PROFILE: Kuda iruge huvafen hageegathakah hedhi Gaabe, namoonaa mudhahriseh!
image
ގާބެ---
ފައުޒާ މުހައްމަދު
13 ކޮމެންޓް
 

ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހެދި ގާބެ، ނަމޫނާ މުދައްރިސެއް!

"ރައްޓެހި ކުދިން ކައިރީގައި އޭރު ބުނެލަން އަޅުގަނޑު ބޮޑުވެގެން (ވަރަށް މޮޅު ޓީޗަރަކަށް ވެގެން) ނޭކުރެންދޫ، އެމީހަކަށްޓަކައި ފަހުރުވެރިވާ ވަރުގެ މޮޅު ޓީޗަރަކަށް ވެގެން ކިޔަވައިދޭން އަންނާނަމޭ،" މިއީ އުމުރުން 46 އަހަރުގެ ގާސިމް މުހައްމަދު (ގާބެ)ގެ ވާހަކަ އެވެ.
އޭރު ގާބެގެ އުމުރުން އެންމެ 11 އަހަރެވެ. މިހާރު އުމުރުން 50 އާ ގާތް ކޮށްފައި ވާއިރު، ގާބެގެ ހަޔާތުގެ 23 އަހަރު ވަނީ ކިޔަވައި ދިނުމުގައި މުދައްރިސެއްގެ ގޮތުގައި ހޭދަކޮށްފަ އެވެ. ވޮލީ އާއި، ވޯޓާ ސްޕޯޓްސް އަދި ދަތުރު ކުރުމަށް ޝައުގު ހުންނަ ގާބެ ތައުލީމީ ދާއިރާއަށް ނިކުތީ އެކި މާއްދާތަކުން ތަޖުރިބާ ލިބިގަންނަމުންނެވެ."ފުރަތަމަ ހިސާބާ، ސޯޝަލް އާ ހުރިހާ އެއްޗެއް ކިޔަވައިދިނިން. ދެން ދިވެހި ޓީޗަރަކަށް ބަދަލުވީ. ބަދަލުވެފައި އޯލެވަލް ނަތީޖާ ވެސް 100 އިންސައްތަ ފާސް ދިވެހީގައި. ދެން ރަށުގައި އިސްލާމް ޓީޗަރެއް ނެތީމައި އިސްލާމް ޓީޗަރަކަށް ބަދަލުވީ،" ސީއެންއެމްއަށް ދިން އިންޓަވިއު އެއްގައި ގާބެ ބުންޏެވެ.އެންމެ ކުޑައިރުން ފެށިގެން އުއްމީދު ކުރަމުން ދިޔަ ގޮތަށް، ގާބެ މުދައްރިސެއްގެ ގޮތުގައި އެންމެ ފުރަތަމަ ވެސް ހިދުމަތް ކުރީ އޭނާގެ އުފަންރަށް ހދ. ނޭކުރެންދޫ އަށެވެ. އޭގެ ފަހުން އޭނާވަނީ ރަސްމީކޮށް އަށް ސްކޫލެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ނޭކުރެންދޫ މަދަރުސާ އާއި މަދަރުސަތުލް އިފްތިތާހު އާއި މަދަރުސަތުލް އަހުމަދިއްޔާގެ އިތުރުން ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލާއި އިމާދުއްދީން ސުކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް އަދި ރެހެންދި ސުކޫލެވެ.

