވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަފްގާނިސްތާންގެ ރައީސް އަފްގާން ގާނީގެ އިތުރުން ތޯލިބާންގެ އިސް ލީޑަަރުންނާއެކު އެމަނިކުފާނު ބައްދަލުކުރުމަށް އާދީއްތަ ދުވަހު ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި އޮތީ އެމެރިކާގެ ކޭމްޕް ޑޭވިޑްގައެވެ.

ނަމަވެސް ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގެ ޒިންމާ ތޯލިބާނުން ނަގާފައި ވާތީ ބައްދަލުވުން ކެންސަލް ކުރައްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެ ހަމަލާގައި އެތައް ބަޔަކު މަރުވި އިރު އޭގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މީހަކު ވެސް ހިމެނެ އެވެ.

އެމެރިކާ އާއި ތޯލިބާން މެދުގައި ސުލްހަވެރިކަމުގެ މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ޓްވިން ޓަވަރަށް ސެޕްޓެމްބަރު 11 ގައި ދިން ހަމަލާއަށް 18 އަހަރުވާން ގާތްވެފައި ވަނިކޮށެވެ.

އަފްގާނިސްތާނުގައި ހަނގުރާމަ ކުރަމުންދާ އެމެރިކާގެ 5400 ސިފައިން އެގައުމުން ބޭލުމަށް ވެސް އެމެރިކާއިން ވަނީ ނިންމައިފި އެވެ. އެމެރިކާގެ މި ނިންމުން ނިންމީ ތޯލިބާން ހަނގުރާމަވެރިންނާއެކު ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިންނެވެ. އެގޮތުން 20 ހަފްތާގެ ތެރޭގައި އެމެރިކާ ސިފައިން ފޭބުމަށް ވަނީ އެއްބަސްވެފަ އެވެ.

އެކަން ހާމަކުރެއްވީ އެ ދެގައުމުގެ މެދުގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިއެއް ކަމަށްވާ ޒަލްމޭ ހަލީޒާދް އެވެ. ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ހަލީޒާދް ވިދާޅުވީ އެގޮތަށް އެއްބަސްވެފައިވީ ނަމަވެސް އެކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާ ދެމެދު މިފަދަ އެއްބަސްވުމަކަށް އާދެވިފައި ވަނީ ނުވަ މަޝްވަރާ ބައްދަލުވުމަށް ފަހުގަ އެވެ. ބައްދަލުވުންތައް ބާއްވާފައި ވަނީ ގަތަރް ގައެވެ.

ހާލީޒާދްގެ ވާހަކަތަކީ ތެދު ކަމަށް ތޯލިބާނުން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ހާލީޒާދްގެ އިންޓަވިއު ކުރިޔަށް ދިޔަ ވަގުތު ވެސް ތޯލިބާނުން ވަނީ ކާބުލްއަށް ހަމަލާއެއް ދީފަ އެވެ.

އެ ހަމަލާ ދީފައިވަނީ ޓްރެކެޓަރެއްގައި ބޮމެއް ހަރުކޮށްގެންނެވެ. ހަމަލާގައި 16 މީހުން މަރުވި އިރު 119 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ނަމަވެސް ޓްރަމްޕްގެ ނިންމުމުގެ ސަބަބުން އެމެރިކާގެ 5400 ސިފައިން އަފްގާނިސްތާނުން ބޭލުމަށް ބަދަލެއް އަންނާނެ ކަމެއް ސާފެއް ނުވެ އެވެ. މިވަގުތު އެމެރިކާގެ 14،000 ސިފައިން އަފްގާނިސްތާނުގައި ހަނގުރާމަ ކުރަމުން ދެއެވެ.
ހިޔާލު