Raees ge message Rilwan ge aailaa ah: Insaafu hoadhai dhinumuga fahathakah nujeheynan
image
ރިލްވާނުގެ އާއިލާއާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިލްވާނަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގައި-- ފޮޓޯ: ރާއްޖެއެމްވީ
2 ކޮމެންޓް
 

އިންސާފު ހޯދައިދިނުމުގައި ފަހަތަކަށް ނުޖެހޭނަން: ރައީސް

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މަރާލި މައްސަލައިގައި އާއިލާއަށް އިންސާފު ހޯދައިދިނުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި، އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

"އާއިލާއަށް ދަންނަވާލަން ބޭނުން ވަނީ މި ސަރުކާރުން، އަޅުގަނޑެއް މިކަމުގައި ފަހަތަކަށް ނުޖެހޭނަމޭ. އަޅުގަނޑުމެން މިތިބީ ކުރަން ޖެހޭ ކޮންމެ ކަމެއް މިކަމުގައި ކުރަންށޭ. ކުރިއަށް އަޅުގަނޑުމެން މިކަމުގައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަމޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުން އަންނަ ރިޔާސީ ކޮމިޝުން ރިލްވާނުގެ މައްސަލައިގައި މިހާތަނަށް ދެ ޑްރާފްޓެއް ވަނީ ރައީސް ސޯލިހަށް ފޮނުއްވާފަ އެވެ.

"އަޅުގަނޑުގެ އެދުމަކީ އެ ހާމަވެގެން ނުދިޔުން"

އެ ކޮމިޝަނުގެ ތަހުގީގު އަދި އެއްކޮށް ނުނިމުނު ނަމަވެސް، އަވަހަށް ތަހުގީގު ނިންމުމަށް އިއްޔެ އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތަހުގީގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ކޮމިޝަނުގެ ތަހުގީގުގެ ދެވަނަ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެރުވުމުން އޭގެ ކޮޕީ މަޖިލީހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަރުވާފައިވާތީ އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"މިހާރު ވެފައި އޮތް ކަމެއް ނުވާ ކަމަކަށް ނުހެދޭނެ. އެކަމަކު އޭގައި އެބަ ހުރި އެ ހާމަވެއްޖެ ނަމަ ހުރަސްތަކެއް އެޅޭނެ ފަދަ މައުލޫމާތު. އަޅުގަނޑުގެ އެދުމަކީ އެ ހާމަވެގެން ނުދިޔުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަމެއް ކަމަށެވެ. އެހެންވެ އެއްވެސް ތަހުގީގަށް ހުރަސް އެޅޭ ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގައި އަމަލު ކުރާ ގޮތާ މެދު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ރިޕޯޓާ ގުޅިގެން މަޖިލީހުގައި ކުރާ ކަންކަމާ މެދު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. މިއީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް، އެހެންވީމަ، އެކަމާ ބެހޭ ގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދެ ގާނޫނަކަށް ބަދަލު ގެނައުން، އަވަހަށް ތަހުގީގު ނިންމުން

ރައީސް ވަނީ އެ މައްސަލައާ ގުޅިގެން މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތްތައް ބެލުމަށް އިއްޔެ ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނަރަލާއި، އެޓާނީ ޖެނެރަލް، ޕޮލިސް އަދި ޑިފެންސް މިނިސްޓްރީގެ އިތުރުން ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެގޮތުން މިހާރުން މިހާރަށް ކުރެވޭނެ ކަންކަމާ ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މިހާރަށް ކުރަން ޖެހޭ ކަންތައްތަކަކީ އަދި މިކަމާ ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމަކީ އެތައް މުއައްސަސާއަކާ ގުޅިފައިވާ ކަމެއް. އެއްބަސްވީ، ނިންމުނު ކަންތައްތަކަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަންތައްތައް ހަލުވިކޮށް ކުރުން،" ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހެއެވެ.

"އަޅުގަނޑުމެންނަށް އިއްޔެ ސާފުވީ މިކަހަލަ ބޮޑު މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ތަހުގީގުކޮށް ނިމި، ޝަރީއަތް ކުރެވެން ދެން ބަންދުކޮށްފައި ބަހައްޓަން ޖެހިދާނެ އޭ. އެހެންވެ ވީހާވެސް އަވަހަކަށް އެ ދެ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެންނަން ފަށާނަން،" އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު ޓެރަރިޒަމުގެ ގާނޫނު އޮތް ގޮތުން އަސްލު ޓެރަރިސްޓުންނާއި ޓެރަރިޒަމުގެ އަމަލު ހިންގާ މީހުންނަށް އަމާޒުވެފައި ނެތް ކަމަށާއި، އެހެންކަމުން ރަނގަޅަށް ޓެރަރިޒަމް މާނަކޮށް، އެފަދަ އަމަލުތައް ކުރާ މީހން ފަސޭހައިން ހައްޔަރުކޮށް ތަހުގީގު ކުރެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓޭނެ މުއްދަތާއި، ހައްޔަރު ކުރުމަށް ފަހު ވަކި ކަންކަން ކުރުމަށް މުއްދަތުތަކެއް ދީފައިވާއިރު، ޓެރަރިޒަމް ފަދަ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ފުރުސަތު ދެ ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ. އެ ބަދަލު ގެނައުމުގެ މަސައްކަތް އިއްޔެ ފަށައިފި. ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު އަޅުގަނޑާ ހިސާބަށް އަންނާނެ. އެއާއެކު މަޖިލިހަށް ފޮނުވައިގެން އަވަސް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިލްވާން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް ހުރިހާ މުއައްސަސާއަކުން އެއްބަސްވެފައިވާ ކަމަށާއި ތަހުގީގު އަވަހަށް ނިންމުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ހިޔާލު

ސސ

އިސްލާމީ ޝަރީއަތުގައި ގެއްލޭ މީހުންގެ ހުކުމަކީ ކޮބައިބާ އެމީހުންގެ ޖަނާޒާ އާއި އަންބި ދަރިން އާއި ތަރިކައިގެ ހުކުމް އޮންނާނީ ކޮންގޮތަކަށް ބާ ؟

ާެައެނޯނިމަސް

ރިލްވާން ނޫނީ މި ގައުމުގަ މީހަކު މަރާލެވިފައި ނުވަނީތޯ؟