ތައުލީމީ ދާއިރާގައި އާދައިގެ މުދައްރިސެއްގެ ގޮތުގައި އަހަތުތަކެއް ވޭތު ކުރުމަށް ފަހު، ގާބެ ވަނީ 2015 ވަނަ އަހަރު ރެހެންދި ސްކޫލުގެ ލީޑިން ޓީޗަރަށް ބަދަލުވެފަ އެވެ. • ޓީޗިން ކެރިއާއާ މެދު ހިތްހަމަޖެހެނީ ކީއްވެ،؟

 • ގާބެ ބުނީ އޭނާ ޓީޗިން ކެރިއަރާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ކުރިން ކިޔަވައިދިން ކުދިން މިހާރު ވެސް ވަރަށް އިހުތިރާމު ކުރާ ކަމަށާއި އޭނާއާ ނިސްބަތްކޮށް، އަދި ދިމާލަކަށް ވެސް ކިޔަވައިދިން ކުއްޖަކު ދުވަހަކު ވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް ގާބެ ބުންޏެވެ.  "އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ ކުދިން އަހުލާގެއްގެ މަތީގައި ތަރުބިއްޔަތު ކުރެވުނުކަމުގެ އިހުސާސްކުރެވޭ. އެ ހިތްހަމަޖެހުން އެބަ އޮތް. އަނެއް ކަމަކީ ކޮންމެ މުއައްސަސާ އަކަށް ބެލިއަސް މަތީ މަގާމުތަކުގައި އަޅުގަނޑުގެ ދަރިވަރުން މިހާރު އެބަ ތިބި. އެއީ ކިހާބޮޑު ހިތްހަމަޖެހުމެއް ތޯ؟ އަޅުގަނޑަށް ގައުމު ކޮނޑު އަޅައިގެން ތެދުވާނެ ދަރިންތަކެއް ތަމުރީނު ކުރެވުނު ކަމުގެ އިހުސާސް އެބަވޭ،" ގާބެ ބުންޏެވެ.

 • ކުދިންނަށް ކިޔަވައިދިނުމަށް އެފްބީ ޕޭޖެއް:

 • ގާބެއަކީ ފޭސްބުކްގެ ޒަރިއްޔާ އިން ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް އިލްމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. (S.S.C Islam With Gasim Mohamed) "އެސް.އެސް.ސީ އިސްލާމް ވިތު ގާސިމް މުހައްމަދު" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖުން ގާތްގަނޑަކަށް 4000 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް ކިޔަވަމުންދާ ކަމަށް އޭނާ ބުންޏެވެ.  "މިދާއިރާގައި މިހެން މަސައްކަތް ކުރާއިރު ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި އަޅުގަނޑުގެ ސަބަބުން ތައުލީމު ފެތުރޭ ކަމުގެ ހިތްހަމަޖެހުން ހިތަށް އެބަ ލިބޭ. ވަރަށް ގިނަ ދަރިވަރުން މިހާރު ވެސް އެބަ ކިޔަވާ ޕޭޖު ތުރޫކޮށް. އަނެއްކާ ޓްރެވަލް ކުރާ ހިތްވާ މީހެއް ވީމަ އެ ޗާންސް އެބަ އޮތް މިހާރު. އެސްއެސްސީ އިސްލާމް މާއްދާއަށް ގްރޭޑް 10 ގެ ދަރިވަރުން ތައްޔާރުކުރުމަށްޓަކައި (އެސްއެސްސީ އިސްލާމް ސްޓަޑީ ކޭމްޕް ހިންގަން) މިއަހަރު މިހާ ހިސާބަށް 28 ރަށަކަށް ދަތުރު ކުރެވިއްޖެ. އިސްލާމް މާއްދާއިން އޯލެވެލްއަށް ތައްޔާރުވާ ދަރިވަރުންނަށް، އެސްއެސްސީ އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް މިހާރު ދަތުރު ކުރެވޭ. އެންމެ ފަހުން ނިންމާފަ މިއައީ 108 ވަނަ ވޯސްޝޮޕް،" އޭނާ ބުންޏެވެ.

