Bollywood in Cancer aa hanguraama kuri hiyyvaru gadha tharinge vaahaka!
image
ބޮލީވުޑުގެ ތިން ތަރިން--
0 ކޮމެންޓް
 

ބޮލީވުޑުން ކެންސަރާ ހަނގުރާމަ ކުރި ހިތްވަރު ގަދަ ތަރިންގެ ވާހަކަ!

ކެންސަރު ބައްޔަކީ ވަރަށް އާންމު ބައްޔަކަށް ވެއްޖެ އެވެ. ކެންސަރުގެ ޝިކާރައަކަށްވާ މީހުން އިތުރުވަމުން އަންނައިރު މަޝްހޫރު ތަރިއަކަށް އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެމީހުންގެ ކެރިއަރާ މެދު ސަޕޯޓަރުންގެ މެދުގައި ސުވާލުތައް އުފެދެ އެވެ. މިއީ ކެންސަރާ ހަނގުރާމަކޮށް ހިތްވަރު ދެއްކި ބޮލީވުޑުގެ ތަރިންގެ ވާހަކަ އެވެ.
1- ރިޝީ ކަޕޫރު

ބޮލީވުޑުގެ މަޝްހޫރު ތަރި، ރިޝީ ކަޕޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. މީގެ އެގާރަ މަސް ކުރިން ރިޝީ ކެންސަރުގެ ޝިކާރައަކަށް ވެގެންދިޔައިރު އެކަން އެނގުމާއެކު އޭނާ ވަނީ ނިއުޔޯކަށް ފަރުވާ ހޯދުމަށް ފުރާފަ އެވެ. އެގާރަ މަސް އެތަނުގައި ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހެވެ.

ރިޝީ ދެއްކި ހިތްވަރަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ލޯބިވާ ދަރިންނާ ދުރުގައި އެތަނުގައި ހޭދަކުރި ދުވަސްތަކަކީ އުނދަގޫ ދަތި ދުވަސްތަކަކަށް ވާނެކަން ޔަގީނެވެ.

ކެންސަރަށް ފަރުވާ ކުރުމަށް ކީމޮތެރަޕީ ނަގަމުން ދިޔައިރު ވެސް ފުރަތަމަ ރިޝީ އާއި އޭނާގެ އާއިލާއިން އެކަން ސަޕޯޓަރުންނަށް ހިއްސާ ކުރަން ބޭނުން ނުވި އެވެ. އެކަމަށް ކުރިމަތިލާން ފަސް ޖެހުމަށް ފަހު ވެސް ފަހުން އެކަން ހާމަކުރިއިރު ސަޕޯޓަރުންގެ ފަރާތުން ވެސް އޭނާއަށް ހެޔޮ ދުއާ ކުރި އެވެ.

އަލުން އެނބުރި އައިސް ފިލްމުތަކުން އޭނާ ފެންނާނެ ދުވަހެއް އަދި ނޭނގެ އެވެ.

2- އިރުފާން ހާނު

އުމުރުން 52 އަހަރުގެ އިރުފާން، އޭނާ ކެންސަރުގެ ބަލީގެ ޝިކާރައަކަށް ވެފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރިއިރު އޭނާ ވެސް ވަނީ ފަރުވާ ކުރުމަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިލާފަ އެވެ. ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އިރުފާން ވެސް ކީމޯ ޓްރީޓްމެންޓު ނަގާފައި ވާއިރު މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.

ބަލިކޮށް އުޅުނު ނަމަވެސް އޭނާ ވަނީ ފިލްމުތަކުގައި މަސައްކަތް ކުރަން ނިންމާފަ އެވެ. ޕީކޫ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ދިޔަ އިރުފާނު ފިލްމުތަކުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑު ތަނުން މިހާރު ރަނގަޅު ކަމަށް އޭނާގެ ރައްޓެހިން ބުނެ އެވެ.

3- ސޮނާލީ ބޭންޑްރޭ

ބޮލީވުޑްގެ ބަތަލާ ސޮނާލީ ބޭންދުރޭ ކެންސަރު ބަލީގެ ޝިކާރައަކަށްވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އުމުރުން 43 އަހަރުގެ ސޮނާލީ، ކެންސަރަށް ފަރުވާ ހޯދުމަށް ނިއުޔޯކަށް ދިޔައިރު ކީމޯ ނެގުމުގެ ގޮތުން އޭނާގެ ރީތި އިސްތަށިގަނޑު ބާލައި އަސަރު ގަދަ ޕޯސްޓެއް ވެސް ސޯޝަލް މީޑިއާއަށް ހިއްސާކުރި އެވެ.

ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށް 12 އަހަރުގެ ފިރިހެން ދަރިއަކު ވެސް ލިބިފައި ވާއިރު އެ ކުއްޖާގެ ފަރާތުން ވެސް ވަރަށް ހިތްވަރު ލިބުނު ކަމަށް ސޮނާލީ ބުނެ އެވެ. ސޮނާލީގެ ފަރާތުން ފެނިގެން ދިޔަ ހިތްވަރާއެކު ގިނަ ބަޔަކު ދެކުނީ އޭނާއަކީ ހީރޯއެއްގެ ގޮތުގަ އެވެ.

