Trump ge security advisor magaamun vakikoffi
image
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން-- ފޮޓޯ: އޭޕީ
0 ކޮމެންޓް
 

ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު މަގާމުން ވަކިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މަގާމުން ވަކިކުރިކަން އިއްޔެ ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
"އަޅުގަނޑު ވާނީ ޖޯންގެ އިސްތިއުފާއަށް އެދިފައި، އެއާއެކު އެ ސިޓީ މިއަދު ހެނދުނު އަޅުގަނޑަށް ވަނީ ލިބިފައި،" ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވެއެވެ. އަންނަ ހަފްތާގައި އާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަނު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެކަމަކު ބޯލްޓަން ވިދާޅުވީ އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ދިނީ ކަމަށެވެ. ބޯލްޓަން އާއި ޓްރަމްޕާ ދެމެދު ވަނީ އަފްގާނިސްތާނާއި އީރާން ފަދަ މުހިއްމު ހާރިޖީ ކަންކަމުގައި ހިޔާލު ތަފާތުވުން އުފެދިފަ އެވެ.

އޭޕްރިލް 2018 އިން ފެށިގެން އެ މަގާމުގައި ހުންނެވި ބޯލްޓަން އަކީ ޓްރަމްޕްގެ ތިންވަނަ ސެކިއުރިޓީ އެޑްވައިޒަރެވެ. އޭގެ ކުރިން މައިކަލް ފްލިން އަދި އެޗްއާރް މެކްމާސްޓާ ވެސް އެ މަގާމު ފުރުއްވާފައި ވެއެވެ.

ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ދެމެދު ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ރޭވި ބައްދަލުވުން ފެއިލްވީ ބޯލްޓަންގެ ސަބަބުން ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.
ހިޔާލު