އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމެނުމަށް ފަހު އެ މީހާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެ ލިސްޓުގައި ހިމަނާފައި ވަނީ މުހައްމަދު އަމީން ނަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާއަކީ ސީރިއާ އާއި އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ފަރާތެއް ކަމަށް އެމެރިކާއިން ބުނެ އެވެ.
އޭގެ އިތުރުން އޭނާއަކީ އައިއެސްގެ އިރާގުގެ ގޮތްޕަށް ހަނގުރާމަވެރިން ރެކްރޫޓް ކުރާ މީހެއް ކަމަށާއި މިހާރު ރެކްރޫޓް ކުރާ މީހުން ފޮނުވަނީ އަފްގާނިސްތާނަށް ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީން ވަނީ ރާއްޖޭގެ ނޫސްވެރިއަކު އައިއެސްއާ ގުޅިގެން އަފްގާނިސްތާނަށް ދިޔުމަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅާފަ އެވެ. އެއީ އަމީނަށް ބޭނުންވާ ލިޔުންތައް ތަރުޖަމާ ކުރުމަށެވެ.
އަމީނާއި އޭނާގެ ބައިވެރިން އައިއެސްއަށް މީހުން ރެކްރޫޓް ކުރުމަށް ހަފްތާއަކު 10 ބައްދަލުވުން ބާއްވާ ކަމަށާއި ބައެއް ފަހަރު އޭނާގެ ގޭގައި ވެސް ބައްދަލުވުން ބާއްވާ ކަމަށް އެމެރިކާއިން ބުނެ އެވެ. އަދި ރާއްޖޭގެ ގޭންގުތަކާއި ކުށްވެރިންގެ ތެރެއިން އައިއެސްއަށް މެމްބަރުން ހޯދުމަށް އޭނާ މަސައްކަތް ކުރާ ކަމަށް ވެއެވެ.
އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރަން އުޅުން ރާއްޖެއިން ފިލައިގެން ގޮސް އުޅުނު މީހެއް ކަމަށް ވެއެވެ. އެކަމަކު ލަންކާއިން 2011 ވަނަ އަހަރު ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލާފަ އެވެ. އޭގެ ފަހުން އޭނާ ދޫވެފައި ހުރި ސަބަބު ސާފެއް ނުވެ އެވެ.
ނަމަވެސް އަމީން ދިރިއުޅޭ ގެ 2017 ވަނަ އަހަރު ވެސް ބަލައި ފާސްކޮށްފައި ވެއެވެ. ބްލޮގަރު ޔާމީނު ރަޝީދުގެ މަރަށް ފަހު، ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ފާސްކުރި ހަތަރު ގެއެއްގެ ތެރޭގައި ހިމެނޭ މ. ވޯލްނަޓަކީ އޭނާ އުޅޭ ގެކަމަށް ވެއެވެ.
އޭރު ވެސް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލޭގައި ބޮން ގޮއްވަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ފަހަރު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ފުރަތަމަ ކޯޓުން ދޫކޮށްލީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ބުނެ އެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވަނީ އެ މައްސަލާގައި ހައްޔަރު ކުރި އިސްހާގް އަލީ އަދި ހުސެން އަފީފު ބަންދުގައި ހުރި އިރު އެމީހުންނާ މެދު އަމަލު ކުރި ގޮތުގެ ސަބަބުންނާއި ބޭސް ފަރުވާގެ ހައްގު ނުދިނުމުން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ދެ މީހުން ވެސް ދޫކޮށްލާފަ އެވެ.
ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތަށް ފުލުހުން ހިންގި އޮޕަރޭޝަނަށް ފަހު ފާސްކުރި ބައެއް ތަންތަނުން، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ވެސް ފުލުހުން ހޯދި އެވެ. އޭގެ ތެރޭގައި، ބޮން ހެދުމަށް ބޭނުންކުރާ ކެމިކަލް އާއި އެހެން ބައެއް ސާމާނު ހިމެނެ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ބޮން ހެދުމުގެ ކުރިންނެވެ.