 • ޓީޗަރުކަން ކިޔަވަން ބޭނުންވާ ކުއްޖަކަށް ދޭނެ މެސެޖަކީ ކޮބާ؟

 • "ތެދަށް ބުނަންޏާމުން ޓީޗަރުކަން ކިޔަވަން ބޭނުންވާ ކުއްޖަކަށް ދޭން ބޭނުންވާ މެސެޖަކީ އަސްލު ޓީޗަރުންނަކީ މުޅި ގައުމު ބިނާކުރާ މިހާ، މިސާލަކަށް ބަލަމާ ހިނގާ [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު އަކި ވެސް ޓީޗަރެއް ކައިރިން ތަމްރީނުވެގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްތާ؟ ހަގީގަތުގައި ގައުމުގެ އެންމެ ޒިންމާދާރު، އެންމެ ބުރަ މަސައްކަތެއް ކުރާ އެއް ބަޔަކީ ޓީޗަރުން. ހުރިހާ ކަމެއްގެ އެންމެ ރީތި ނަން ނުވަތަ ޒިންމާއެއް އަދާކުރެވިއްޖެ ކަމުގެ ފޮނި އިހްސާސް ކުރާނެ އެއްބަޔަކީ ވެސް ހަމަ ޓީޗަރުން. އެހެންވީމަ ހަގީގަތުގައި ގައުމެއްގެ ކުރިމަގު ބައްޓަން ވެގެން އަންނާނީ ޓީޗަރުންގެ އަތް މަތިން،" އޭނާ ބުންޏެވެ.  ގާސިމް ބުނީ ގައުމު ރަނގަޅަށް ބައްޓަން ކުރަން ބޭނުން ނަމަ ޓީޗަރުންނަކީ ގައުމު ކޮނޑުއަޅައިގެން ކުރިއަށް ދެވޭ ވަރުގެ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އެގޮތުން ރަނގަޅު މިސްރާބަކަށް ގައުމު ގެންދަން ބޭނުންވާ ނަމަ، ކިޔަވައިގެން ތިބި، ރަނގަޅު ނަތީޖާ ނެރޭ ކުދިން ޓީޗިން ދާއިރާއަށް ނެރުމަށް ގާސިމް ވަނީ އިލްތިމާސްކޮށްފަ އެވެ.

  "މައުލޫމާތެއް ލިބިގެން ހިތްވަރެއް ވެސް ހުރެގެން މޮޅު ޓީޗަރަކަށް ވެވޭނީ. އިލްމަކާ ހިލްމެއް ނެތިއްޔާ ކިޔަވައެއް ނުދެވޭނެ، މިއީ އަޅުގަނޑުގެ ވިސްނުން،" އޭނާ އިތުރަށް ބުންޏެވެ.

  ދެހާސް ސާދަވަނަ އަހަރު ޝަރީއާ އިން މާސްޓާސް ހާސިލްކޮށްފައިވާ ގާބެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޕީއެޗްޑީ ނިންމާލެވޭނެ ދުވަހެވެ.

  "މިހާރު އިނގިރޭސި ބަސް ކިޔަވަމުން މި ދަނީ. އުންމީދަކީ ޑިގްރީއާ ހަމައަށް ދިއުން،" އޭނާ ފާހަގަކުރި އެވެ. • ޓީޗަރެއްގެ ގޮތުގައި އެއް ދުވަސް ހޭދަވާ ގޮތް: "24 ގަޑިއިރު ސުކޫލުގައި"

 • ގާބެ ބުނީ އޭނާ ހެނދުނު ސުކޫލަށް ދަނީ 06:30 ގައި ކަމަށެވެ. އަދި އެކްސްޓްރާ ކުލާސް އޮތް ނަމަ 05:30 ގައި ވެސް ސުކޫލަށް ދާން ޖެހޭ ކަމަށެވެ. ރެހެންދި ސުކޫލުން ގެއަށް ހިނގާފައި ތިން މިނެޓު ތެރޭ ދެވުނު ނަމަވެސް ގިނަ ހަފްތާތަކުގައި ހެނދުނު ސައި ބޯން ގެއަށް ނުދެވޭ ކަމަށް ގާބެ ބުންޏެވެ.

