Mogul gai Gulshan Kumar ge Role ah Aamir Khan
image
އާމިރު ހާން--
0 ކޮމެންޓް
 

"މޮގުލް" ގައި ގުލްޝަން ކުމާރުގެ ރޯލަށް އާމިރު ހާން!

މިއުޒިކްގެ ދުނިޔޭގައި މަޝްހޫރު ގުލްޝަން ކުމާރުގެ ހަޔާތަށް ނެރޭ ފިލްމު، "މޮގުލް" ގައި އޭނާގެ ރޯލަށް ބޮލީވުޑުގެ ކާމިޔާބު ބަތަލު އާމިރު ހާނު ނަގައިފި އެވެ.
ސުބާޝް ކަޕޫރު ޑައިރެކްޓު ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް އާމިރު ކަމަށް ވެއެވެ. އެކަމަކު ޖިންސީ ފުރައްސާރައާ ދެކޮޅަށް އަޑު އުފުލަމުން އަންނަ މީޓޫ މޫވްމަންޓުގައި ޑައިރެކްޓަރު ސުބާޝްއަށް ކުރި ތުހުމަތުތަކާއެކު ފިލްމުގައި މަސައްކަތް ނުކުރާން އޭރު އާމިރު ނިންމި އެވެ.

ފަހުން ފިލްމު ޕްރޮޑިއުސް ކުރަން ނިންމީ ބޫޝަން ކުމާރެވެ. އަނެއްކާ ވެސް ރިޕޯޓުތައް ބުނާ ގޮތުގައި އާމިރު ވަނީ އެ ފިލްމުގައި މަސައްކަތް ކުރަން ނިންމާފަ އެވެ.

އެގޮތުން، އާމިރު އެ ނިންމުން ނިންމާފައި ވަނީ ސުބާޝް މަސައްކަތް ކުރި ބައެއް އަންހެނުންނާއެކު ބައްދަލުކުރުމަށް ފަހު ކަމަށް ވެއެވެ. އެމީހުންގެ ފަރާތުން ސުބާޝްއާ ގުޅިގެން އެފަދަ އަޑެއް ނާރާ ކަމަށް ވެއެވެ.

ފިލްމު ދޫކޮށް އޭރު އާމިރު ދިޔައީ އަންހެނުންނަށް އިހުތިރާމު ނުކުރާ އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް މީހަކާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނެ އެވެ.

އެ ފިލްމުގެ ލީޑު ބަތަލާގެ ރޯލަށް ނަގާފައި ވަނީ ސޮނާކްޝީ ސިންހާ ކަމަށް ވެއެވެ.

ގުލްޝަން ކުމާރަކީ ޓީ ސީރިޒް މިއުޒިކް ލޭބަލްގެ ފައުންޑާގެ އިތުރުން ބޮލީވުޑް ފިލްމު ޕްރޮޑިއުސް ކުރި މީހެކެވެ. ގުލްޝަން ކުމާރު މަރުވެފައި ވަނީ 1997 ގައެވެ.
ހިޔާލު