Minister Mahloof ge mamma ge aiy dhabas feyri ganefi
image
މިނިސްޓަރު މަހްލޫފު އޭނާގެ މަންމައާއެކު-- ފޮޓޯ: މަހްލޫފު/ ޓްވިޓާ
0 ކޮމެންޓް
 

ޔޫތު މިނިސްޓަރު މަހުލޫފުގެ މަންމަގެ އަތްދަބަސް ފޭރިގަނެފި

ފިހާރައަކުން ނިކުތް ވަގުތު، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މަންމަގެ އަތްދަބަސް މިއަދު ހެނދުނު ފޭރިގަނެފި އެވެ.
ފުލުހުން ބުނީ މިއަދު 09:37 ހާއިރު ބަންގުލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދަބަސް ފޭރިގަތީ ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފޭރިގަނެފައި ވަނީ މިނިސްޓަރު މަހްލޫފުގެ މަންމަގެ އަތް ދަބަސް ކަން އިތުބާރު ހުރި މަސްދަރަކުން ސީއެންއެމްއަށް ކަށަވަރުކޮށްދެ އެވެ.

އެގޮތުން އޭނާގެ އަތް ދަބަސް ފޭރިގަތީ ލޮނުޒިޔާރަތް މަގުގައި ހުންނަ އިހުސާނު ފިހާރަ ކައިރިން ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭގެ އިތުރުން، ކަލާފާނު ސްކޫލު ކައިރިން ވެސް މިއަދުގެ ހެނދުނު 08:33 ގައި އަންހެނެއްގެ އަތުގައި އޮތް ވޮލެޓެއް ފޭރިގަތް މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަން ވެސް ކުރީ ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ފޭރުމުގެ 338 މައްސަލަ ހުށަހެޅިފައި ވެއެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ އެފަދަ 537 މައްސަލަ އެވެ.
ހިޔާލު