  ސުކޫލަށް ދާ ގޮތަށް ކްލާސްތަކުގައި ހުންނަން ޖެހޭ އެއްޗެހި ހަމަތޯ އާއި އަދި ކުލާހުގައި ހުންނަ ބައެއް ތަކެތި މަސައްކަތް ކުރޭތޯ ބައެއް ދުވަސް ދުވަހު ގާބެ ޗެކް ކުރެ އެވެ. އަދި މިހާރު ނާސްތާ ޕްރޮގުރާމު ފެށިގެން އުޅޭތީ ގްރޭޑްގެ ދަރިވަރުން ނާސްތާ ނެގުމުގެ ކަންކަން ދާ ގޮތް ވަރަށް ގާތުން ބަލަ އެވެ.  "12:10 ގައި ސެޝަން ނިމެނީ، އަޅުގަނޑު ގެންގުޅޭ އުސޫލެއް އިންނާނެ. 13:30 ގެ ފަހުން ސުކޫލުގައި މަސައްކަތެއް ނުކުރާނަން ވަރަށް ހާއްސަ ކަމެއް ނެތިއްޔަކާ. 13:30 ސުކޫލުން ނިކުންނާނެ މީޓިން އެއް ނުވަތަ ހާއްސަ ކަމެއް ނެތިއްޔާ، ދެން ޓިއުޝަން ފަށާނީ އާންމުކޮށް 16:00 ގައި. 16:00 އިން ރޭގަނޑު 22:00 އަށް ޓިއުޝަން ކުރިއަށް ދާނީ، އެގޮތަށް ދުވަސް ދާނީ،" ދުވަހެއް ނިމޭ ގޮތް ގާބެ ކިޔައިދިނެވެ.

  "މިހާރު ތަނުގެ ކުއްޔާއި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ ސްކޫލުން ބޭރަށް ނިކުންނަން ޖެހެނީ. ކުރިން އަބަދު ވެސް އުޅެނީ ސްކޫލުގައި. ސްކޫލުގެ ކަންކަމުގައި. މިހާރު ވެސް ގިނަ ޓީޗަރުން 24 ގަޑިއިރު ހޭދަކުރަނީ ހަމަ ސްކޫލުގައި. ސްކޫލުގެ ކަންކަމުގައި. ޓީޗަރެއްގެ ވިސްނުން 24 ގަޑިއިރު ހުންނާނީ ކުލާސްރޫމުގައި. އެހެންކަމަކާ ވިސްނާނެ ވަގުތެއްހަމަ ނުލިބޭނެ،" އޭނާ އިތުރަށް ބުންޏެވެ.  އާއިލާ އާއެކު ހޭދަ ކުރުމަށް ގާބެއަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. އެގޮތުން ދަރިފުޅާ ބައްދަލު ވަނީ ސުކޫލުން އަންނަ ގަޑީގައި އެކަނި ކަމަށް ގާބެ ބުންޏެވެ.

  "ގިނަ ރޭރޭ ގެއަށް އަންނައިރު އޮންނާނީ ނިދާފައި. ދެން ދަރިފުޅާ ބައްދަލުވާނީ އަނެއް ދުވަހު ސުކޫލަށްދާ ގަޑީގައި. އެހެންވެ ރަށްރަށަށް ދާއިރު ބައެއް ފަހަރު ދަނީ އާއިލާ ގޮވައިގެން،" އޭނާ ބުންޏެވެ.


  ގާސިމް އޭނާގެ އަންހެނުން އަދި ދަރިފުޅާއެކު--

 • ޓީޗަރެއްގެ ގޮތުގައި އެންމެ އުންމީދު ކުރާ ދުވަހަކީ ކޮބާ؟

 • "ޓީޗަރެއްގެ ހައިސިއްޔަތުން އެންމެ އުންމީދު ކުރާ ދުވަހަކީ ތައުލީމީ ގޮތުން މޮޅު، ހުނަރުވެރި ދަރިންތަކެއް މި ދާއިރާއަށް އިތުރު ކުރުން، ކިޔަވައިގެން ތިބި ރަނގަޅު ދަރިންތަކެއް މިދާއިރާއަށް ގުޅުން،" ގާބެގެ އުއްމީދު ހާމަކުރި އެވެ.

