Kuvveriyakaa medhu ves amalu kuraanee insaafun: Minister Imran
image
ހޯމް މިނިސްޓަރު އިމްރާން--
0 ކޮމެންޓް
 

ކުށްވެރިޔަކާ މެދުވެސް އަމަލު ކުރާނީ އިންސާފުން: ހޯމް މިނިސްޓަރު އިމްރާން

މީހަކު ކުށެއް ކުރި ނަމަވެސް އެމީހަކާ ދޭތެރޭ މި ސަރުކާރުން އަމަލު ކުރާނީ އިންސާފުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށް ބަންދު ކުރަން ޖެހޭ މީހުން އިންސާފުގެ ތެރެއިން ހައްޔަރުކުރެވިގެން ދާނެ ކަމަށެވެ. ފެށުނީއްސުރެ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއިދު ކުރާ ފަރާތްތައް ވަކާލާތު ކުރަމުން އައިސްފައިވާ އުސޫލު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުށް ކުރާ މީހާއާ މެދުވެސް އަމަލު ކުރާނީ އިންސާފުވެރިކޮށް ކަމަށެވެ.



މިނިސްޓަރު އިމްރާން އެހެން ވިދާޅުވެފައި ވަނީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ދެ ފުލުހަކަށް ތުހުމަތުތަކެއް ކުރަމުން އަންނާތީ އެވެ. އެ ދެ ފުލުހުންނަށް ކުރާ ތުހުމަތަކީ ރިލްވާން ސީރިޔާއަށް ގޮސް މަރުވި ކަމަށް ދެއްކުމުގެ ގޮތުން، ޕާސްޕޯޓެއް ހެދުމަށް މަސައްކަތް ކުރުމެވެ.

އެ މައްސަލާގައި ދެ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން ވަނީ ދުރުކޮށްފަ އެވެ. އަދި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު އެ ދެ ފުލުހުން ހައްޔަރު ނުކުރާތީ ފުލުހުންނަށް އަންނަނީ ވަރަށް ގިނަ ބަޔަކު ފާޑކިޔަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފުލުހުން ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
ހިޔާލު