4- ތަހިރާ ކަޝްޔަބް

ކެންސަރު ބަލީގެ ޝިކާރައަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަޔުޝްމަން ކުރާނާގެ އަންހެނުން ތަހިރާ ކަޝްޔަބް ވެސް ވިއެވެ. އުރަމަތީ ކެންސަރުގެ ޝިކާރައަކަށްވި ތަހީރާ ވެސް ފަރުވާ ހޯދުމަށް ބޯތަލަ ކޮށްލި އެވެ. ދުވަސްކޮޅަކު އިސްތަށިގަނޑެއް ޖަހައިގެން އުޅުމަށް ފަހު އޭނާ ދެން ފެނިގެން ދިޔައީ ތަލަކޮށް ބަހައްޓައިގެން އުޅެމުން އައި ތަނެވެ.

ފަރުވާ ހޯދަމުން ތާހިރާ އައީ އޭނާގެ ބަލި ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ. ތަހިރާގެ ބަލި ހާލަތު ވެސް މިހާރު ވަރަށް ބޮޑަށް ރަނގަޅެވެ.

5- ރާކޭޝް ރޯޝަން

ބޮލީވުޑު ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ އަދި ކުރީގެ އެކްޓަރު، ޕްރޮޑިއުސަރު، ރާކޭޝް ރޯޝަން ކެންސަރު ބަލީގެ ޝިކާރައަކަށްވި އެވެ. އެކަން ރިތިކް ހިއްސާ ކުރިއިރު ބައްޕަ ހުރީ ކެންސަރުގެ ފުރަތަމަ ސްޓޭޖުގައި ކަމަށް ރިތިކް ބުންޏެވެ.

ރާކޭޝްގެ އަންހެން ދަރި ސުނައިނާ ރޯޝަން އަށް ވެސް ވަނީ މީގެ ކުރިން ކެންސަރު ޖެހިފަ އެވެ. އެގޮތުން ސުނައިނާ އުފުލި ތަކުލީފުތަކާއި ގުޅޭ ގޮތުން "ޒިންދަގީ"ގެ ނަމުގައި އޭނާ އަންނަނީ އޭނާގެ ބްލޮގް މެދުވެރިކޮށް ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމަށް ލިޔުންތައް ވެސް ލިޔަމުންނެވެ.

6- އަނުރާގު ބާސޫ

ޑައިރެކްޓަރު އަނުރާގު ބާސޫއަކީ ވެސް ކެންސަރާ ހަނގުރާމަ ކުރި މީހެކެވެ. އެކަމާ ކުރިމަތިލުމަށް ފަހު އަނުރާގު ބުނީ، މަރާ ހަނގުރާމަ ކުރުމުން ދިރިއުޅުމުގެ ގިނަ ކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

ބަރްފީ އާއި ޖަގާ ޖާސޫސް އަދި ގޭންގް ސްޓާ ފަދަ ފިލްމުތައް އޭނާ ވަނީ ޑައިރެކްޓުކޮށްފަ އެވެ.

7- މަނިޝާ ކޮއިރާލާ

ބަތަލާ މަނިޝާއަށް ކެންސަރު ޖެހުނީ 2012 ވަނަ އަހަރެވެ. އޭނާ ވަނީ ހަ މަސް ދުވަހު ކެންސަރަށް ފަރުވާ ހޯދުމަށް ނިއުޔޯކުގައި އުޅެފަ އެވެ. އެގޮތުން ކުރި ސާޖަރީތަކާއި ކީމޯ ހެދުމުގައި އުފުލި ތަކުލީފު އޭނާ ވަނީ ކެންސަރުން ސަލާމަތްވެ އައުމަށް ފަހު ހިއްސާކޮށްފަ އެވެ.

އުމުރުން 49 އަހަރުގެ މަނިޝާ ވަނީ ސަނަމް އާއި ދިލްސޭ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ސަންޖޫ އިންނެވެ.

8- ލީސާ ރޭ

ލީސާ ރޭ ކެންސަރާ ހަނގުރާމަ ކުރީ 2009 ވަނަ އަހަރެވެ. އޭރު ތަރިންނަކީ އެމީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ސަޕޯޓަރުންނަށް އެހާ ހިއްސާކުރާ ބައެއް ނޫން ނަމަވެސް ލީސާ ވަނީ އޭނާގެ ހަޔާތަށް ބިންދާލި ރާޅުގެ ވާހަކަ ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ.

އޭގެ ފަހުން ލީސާ ވަނީ އެފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ކެންސަރު ފަދަ ބަލިތަކަކީ ބޮޑު ވޭނެއް އުފުލަން ޖެހޭ ބަލިތަކަކަށް ވާއިރު ބޮލީވުޑުގެ މި ތަރިން އެމީހުންގެ ހަޔާތަށް ކުރިމަތިވި އެންމެ ހިތްދަތި ވަގުތުގައި ދެއްކި ހިތްވަރުން ހިތްވަރު ހޯދަން ޖެހެ އެވެ.
ހިޔާލު