  އެކަން ކުރެވޭނީ ސަރުކާރުން ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް ސަމާލުކަންދީ، ތައުލީމީ ދާއިރާގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށްގެން ކަމަށް ގާބެ ދެކެ އެވެ.
  ޓީޗަރުން މީހުން
  ހިޔާލު

  ޝަބްއާން

  ގާސިމް ސޯއަކީ ވަރަށް ހުނަރުވެރި މުދައްރިސެއް. ސޯ އަބަދުވެސް ތިޔަ ގޮތު ގައި ހުންނެ ވުން އެއީ އަޅު ގަނޑުމެން ގެ ދުއާ އަކީ

  ނޭކުރެންދޫ ޙަސަނު.

  ގާބެ ކިޔަވާނިންމާފަ 13 އަހަރު ނޭކުރެންދޫ އަށް ޚިދުމަތްކުރި. ދިވެހިރާއްޖޭގަ އުފެދހުނު އެންމެ މޮޅު އެއްއިސްލާމް ޓީޗަރ އުފަންރަށުން ފޭބުމުގަ ކޮންމެވެސް ބައެއްގެ އިހުމާލެއްވާނެ. ނޭކުރެނދޫ މަދަރުސާގަ ވަޒީފާގައި ހުރެފަ ގާބެ 2011 ގައި މާލެއައީ ކިޔަވަން. ވަޒީފާއިން ވަކިކުރީ ޕޭލިވް ކޯހެއްގައި ކިޔަވަން އައިސްހުއްޓާ ގަދަކަމުން އެދުވަސްވަރު. ނޭކުރެންދޫ ބަޔަކުވެސް އެކަމުގައި ޝާމިލްވޭ. އަދިވެސް ގާބެއާއި ނުލާ ނޭކުރެންދޫގެ ތަޢުލީމު ކުރިއަރުވާކަށް ލާހިކެއްނޫން.
  އަޅުގަނޑުގެ ޙަޔާތުގައި ދިމާވި އެންމެ މޮޅު ޓީޗަރުއެއީ.

  ބެލެނެވެރިއެއް

  މޮޅު ޓީޗަރެއް އެކަމަކު އޭގެ ބޭނުން މިހާރު މަސައްކަތް ކުރާ ރެހެންދި ސްކޫލަށް އަދި ޓިއުޟަން ނަގާދޭ ކުދިންނަށްވެސް ފުރިހަމައަށް އަދާނުކުރެވޭކަން ވަނީ ފާަހަގަ ކުރެވިފައި. ޜެހެންދި ގްރޭޑް 10ގައި ކިޔަވާ ކުދިންނަށް ކިޔަވައި ދިނުމުގެ ބަދަލުގައި ސްކޫލްގެ އިސްލާމް ގެ ލީޑިން ޓީޗަރަކަށް ހުރެ އެންމެ މުހިއްމު ދުވަސްކޮޅުގައި އެހެން ސްކޫލްތަކުގައި އަމިއްލަ މަންފާ ހޯދުމަށް ވޯކްޝޮޕްތަށް ބޭއްވުން އެއީ އަޅުގަޑު ދެކޭގޮތުގައި ވަރަށް ދެރަކަމެއް.

