Terrorism aai Jinaaee Ijuraathuge Gaanoonah badhalu gennanee
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު--
0 ކޮމެންޓް
 

ރިލްވާން މައްސަލައާ ގުޅިގެން ޓެރަރިޒަމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަނީ

ޓެރަރިޒަމުގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށް ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރަން ނިންމައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލައިން އެ ދެ ގާނޫނަށް ބަދަލު ގެންނަން ޖެހޭކަން ސާފުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޔެ ސާފުވީ މިކަހަލަ ބޮޑު މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ތަހުގީގުކޮށް ނިމި، ޝަރީއަތް ކުރެވެން ދެން ބަންދުކޮށްފައި ބަހައްޓަން ޖެހިދާނެ އޭ. އެހެންވެ ވީހާވެސް އަވަހަކަށް އެ ދެ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެންނަން ފަށާނަން،" އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު ޓެރަރިޒަމުގެ ގާނޫނު އޮތް ގޮތުން އަސްލު ޓެރަރިސްޓުންނާއި ޓެރަރިޒަމުގެ އަމަލު ހިންގާ މީހުންނަށް އަމާޒުވެފައި ނެތް ކަމަށާއި، އެހެންކަމުން ރަނގަޅަށް ޓެރަރިޒަމް މާނަކޮށް، އެފަދަ އަމަލުތައް ކުރާ މީހން ފަސޭހައިން ހައްޔަރުކޮށް ތަހުގީގު ކުރެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓޭނެ މުއްދަތާއި، ހައްޔަރު ކުރުމަށް ފަހު ވަކި ކަންކަން ކުރުމަށް މުއްދަތުތަކެއް ދީފައިވާއިރު، ޓެރަރިޒަމް ފަދަ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ފުރުސަތު ދެ ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ. އެ ބަދަލު ގެނައުމުގެ މަސައްކަތް އިއްޔެ ފަށައިފި. ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު އަޅުގަނޑާ ހިސާބަށް އަންނާނެ. އެއާއެކު މަޖިލިހަށް ފޮނުވައިގެން އަވަސް ކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރިލްވާން މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވާ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކޮށްފައި ވާއިރު، އެ ފަރާތްތައް ހައްޔަރު ނުކުރާތީ ރިލްވާންގެ އާއިލާ އާއި އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު ރައީސް ވިދާޅުވީ ހުރިހާ މުއައްސަސާތަކާއެކު އިއްޔެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ވަގުތުން އަޅަން ޖެހޭ ފިޔަވަޅު އަވަހަށް އެޅުމަށާއި، ކޮމިޝަނުގެ ތަހުގީގު އަވަހަށް ނިންމުމަށް އެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށެވެ.

"އެޓާނީ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް ޕޮލިސް، ޑިފެންސް، ކޮމިޝަންގެ މެމްބަރުންނާއެކު އަޅުގަނޑު ބައްދަލުވުން ކުރިއަށް ގެންދިޔައީ... މިހާރުން މިހާރަށް ކުރަން ޖެހޭ ކަންތައްތަކަކީ އަދި މިކަމާއި ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމަކީ އެތައް މުއައްސަސާއަކާ ގުޅިފައިވާ ކަމެއް. އެއްބަސްވީ، ނިންމުނު ކަންތައްތަކަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަންތައްތައް ހަލުވިކޮށް ކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ. އެގޮތުން ކަންބޮޑުވުންތައް ހުރި ކަންތައްތައް ދެނެގަނެ، ބަންދު ކުރަން ޖެހޭ މީހަކު ހުރި ކަމަށް ވަންޏާ، ބަންދުކޮށްގެން ތަހުގީގު އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ވަންޏާ އެކަމެއް ވެސް ކުރުމަށް އަޅުގަނޑުމެންނަށް އެއްބަސް ވެވުނު،" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ހިޔާލު