  މުދަރިސް

  ގާބެ އެނބުރި ނޭކުރެންދޫ އަކަށް ނާނނާނެކަން އެއީ ނޭކުރެންދޫ އެންމެނަށް އިނގޭ ހަގީގަތެތް. ބުނެލަންއޮތީ ނޭކުރެންދޫ މީހުނަށް މަލާމާތްކުރަން ނޫޅޭށޭ...😡

  މަރްޔަމް

  ގާބެ އަކީ ނޭކުރެންދޫ އަށް ކިޔަވައިދިން އެންމެ ޤާބިލް މުދައްރިސް. އަދި މިހާރު ނޭކުރެންދޫގެ ތައުލީމު ކރިއެރުވުމަށް އަލުން އަނބުރާ ގެއްނަން ޖެހޭ ފަރާތެއް. ނޭކުރެންދޫގެ ތައުލީމު ނެތި ދިއުމުގެ ކުރިން އެހީތެރިވެދެއްވާ

  ހުތު

  ޟަމީރު އަށް ބުނެލަން: ރަށުގަ ތައުލީމު ހަލާކުކުރީ ކޮންބައެއް؟ ބަޔަކު މީހުން ޖަރީމާ ހިންގީމަ އޭގެ ޒިންމާ ގާބެ އުފުލާކަށް ނުޖެހޭނެ.. ހަޖަމު ކުރަން ދަސްކުރޭ..ގާބެ ކަހަލަ ޓީޗަރެއް ރަށުން ބޭރަށްލުން އެއީ ކަލޭމެންގެ ގޮތެއްނެތްކަން..ވ ވެދުން

  މުހައްމަދު މާޔޫސް

  ގާބެއަށް ސާބަހޭ.

  ބެލެނިވެރިޔާ

  ރަނގަޅު ވާހަކަ އެއް. މޮޅު ބޭފުޅެއް މާއްދައަށް. 24 ގަޑި އިރު ހޭދަކުރަނީ ޓިއުޝަނާއި ރަށްރަށް ދަތުރު ކުރުމުގަ. އަޅުގަނޑުގެ ދަރިފުޅު މިހާރު ކިޔަވާ ކުލާހަށް ކިޔަވާ ދެއްވާ. ދަރިފުޅު ބުނޭ ވަރަށް މޮޅަށް އޮޅުންފިލުވާ ދެޔޭ. އެހެން ނަމަވެސް ޖީސީ މިހާ ކާރިވި އިރުވެސް އިތުރު ގަޑިތައްވެސް ވަނީ ކެންސަލު ގާބެ ސޯ ނަގާދޭން ޖެހޭ. މުޅި އަތޮޅުތައް ކަވަރު ކުރާއިރު ރެހެންދި ސްކޫލުގެ ގުރޭޑު 10 އަށް އިސްލާމް ވޯރުކޮސޮޕެއްވެސް ނޯވޭ.

  ާއާލް

  ތީ ނަމޫނާ މުދައްރިސެއް

  ޢެންދެރި

  ގާބެގެ ތިމަސައްކަތުގައި ބަރަކާތް ލައްވާށި
  ހުނަރުހުރި ޤާބިލް ޓީޗަރެއް

  އިބްނު ޙުސައިން

  الله ބަރަކާތްލައްވާށި.
  ގާބެއަކީ މޭންއެއް.

  ޟަމީރު

  ބޮޑުވެގެން (ވަރަށް މޮޅު ޓީޗަރަކަށް ވެގެން) ނޭކުރެންދޫ، އެމީހަކަށްޓަކައި ފަހުރުވެރިވާ ވަރުގެ މޮޅު ޓީޗަރަކަށް ވެގެން ކިޔަވައިދޭން އަންނާނަމޭ،" މިއީ އުމުރުން 46 އަހަރުގެ ގާސިމް މުހައްމަދު (ގާބެ)ގެ ވާހަކަ އެވެ މީ މާ ރީތި ވާހަކައެއް ނުން. ޢަމިއްލަ ރަށުގެެ ތައުލީމް ހަލާކުވެގެން ދާއިރު ކިހާރީތި ފޮނިކަނޑަން

  ޢަލީ

  ގާބެަކީ މޮޅު ޓީޗަރެއް.